ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ފުލުހުންނަށް ހާއްސަކޮށްގެން ތަރައްގީކުރާ ފްލެޓްތަކުގެ މަސައްކަތް ނިންމަން ދީފައިވާ މުއްދަތަށް ނުނިމޭނެ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމު ވިދާޅުވެއްޖެ އެވެ.
އެއްބަސްވުން އުވާލައި މަސައްކަތް ހުއްޓި 8 އަހަރުވެފައިވާ ފުލުހުންގެ "ޕޮލްކޯ" ފްލެޓްތައް އަށް މަސް ދުވަހު ތެރޭގައި ނިންމުމަށް އަމިން ކޮންސްޓްރެލްޝަނާ ވަނީ ހަވާލުކޮށްފަ އެވެ.
ހުޅުމާލޭގައި ފުލުހުންނާއި ސިފައިންނަށް ހާއްސަކޮށްގެން އަޅަން ފެށި ފްލެޓުތަކުގެ މަސައްކަތް ލަސްވާތީ އެކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އެންޑް އެންޓަޕްރައިސަސް (އެސްއޯއީ) ކޮމެޓީން ވަނީ މިއަދު ހައުސިން މިނިސްޓްރީގެ ބޭފުޅުންނާ ބައްދަލު ކުރައްވާފަ އެވެ.
މިބައްދަލުކުރެއްވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ ފްލެޓްތަކުގެ މަސައްކަތް ލަސްވެގެންދަނީ މިހާރު މަސައްކަތް ހަވާލުކުރި ކުންފުންޏާއި ހަވާލު ކުރުމުގެ ކުރިން އެތަނުގައި މަސައްކަތް ކުރި ސަބް ކޮންޓްރެކްޓަރުގެ ސަބަބުން ކަމަށެވެ. މިހާރުވެސް މަސައްކަތްތައް ކުރިއަށްދާ ގޮތަށް ބަލާއިރު މަސައްކަތް ނިންމަން އެއްބަސްވި މުއްދަތަށްވުރެ ދެމަސް ދުވަސް ލަސްވާނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ފުލުހުންގެ ފްލެޓްގެ މަޝްރޫއު ދެ ފަހަރެއްގެ މަތިން ހުއްޓި އެކި ފަރާތްތަކާ ހަވާލުކުރަން ޖެހުނު މައްސަލައާ ގުޅުވައިގެން، މި ފަހަރު މަސައްކަތް ނުހުއްޓި ކުރިއަށް ގެންދެވިދާނެތޯ ބައެއް މެމްބަރުން މިއަދު ސުވާލު ކުރެއްވި އެވެ. އެކަމާއި ގުޅިގެން ހައުސިން މިނިސްޓްރީން ބުނީ އެފަދަ ކަމެއް ދެން ކުރިމަތިވާނެ ކަމަށް ގަބޫލުނުކުރެވޭ ކަމަށެވެ. އަދި މަސައްކަތްވެސް ލަސްވެދާނެ ކަމަށް ނުބެލެވޭ ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.
އަމިން ކޮންސްޓްރަކްޝަނާ ހަވާލުކޮށްފައިވަނީ ފުލުހުންގެ 361 ހައުސިންގ ޔުނިޓްގެ ފިނިޝިން މަސައްކަތް 8 މަސްދުވަހުގެ ތެރޭގައި ނިންމުމަށެވެ. މިޔުނިޓްތަކަކީ 1100 އަކަފޫޓުގެ ޔުނިޓްތަކެކެވެ. މިއީ މުޅިން ވެސް 3 ކޮޓަރީގެ އެޕާޓްމަންޓްތަކެވެ. މިމަސައްކަތްތައް ނިންމުމަށް އަމީން ކޮންސްޓްރަކްޝަންއާ ހަވާލުކޮށްފައިވަނީ 274.5 މިލިއަން ރުފިޔާއަށެވެ.
ފުލުހުންނާއި ސިފައިންނަށް ހާއްސަކޮށްގެން 691 އެޕާޓްމަންޓްގެ 3 ޓަވަރު އެޅުމަށް ހަވާލުކުރީ 2013 ވަނަ އަހަރު އެވެ. މީގެ އަމަލީ މަސައްކަތް އޭގެ އަނެއް އަހަރު ވަނީ ފަށާފަ އެވެ. ފްލެޓްތަކުގެ ކޮންކްރީޓް މަސައްކަތްތައް ނިމިފައިވަނިކޮށް، މި މަސައްކަތުގެ ކޮންޓްރެކްޓަރ "ނޫމަޑި"އާއެކު ވެފައިވާ އެއްބަސްވުން އޭރުގެ ސަރުކާރުން އުވާލީ މާލީ ދަތިކަމުގެ ސަބަބުން ކަމަށް ބުނެ 2016ވަނަ އަހަރު އެވެ. ފްލެޓް ލިބޭ ސިފައިންނާ ފުލުހުންގެ ލިސްޓު ވެސް އޭރު އޮތީ އާއްމުކޮށްފަ އެވެ.
އޭގެ ފަހުން ފާއިތުވި 5 އަހަރު ވެސް އެ ފްލެޓްތަކުގެ އެއްވެސް މަސައްކަތެއް ކުރިއަށް ގެންގޮސްފައެއް ނުވެ އެވެ