ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ އިންޓާނަލް އޮޑިޓް ޑިޕާޓްމެންޓް ރަގަޅަށް މަސައްކަތް ނުކުރާތީ އޮޑިޓް މަސައްކަތް އައުޓްސޯ ކުރަން ނިންމައިފި އެވެ.

ޕީއެސްމް އިން ބަޔާނެއްގައި ބުނެފައިވަނީ އިންޓާނަލް އޮޑިޓެއް ހަދަން އައުޓްސޯ ކުރަން ނިންމީ ވޭތުވެދިޔަ 14 މަސް ދުވަހުގެ ތެރޭ ޕީއެސްއެމްގެ އޮޑިޓް ޑިޕާޓްމަންޓްގެ މަސައްކަތުގެ ފެންވަރާއި ލަނޑުދަނޑިތައް ކުންފުނިން އެދޭ މިންވަރަށް ހާސިލްވެފައި ނުވާތީ ކަމަށެވެ. އަދި އެ ނިންމުން ގެނައީ ކުންފުނީގެ އޮޑިޓް ކޮމެޓީން ނިންމާފައިވާ ގޮތަށް ބޯޑުން ފާސް ކޮށްގެން ކަމަށް ވެސް އެކުންފުނިން ބުނެ އެވެ.

ޕީއެސްއެމްއިން އިތުރަށް ބުނީ އޮޑިޓް ޑިޕާޓްމެންޓެއްގެ މަސައްކަތަކީ އޮޑިޓް ރިޕޯޓް ހެދުން ކަމަށްވާއިރު އެ ޑިޕާޓްމަންޓުން އެފަދަ ރިޕޯޓެއް ހަދާފައި ނުވާ ކަމަށެވެ. އަދި އޮޑިޓް އައުޓްސޯސް ކުރަން ނިންމީ ކުންފުނީގެ އޮޑިޓް ޑިޕާޓްމަންޓްގެ މަސައްކަތް އޮޑިޓް ކޮމެޓީން ރިވިއު ކުރުމަށްފަހު ކުންފުންޏަށް އެންމެ ފައިދާ ބޮޑު ގޮތަކީ ކުންފުނީގެ ބޭރުން އޮޑިޓްގެ މަސައްކަތްކުރުންތޯ ބެލުމަށް ފަހު ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

ޕީއެސްއެމްއިން ބުނީ މިދިއަ 14 މަސް ދުވަހުގެ ތެރޭ ޕީއެސްމްގެ އޮޑިޓް ޑިޕާޓްމަންޓުން ކޮށްފައިވާ މަސައްކަތަކީ ކުންފުނީގެ ބައެއް މުވައްޒަފުންނަށް ތުހުމަތުކޮށް ލިޔުންތަކެއް ތައްޔާރު ކުރުން ކަމަށާއި އެ ލިޔުންތައް އިތުރަށް ތަހުގީގު ކުރަން އޭސީސީއަށް ވެސް ފޮނުވާފައިވާ ކަމަށެވެ.