ގދ. ހޯނޑެއްދޫއިން 19 މީހަކު ކޮވިޑަށް ޕޮޒިޓިވްވެ، އެ ރަށު ތެރޭގައި ބަލި ފެތުރުމުގެ ބިރު ބޮޑުވެއްޖެ އެވެ.
ކޮވިޑް-19 ގެ ޕޮޒިޓިވް ކޭސްތަކެއް ފެނުމާ ގުޅިގެން ގދ. ހޯޑެއްދުއަށް އަރައި ފޭބުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިއްޔެ ވަނީ މަނާކޮށްފަ އެވެ.
އެޗްޕީއޭގެ އޮފިޝަލަކު ވިދާޅުވީ ހޯޑެއްދޫން ލޯކަލް ޓްރާންސްމިޝަނެއް އޮތްކަން އެނގުނީ ސާމްޕަލް ޓެސްޓްތަކެއްގެ ނަތީޖާ މިއަދު ލިބުމާ ގުޅިގެން ކަމަށެވެ.
އެޗްޕީއޭ އިން ބުނިގޮތުގައި ހޯޑެއްދޫން 19 މީހަކު ޕޮޒިޓިވްވެފައި ވަނީ އެ ރަށުން ކުރިން ޕޮޒިޓިވްވި ދެ މީހާ ސީދާ ކޮންޓެކްޓްވި 36 މީހެއްގެ ސާމްޕަލްގެ ތެރެއިން ކަމަށެވެ. އަލަށް ޕޮޒިޓިވް މީހުންގެ ތެރޭގައި 11 ފިރިހެނަކާއި 8 އަންހެނަކު ހިމެނެ އެވެ. ޕޮޒިޓިވްވި މީހުންގެ ތެރޭގައި އެއް އަހަރުން ދަށުގެ އެއް ކުއްޖެއްގެ އިތުރުން 1- 18 އަހަރާ ދެމެދުގެ 8 ކުއްޖަކާއި 18- 50 އަހަރާ ދެމެދުގެ 7 މީހެއް އަދި 50 އަހަރުން މަތީގެ 2 މީހަކު ހިމެނެ އެވެ.
އެރަށުން އެންމެ ފުރަތަމަ ޕޮޒިޓިވްވެފައި ވަނީ ހޯމް ކަރަންޓީނު ފުރިހަމަ ކުރި ހަ މީހެކެވެ. އޭގެތެރެއިން ހަތަރު މީހުންނަކީ އެއް ގެއެއް ގައި ދިރިއުޅޭ އެއް އާއިލާއެއްގެ މީހުންނެވެ. ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހަ އަހަރުގެ ކުއްޖަކާއި 10 އަހަރުގެ ކުއްޖަކު ވެސް ހިމެނެ އެވެ.
އެޗްއީއޯސީން ބުނީ އެ ރަށުގައި ލޯކަލް ސްޕްރެޑެއް އޮތް ކަމަށް އަދި ނުނިންމާ ކަމަށެވެ.
ހޯޑެއްދޫ މޮނިޓަރިންގެ ހާލަތަށް ގެންދިޔައީ ޕޮޒިޓިވް ކޭސްތަކާ ގުޅިގެން އިތުރަށް ބަލަންޖެހޭ ބެލުންތައް ބެލުމަށެވެ.
ރާއްޖޭގެ ގިނަ ރަށްތަކުން މިހާރު ވަނީ ކޮވިޑްގެ ޕޮޒިޓިވް ކޭސްތައް ފެނިފައެވެ. އެ ހުރިހާ ރަށަކުން ވެސް ޕޮޒިޓިވްވެފައި ވަނީ ހޯމް ކަރަންޓީނު ފުރިހަމަކުރި މީހުންނެވެ.
މީގެ ކުރިން ށ. ނަރުދޫން ވެސް ލޯކަލް ޓްރާންސްމިޝަނެއްގައި 13 މީހަކު ޕޮޒިޓިވްވެފައިވެ އެވެ. ނަމަވެސް މިހާރު އެ ރަށުގައި ބައްޔަށް ޕޮޒިޓިވްވެފައިވާ މީހެއް ނެތެވެ.
ކޮވިޑް-19 ގެ ކޭސްތައް ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނާތީ އެޗްޕީއޭ އިން ވަނީ މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށްފައެވެ. އެގޮތުން މާލެ ސަރަހައްދުގައި ރޭގަނޑު 8:00 އިން ފެށިގެން 9:30 އަށް ހިނގާފައި އުޅެންޖެހޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ. އަދި ރޭގަނޑު 9:30 އިން ފެށިގެން ފަތިހު 5:00 އަށް މަގުމަތީގައި އުޅުން ވެސް ވަނީ މަނާކޮށްފަ އެވެ.