މިހާރު މާލެ ސީޓީ ކައުންސިލުން މަސައްކަތް ކުރަނީ ވަރަށް ދަތި މާހައުލެއްގައި ކަމަށް ވިދާޅުވެ މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކަންބޮޑުވުން ފާޅުކޮށްފި އެވެ.
މޭޔަރު ޑރ. މުއިއްޒު ކަންބޮޑުވުން ފާޅުކޮށްފައިވަނީ މާލެ ސިޓީ ކައުންސިލުގެ ހަތަރު ވަނަ ދައުރަށް އެއް އަހަރު ފުރުމުގެ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
ހުރިހާ ކައުންސިލަރުން ބައިވެރިވި ނޫސްވެރިންގެ ބައްދަލުވުމުގައި މޭޔަރު މުއިއްޒު ވިދާޅުވީ ކައުންސިލުން ކުރާ ހުރިހާ ކަމަކަށް އެކި ގޮތް ގޮތުން ހުރަސްތައް ކުރިމަތިވަމުން އަންނަ ކަމަށެވެ. އެގޮތުން ކައުންސިލަށް ބޭނުންވާ މުވައްޒަފުން ނެގުމަށް ސިވިލް ސާވިސް ކޮމިޝަނުން ހުރަސް އަޅަމުން އަންނަކަން މޭޔަރު ފާހަގަ ކުރެއްވި އެވެ. އަދި މިކަމުގައި އެލްޖީއޭ އާއި ފިނޭންސް މިނިސްޓްރީގެ އެއްބާރުލުން ލިބޭކަން މޭޔަރ ފާހަގަކުރެއްވި އެވެ.
"ސިވިލް ސާވިސް ކޮމިޝަން ހުރަހަކަށް ވެގެން މިއުޅެނީ.ހަރަދު ކުރަނީ އަޅުގަނޑުމެންގެ ރެވެނިއު އިން. އެލްޖީއއޭ އާއި ފިނޭންސް މިނިސްޓްރީގެ މައްސަލައެއްނެތް. މާލެ ސިޓީ ކައުންސިލަށް ހުރަސްއަޅާ ވަކި މުއައްސަސާ އަކީ ސިވިލް ސާވިސް ކޮމިޝަން. ވަޒީފާތަކަށް މީހުން ނެގުމުގަވެސް ކަނޑަ އެޅިގެން ދެކޮޅު ހަދަނީ.ޕްރޮފެޝަނަލް އެއްނޫން އެތަނުގަ މަސައްކަތްކުރާގޮތް. ސިޔާސީ އެކްޓިވިސްޓުން މަސައްކަތްކުރާގޮތަށް މަސައްކަތް ކުރައްވަނީ ޒިންމާދާރެއްނޫން،" މޭޔަރު ވިދާޅުވި އެވެ.
މޭޔަރުގެ އިތުރުން ޑެޕިއުޓީ މޭޔަރު ނަރީޝްގެ ވާހަކަފުޅުގައި ވެސް ސަރުކާރުން ލާމަރުކަޒީ ނިޒާމަށް އަމަލު ނުކުރައްވާކަމަށް ވަނީ ފާހަގަ ކުރައްވާފަ އެވެ.
މީގެ އިތުރުން ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު ސައިފް ވެސް ވަނީ ލާމަރުކަޒީ ނިޒާމުން ކައުންސިލްތަކަށް ލިބިދޭންޖެހޭ ބާރުތައް ލިބުމުގައި މާލެ ސިޓީ ކައުންސިލަށް ދިމާވާ ގޮންޖެހުންތަކާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.
މިނޫސްވެރިންގެ ބައްދަލުވުމުގައި ހުޅުމާލެ ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވީ ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތް ކުންފުންޏެއްގެ ދަށުގައި އޮތުމަކީ ކަންބޮޑުވެ ވަޑައިންނަވާ ކަމެއްކަމަށެވެ.
"ހުޅުމާލޭގެ އިހްތިޞާސް ޤާނޫނުގައި ކަނޑައެޅިފައި އޮންނައިރު، އިހްތިޞާސީ ބާރުނުދީ ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތް ކުންފުންޏެއްގެ ދަށުގައި ތާށިވެފަ އޮތްއޮތުން މިއީ އަޅުގަނޑު ވަރަށް ކަންބޮޑުވެ ހިތާމަ ކުރާކަމެއް،" ޝުޖާއު ވިދާޅުވި އެވެ.
ކައުންސިލް ހިންގުމުގައި ދިމާވާ މިފަދަ ދަތިތައް ހައްލުކުރުމަށް މާލެ ސިޓީ ކައުންސިލަށް އެއްބާރުލުން ދެއްވާ ހުރިހާ ފަރާތްތަކާއި އެކުވެސް ކުރިއަށް ވަޑައިގަންނަވާނެ ކަމަށް މޭޔަރު ވިދާޅުވި އެވެ. އަދި ލާމަރުކަޒީ ނިޒާމު ބައްޓަންވެގެން ވަނީ ކައުންސިލްތަކަށް ލިބިދޭންޖެހޭ އެއްބާރުލުން ހުރިހާ ފަރާތްތަކުންވެސް ދީގެންކަމަށް މޭޔަރު ވިދާޅުވިއެވެ. މޭޔަރު ވާހަކަ ފުޅުގައި ވަނީ މާލެ ސިޓީ ކައުންސިލަށް އެކި ގޮތްގޮތުން އެހީތެރިވެ ދެއްވި ފަރާތްތަކަށް ޝުކުރު ދަންނަވާފަ އެވެ.