ހަމައެކަނި ރަގަޅު ފެންވަރުގެ ތައުލީމު ލިބުމުން ފުއްދާލެވެން ނެތް ކަމަށާއި ވަޒީފާގެ މާހައުލުގައި ޒުވާން މަސައްކަތްތެރިންނަށް ހިންގުންތެރިކަމާއި، ފަންނީ ހުނަރުތައް ކުރިއެރުވުމުގެ ފުރުސަތުތައް ފަހިވެފައި އޮތުމަކީވެސް އެހާމެ ބޭނުންތެރި ކަމެއް ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.
ނައިބް ރައީސް ފައިސަލް މިހެން ވިދާޅުވީ "ނެޝަނަލް އެޗްއާރު ކޮންވެންޝަން އެންޑް އެކްޕޯ 2022" ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވަނީ ކޮވިޑް ބަލިމަޑުކަމުގެ ސަބަބުން އާންމުކޮށް މަސައްކަތްކުރާ ވައްޓަފާޅިއަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވި ކަމަށާއި އަދި އެއާއެކު ވަރަށް އަގުހުރި ފިލާވަޅުތަކެއް ދަސްވެގެން ދިޔަކަން ފާހަގަކުރެއްވި އެވެ. އަދި މި ބަލިމަޑުކަމުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން ނައިބް ރައީސް ވަނީ އިންސާނީ ވަޞީލަތާ، ހުނަރުތައް ތަރައްގީކުރުމާ ގުޅޭ ގޮތުން އީޖާދީ މަޝްވަރާތައް ކުރިޔަށްގެންދިއުމުގެ މުހިންމުކަން ކުރިޔަށްވުރެ މިހާރު މާބޮޑުކަން ފާހަގަކުރައްވާފަ އެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި މި ބަލިމަޑުކަމުގެ ސަބަބުން، އުފެއްދުންތެރިކަން ކުރިއެރުވުމަށް ކޮންމެ މުވައްޒަފަކު މޭޒުދޮށުގައި ތިބެންނުޖެހި ޓެކްނޮލޮޖީގެ ބޭނުންކޮށްގެން އެމަސައްކަތްތައް ކުރެވޭނެކަން އެނގިގެން ހިނގައްޖެކަން ފާހަގަ ކުރެއްވި އެވެ. ހަމައެހެންމެ ކޮވިޑްގެ ހާލަތުން އާންމު ހާލަތަކަށް ރުޖޫއަވަމުންދާއިރު، މުވައްޒަފުންގެ ޖިސްމާނީ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަންދޭ ފަދައިން މުވައްޒަފުންގެ ނަފްސާނީ ދުޅަހެޔޮކަމަކީ ވެސް އެހާމެ މުހިންމުކަން ދޭންޖެހޭ ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ނައިބު ރައީސްގެ ވާހަކަފުޅުގައި މި ސަރުކާރުން އިންސާނީ ވަސީލަތް ތަރައްގީކުރުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާކަން ފާހަގަކުރައްވައި މަތީ ތައުލީމަށް ސަރުކާރުން ފަހިކޮށްދެއްވަމުން ގެންދަވާ ހިލޭ އެހީތަކާއި، ސްކޮލަރޝިޕްތަކާއި، ލޯނުގެ ފުރުޞަތުތައް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން ނައިބު ރައީސް ވަނީ މުވައްޒަފުންނަށް ރައްކާތެރި އަދި ފަހި މާހައުލެއް ކަށަވަރުކޮށްދިނުމަށް ހުރިހާ ބައިވެރިންވެސް މަސައްކަތްކޮށްދެއްވުމަށް އެދިވަޑައިގެންނަވާފަ އެވެ. އަދި މަސައްކަތުގެ މައިދާނުގައި މަގު ދައްކައިދީ، މުވައްޒަފުންގެ ފުރިހަމަ ބޭނުން ހިފުމުން އެކަމުން މަގުފަހިވެގެންދާނީ ހަމައެކަނި އެ އިދާރާއެއްގެ ކާމިޔާބީ ނޫންކަމަށާއި އެ ކަމުން މުޅި ގައުމަށް ވެސް މަންފާ ކުރާނެ ކަން އެ މަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ
މޯލްޑިވްސް އެސޯސިއޭޝަން އޮފް ހިއުމަން ރިސޯސް ޕްރޮފެޝަނަލްސް (އެމްއޭއެޗްއާރްޕީ) އިން އިންތިޒާމުކޮށްގެން ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ކޮންވެންޝަންގައި ރާއްޖޭގެ މަޝްހޫރު ތަޖުރިބާކާރުންނާއި އަދި ބައިނަލްއަޤްވާމީ ތަޖްރިކާރުން ބައިވެރިވާނެ އެވެ. ނޭޝަނަލް އެޗްއާރު ކޮންވެންޝަން އެންޑް އެކްސްޕޯގެ މިއަހަރުގެ ޝިޢާރަކީ "ޓްރާންސްފޯމޭޝަން އެންޑް ކަލްޗަރ - ފިއުޗާ އޮފް ހިއުމަން ކެޕިޓަލް" އެވެ.