ސަރުކާރުގެ ކުންފުނިތަކުން އިމާރާތްކުރުމުގެ ސިނާއަތުގެ ތެރެއަށް ވަނުމަކީ ސަރުކާރުގެ ސިޔާސަތެއް ނޫންކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
ސަރުކާރުގެ އެކިއެކި ކުންފުނިތަކުން ކޮންސްޓްރަކްޝަން އިންޑަސްޓްރީއަށް ވަންނާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް މަޖިލީހުގައި ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ، ސަރުކާރުގެ އެހެނިހެން ކަންކަމަށް ހާއްސަކޮށްފައި ހުރި އެސްއޯއީތަކުން އިމާރާތްކުރުމުގެ ސިނާއަތައް ވަނުމަކީ ސަރުކާރުން ބާރުއަޅާ އަދި ކުރަން ބޭނުންވާ ކަމެއް ވެސް ނޫން ކަމަށެވެ. އަދި ސްޓެލްކޯ، ސިފްކޯ، ޕޮލްކޯ، އަދި ފެނަކަ ފަދަ ކުންފުނިތަކުން އިމާރާތްކުރުމުގެ ސިނާއަތުގެ ތެރެއަށް ވަނުމަށް އަދި ވެއްދުމަށް ވެސް ސަރުކާރުން މަސައްކަތް ނުކުރާނެކަން މިނިސްޓަރު ވިދާޅުވި އެވެ.
އަސްލަމް ވިދާޅުވީ، ޕްލޭނިން މިނިސްޓްރީން ސަރުކާރުގެ އެސްއޯއީތަކަށް އެފަދަ މަސައްކަތްތައް ނުދޭނެ ކަމަށެވެ. ނަމަވެސް ދާދިފަހުން އެ މަސައްކަތް ސިފްކޯއަށް ދިންކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، އެ މަސައްކަތް ސިފްކޯއާއި ހަވާލުކުރީ ސިފްކޯ ނޫން ބަޔަކު ލައްވައި އެ މަސައްކަތް ކުރުމަށް ސަލާމަތީ ހިދުމަތްތަކުން ދެކޮޅު ހެދުމުން ކަމަށެވެ.
"ޓެންޑަރަށް ލައިގެން ސަރުކާރުގެ އެސްއޯއީތަކަށް އެ މަސައްކަތް ދިނުމަކީ އަޅުގަނޑުމެން ކުރާކަމެއް ނޫން. ކޮންޓްރެކްޓަރުންގެ ގޮތުގައި ރަޖިސްޓްރީވުމަށް އެބަހުރޭ ލާފަ. ގާނޫނީގޮތުން މަނާކަމެއް ނޫން އެ މީހުން އެކަން ކުރުމަކީ. އެކަމަކު އަޅުގަނޑު ދެކޭގޮތުގައި އެ މީހުން ވަދެގެން ނުވާނެ. އަދި ނުވަދެވޭ ގޮތައް ގާނޫނެއް އޮތުމަކީ ވެސް ރަނގަޅުކަމެއް. އެއީ ވަކި ކަމަކަށް ހުރި ކަންކަން. އެތަންތަނުން ވިޔަފާރި ފުޅާކޮށް އެހެން ދާއިރާތަކަށް ވަދެ އުޅުމުން އެ މީހުންގެ ފޯކަސް ގެއްލިގެންދާނެ،" އަސްލަމް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ، ސަރުކާރުގެ ވަކި ކަމަކަށް ހާއްސަކޮށްފައި ހުންނަ ކުންފުނިތަކުން އިމާރާތްކުރުމުގެ ސިނާއަތުގެ ތެރެއަށް ވަނުމަކީ އެމީހުންގެ ޕޯކަސް ގެއްލިގެންދާނެ ކަމެއް ކަމަށެވެ. އެކަމަށް ސަރުކާރުން އެއްވެސް ގޮތަކަށް ބާރުނާޅާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.