ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ސިއްހީ މައްސަލަތައް ކުރިމަތިކުރުވާ ކަމެއްގެ އިތުރުން ތިމާވެށްޓަށް ވެސް އޭގެ އެތައް ގެއްލުމެއް ފޯރާކަމެއްކަމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަހުގެ މުނާސަބަތުގައި މިއަދު ފޮނުއްވި ހިތޯބުގަ އެވެ.
އެގޮތުން ރައީސް ވަނީ ރާއްޖޭގެ ރައްޔިތުން ދުންފަތުގެ ނުރައްކާތެރިކަމާ މެދު ރައްޔިތުން ހޭލުންތެރިކޮށް، ދުންފަތުގެ އިސްތިޢުމާލުކުރުމުގެ ނުބައި އާދައިން ރައްޔިތުން ދުރުކުރުމަށް މަސައްކަތް ކުރާ ހުރިހާ ފަރާތްތަކަށް ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުއްވާފަ އެވެ.
ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަސް ފާހަގަކުރުމަށް މިއަހަރު ހިންގާ ޙަރަކާތްތައް ދުނިޔޭގެ ފެންވަރުގައި ކުރިއަށް ގެންދަނީ، އިންސާނީ ދަރިފަސްކޮޅު މި ބިންމަތީގައި ދެމިއޮތުމަށް ނުރައްކާކުރާ ތިމާވެށީގެ މައްސަލައެއްގެ ގޮތުގައި ކަނޑައަޅައިގެންނެވެ.
ދުންފަތުގެ ބޭނުންކުރުމުން ކުރިމަތިވާ ޞިއްޙީ މައްސަލަތަކުގެ އިތުރުން ތިމާވެށީގެ ގޮތުން ކުރާ އަސަރުތަކަށް އެމަނިކުފާނު ވަނީ އަލިއަޅުވާލައްވާފަ އެވެ.
އެގޮތުން ސިނގިރޭޓް އުފެއްދުމަށްޓަކައި ކޮންމެ އަހަރަކު އެވްރެޖް ގޮތެއްގައި 600 މިލިއަން ގަސް ކަނޑާކަމާއި ސިނގިރޭޓް އުފައްދާ ކާރުޚާނާތައް ހިންގުމުގެ ތެރޭގައި، އަހަރަކު 84 މިލިއަން ޓަނުގެ ކާބަންޑައި އޮކްސައިޑް ޖައްވުގެ ތެރެއަށް ދޫކުރާކަމާއި ސިނގިރޭޓް އުފެއްދުމުގެ މަސައްކަތަށް އަހަރަކު އެވްރެޖް ގޮތެއްގައި، 22 ބިލިއަން ޓަނުގެ ފެން ބޭނުންކުރަން ޖެހޭކަން ރައީސް ފާހަގަކުރައްވާފައިވެ އެވެ.
ހަމައެހެންމެ ސިނގިރޭޓް ބުއިމަށް ފަހު ބާކީވާ ފިލްޓަރުގެ 4.5 ޓްރިލިއަން އެތިކޮޅު، ރައްކާތެރި ގޮތުގައި ނައްތާނުލައި އެކި ތަންތަނަށް އުކައިލުމުން، އެވްރެޖްކޮށް އަހަރަކު 766 ޓަނުގެ ވިހަ ކުނި އުފެދޭކަމާއި އޭގެ ސަބަބުން އެތައް ބައިވަރު ވިހަ ކެމިކަލްތައް، މި ބިމުގެ ވަޔާއި ފެނާއި ބިންގަނޑާ އެކުވެގެންދާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ދުންފަތުގެ އިސްތިއުމާލުކުރުމުގެ ސަބަބުން ތިމާގެ އަމިއްލަ ޞިއްޙަތަށާއި އަނެކުންގެ ޞިއްޙަތަށް، ގެއްލުންވާކަން ފާހަގަކުރައްވައި އެނގި ހުރެ އެހެންމީހެއްގެ ޞިއްޙަތަށް ގެއްލުން ދިނުމަކީ ކޮށްގެންވާނެ ކަމެއް ނޫންކަން ރައީސް ފާހަގަކުރެއްވި އެވެ.
ރައީސް ސޯލިހު ވަނީ އަންނަން އޮތް ޖީލުތައް ދިރިއުޅުމަށްޓަކައި، ދުނިޔޭގެ ޤުދުރަތީ ވެށި ރައްކާތެރިކުރުމުގެ ގޮތުންވެސް، ދުންފަތުގެ އިސްތިޢުމާލުކުރުމުގެ ނުބައި އާދައަށް ނޫނެކޭ ބުނުމުގެ ވަގުތު ޖެހިފައިވާކަމަށްވެސް ވިދާޅުވެފަ އެވެ.