ރައީސް އަބްދުﷲ ޔާމީން ވެރިކަމުގައި ރިސޯޓް ހަދަން ދޫކުރި 85 ރަށެއް ނުހެދި އެބައޮތް ކަމަށާއި އަދި އެރަށްތައް ނުއަގުގައި ދޫކޮށް ވެރިކަމުން ފައިބާވަޑައިގެންނެވީ ދައުލަތަށް ލިބުނު ފައިސާކޮޅު ވެސް ހިއްޕަވައިގެން ކަމަށް ވިދާޅުވެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބަހުގެ ހަމަލާތަކެއް މިއަދު ދެއްވައިފި އެވެ.

ހއ. ހޯރަފުށީގައި ހެދި އެއާޕޯޓް ހުޅުވުމުގެ ރަސްމިއްޔާތުގައި މިއަދު ހަވީރު ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ކުރީގެ ސަރުކާރުން "ވިއްކާފައި" އޮތް 85 ރަށުން ދައުލަތަށް ލިބުނު އާމްދަނީއެއް ނެތް ކަމަށެވެ.

"އަޅުގަނޑުމެން މިހާތަނަށް އައިއިރު އެއްވެސް ފަޅު ރަށެއް އަދި ރިސޯޓް ހަދަން ދޫކޮށްފައެއް ނޯންނާނެ. އަދި އެ ހިސާބުން ނިމުނީއެއް ނޫނޭ އިނގޭތޯ. ރައީސް ޔާމީންގެ ވެރިކަމުގައި އެ ދޫކުރި ރަށްތައް ނުއަގުގައި ދޫކޮށް އެ ލިބުނު ފައިސާކޮޅު ވެސް ހިފައިގެން ވަޑައިގެންނެވީ،" ރައީސް ވިދާޅުވި އެވެ. "އެވެސް ބަޖެޓްގައި ހުރިނަމަތާ މިދަތި ހަލާތުގައި އަޅުގަނޑުމެންނަށް އެއިން ޚަރަދުކުރެވޭނީ."

މިއީ ރަސްމީ ޖަލްސާއެއްގައި ރައީސް ޔާމީނަށް މިގޮތަށް ރައީސް ސޯލިހު ބަހުގެ ހަމަލާތަކެއް ދެއްވި ފުރަތަމަ ފަހަރެވެ.

ދައުލަތަށް ލިބެންވާ އާމްދަނީއެއް ނެތް. ނުލިބޭ. އަޅުގަނޑުމެން މިހާތަނަށް އައިއިރު އެއްވެސް ފަޅު ރަށެއް އަދި ރިސޯޓް ހަދަން ދޫކޮށްފައެއް ނޯންނާނެ. އަދި އެ ހިސާބުން ނިމުނީއެއް ނޫނޭ އިނގޭތޯ. ރައީސް ޔާމީންގެ ވެރިކަމުގައި އެ ދޫކުރި ރަށްތައް ނުއަގުގައި ދޫކޮށް އެ ލިބުނު ފައިސާކޮޅު ވެސް ހިފައިގެން ވަޑައިގެންނެވީ،
ރައީސް

ރައީސް ސޯލިހު ވިދާޅުވީ ދައުލަތުގެ ދަރަނި ބޮޑު ކަމަށެވެ.

"މި ވާހަކަ ވެސް ރަނގަޅަށް ސާފުކޮށް އެނގިވަޑައިގަންނަވަން ޖެހޭ. ރައީސް ޔާމީން ވެރިކަމާ ހަވާލުވެވަޑައިގަންނެވިއިރު ރާއްޖޭގެ ދަރަނި އޮތީ 26 ބިލިއަން ރުފިޔާގައި،" ދައުލަތުގެ ދަރަންޏާ ބެހޭ ގޮތުން އެ މަނިކުފާނު ވިދާޅުވި އެވެ.

