ހުޅުމާލޭ ފޭސް ދޭއްގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ތަރައްގީ ކުރެއްވި ހިޔާ ފްލެޓް ސަރަހައްދު ފެހި ކުރުމަށް ހާއްސަ މަސައްކަތްތަކެއް ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން ފަށައިފި އެވެ.
ހިޔާ ޓަވަރު ތަކަކީ 25 ބުރިއަށް އިމާރާތްކޮށްފައިވާ ޓަވަރު ތަކެކެވެ. އަދި މިފަދަ 16 ޓަވަރުގައި މިހާރު މީހުން ދިރިއުޅެމުން އެބަދެ އެވެ. ހިޔާ ފްލެޓުތައް ހުންނަ ސަރަހައްދު ފެހި ކުރުމަށް އެޗްޑީސީއިން ހިކަނދި ފަތާއި ރާނބާ ފަތް ގަސް އިންދުމުގެ މަސައްކަތް އެޗްޑީސީން ވަނީ ފަށާފަ އެވެ.
ހިޔާ ސަރަހައްދުގެ ކޯޓް ޔާޑުތައް ނުވަތަ ކުދި ކުދި ޕާކުތައް ތަރައްގީ ކުރުމަށް ޕްލޭނިން ޑިޕާޓްމެންޓުން ނިންމާފައިވާ ކަމަށެވެ. އަދި ގަސްތައް އިންދާނެ ސަރަހައްދު ވެސް ފާހަގަކޮށް ގަސް އިންދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެ ކޯޕަރޭޝަން އިން ބުންޏެވެ.
އެ ސަރަހައްދުގައި އާއްމު ރައްޔިތުންނަށް ވެސް ތިބެވޭ ގޮތަށް ގޮނޑި ޖަހާފައި ހުންނާނެ ކަމަށް އެޗްޑީސީން ބުންޏެވެ. އެތަނުގައި އިންދާ ގަސްތަކަކީ އާއްމުންނަށް ވެސް ބޭނުން ކުރެވޭނެ ގަސްތަކެއް ކަމަށް އެޗްޑީސީން ބުނެ އެވެ.
ހިކަނދި ފަތާއި ރާނބާ ފަތުގެ އިތުރުން ގަނދަކޯޅި އާއި ލެމަން ގްރާސް ފަދަ ގަސްތައް ވެސް އެ ސަރަހައްދުގައި އިންދުމަށް ވަނީ ނިންމާފަ އެވެ.