ނަމަވެސް ރައީސް ޔާމީން ވެރިކަމުން ފައިބާ ވަޑައިގެންނެވިއިރު ދައުލަތުގެ ދަރަނި 60 ބިލިއަން ރުފިޔާއަށް އިތުރުވެފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި މިވެރިކަމުގައި މިހާތަނަށް ނެގީ 15 ބިލިއަން ރުފިޔާގެ ދަރަނި ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"އަދި އޭގެ ކުރިޔަށް ޖެހިލަމާ ހިނގާ. 2008 ވަނަ އަހަރު އަޅުގަނޑުމެން އޭރު ވެރިކަމާ ހަވާލުވިއިރު [އެމްޑީޕީ ވެރިކަމާ ހަވާލުވިއިރު] ދައުލަތުގެ ދަރަނި އޮތީ 6.5 ބިލިއަން ރުފިޔާގައި. ތިން އަހަރަށްފަހު ދަރަނި އޮތީ 26 ބިލިއަނަށް އަރާފައި،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ދައުލަތަށް ދަރަނި ނެގުމަކީ މި ސަރުކާރުން ކުރިކަމެއް ނޫން ކަމަށް ވަރަށް ސާފުކޮށް ދަންނަވާ ކަމަށެވެ. އަދި މިއަހަރުގެ ބަޖެޓްގައި ދަރަނި ދެއްކުމަށް ޖަހާފައިވާ ހަތަރު ބިލިއަން ރުފިޔާއަކީ ކުރީގެ ސަރުކާރުތަކުން ނަގާފައި ހުރި ދަރަނިތައް ދައްކަން ހިމަނާފައިވާ އަދަދެއް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"ފައިސާ ހޯދަން ޖެހޭ. އަޅުގަނޑުމެންނާ ހިސާބަށް ވަރުތަވިއިރު ދައުލަތުގެ ރިޒާވްގައި ނެތް ލާރިއެއް. 250 މިލިއަން ޑޮލަރު އިނީ. ދެން ކިހިނެތްތޯ ކަންތައް ކުރާނީ،" ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ މިދަތި ހާލުގައި ވެސް ދައުލަތުގައި ރިޒާވްގައި މިހާރު ވެސް 250 މިލިއަން ޑޮލަރު ހުންނާނެ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ ހަރުމުދާ ނުވިއްކައި މިރާއްޖެ އަމާން އައްސޭރިއަކަށް އަޅުގަނޑުމެން ގެންގޮސްދޭނަން،" ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ މިދިޔަ ދުވަސްތަކުގައި ސަރުކާރުގެ ވަޒީފާއަކުން އެއްވެސް މީހަކު ވަކިކޮށްފައި ނުވާނެ ކަމަށާއި މަސް ނިމެންވާއިރަށް މުސާރަ ވެސް ދީފައިވާނެ ކަމަށެވެ.

"މިއީ ދަތި ވަގުތެއް. އެހެން ނަމަވެސް އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިވަގުތަކީ ފައިސާ [ދަރަންޏަށް] ހޯދައިގެން ނަމަވެސް މިކަންތައްތައް ކުރަން ޖެހޭނެ ވަގުތު،" ރައީސް ވިދާޅުވި އެވެ.

މިއީ ދަތި ވަގުތެއް. އެހެން ނަމަވެސް އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިވަގުތަކީ ފައިސާ [ދަރަންޏަށް] ހޯދައިގެން ނަމަވެސް މިކަންތައްތައް ކުރަން ޖެހޭނެ ވަގުތު،
ރައީސް

އަންނަ އަހަރުގެ ބަޖެޓާ ބެހޭ ގޮތުން ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އެ ބަޖެޓްގައި ހިމަނާފައިވާ ގިނަ މަޝްރޫއުތަކަށް ފައިސާ ހުރީ ހަމަޖެހިފައި ކަމަށެވެ. އަދި ބަޖެޓާ ބެހޭ ގޮތުން މެމްބަރުން ބަހުސްކުރިއިރު ދެއްކެވި ބައެއް ވާހަކަތައް އަޑު އެއްސެވި ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

"ބައެއް ބޭފުޅުން ވިދާޅުވަމުން ގެންދިޔައީ ބަޖެޓް ކުޑަކުރަން. އަޅުގަނޑު ދަންނަވާނީ މިއީ މިޕްރޮޖެކްޓްތައް ހުއްޓާލަންވީ ވަގުތެއް ނޫނޭ،" ރައީސް ވިދާޅުވި އެވެ.

އެހެންވެ އެ ބަޖެޓް ފާސްކޮށްދިނުމަށް ރައީސް ސޯލިހު ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަރިހުން ވެސް އެދިވަޑައިގެންފަ އެވެ.

ރައީސް ވިދާޅުވީ މިދަނޑިވަޅުގައި ސަރުކާރުން ކުރަން ޖެހޭނެ ކަމަކީ އިގްތިސާދު ހިންގުން ކަމަށެވެ. އަދި ބަޖެޓްގައި ހިމަނާފައިވާ ޕްރޮޖެކްޓްތަކަށް ފައިސާ ލިބިފައިވާތީ އެ ޕްރޮޖެކްޓްތައް ހުއްޓާނުލައްވާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ ކޮވިޑްގެ ވެކްސިނެއް ލަސްވެގެން ފަސް މަހެއްހާ ދުވަހުގެ ތެރޭގައި ރާއްޖެއަށް ލިބޭނެ ކަމަށް ވެސް ވިދާޅުވި އެވެ. އަދި އެ ވެކްސިން ރާއްޖެ ގެނައުމުން ދިރިއުޅުން އާއްމު ހާލަތަކަށް ގެނެވޭނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.