ދިވެހި ފިލްމް އިންޑަސްޓްރީގައި ފާހަގަކޮށްލެވޭ ޑައިރެކްޓަރުންގެ ތެރޭގައި ހިމެނޭ އިލްޔާސް ވަހީދު (އިއްލެ)ގެ އައި ފިލްމްސްއިން ގެނެސްދޭން ނިންމާފައިވާ ޑްރާމާ ސިލްސިލާ "ބިރުވެރި ވާހަކަ"ގެ ޓީޒާ ދައްކާލައިފި އެވެ.
އިއްލެ ޑައިރެކްޓްކުރާ "ބިރުވެރި ވާހަކަ" ޓީޒާއިން ފެންނަ ގޮތުގައި މި ޑްރާމާ ވަރަށް ވެސް ބިރުވެރިވާނެ ކަމަށް ބެލެވެ އެވެ.
މި ޓީޒާއިން މުޅިން ވެސް ފެންނިފައި ވަނީ ބިރުވެރި ކަމެއް ދިމާވެގެން އެކަމުން ސަލާމަތްވާ އުޅޭ މަންޒަރުތަކެކެވެ.
ދިރާގު ޓީވީ އިން ދައްކާ މި ޑްރާމާ ސިލްސިލާއިން ފެނިގެންދާ ތަރިންގެ ތެރޭގައި މަރިޔަމް އައްޒަ އާއި އައިޝަތު ރިޝަމީ އަދި ނުޒުހަތު ޝުއައިބް އާއި ޝަރަފް އާއި ވިޝާލް (ރޯމަން) ހިމެނެ އެވެ. އަދި ޓިކްޓޮކްއިން މިހާރު ފާހަގަކޮށްލެވޭ ބައެއް ފަރާތްތައް ވެސް މި ސިލްސިލާއިން ފެނިގެންދާނެ އެވެ.
މިމަހު ކުރީކޮޅު ވަނީ މިސިލްސިލާގެ ޕްރޮމޯ ލަވައެއް ކަމަށްވާ "ޝައިތޯނާ" ވެސް ނެރެފަ އެވެ. އެ ލަވައަށް ވެސް ގިނަ ބައެއްގެ ތަރުހީބު ވަނީ ލިބިގެން ގޮސްފަ އެވެ.
މި ލަވައިން އެންމެ ފާހަގަކުރެވޭ އަނެއް ކަމަކީ ރުތުބާ އަހުމަދުގެ މޭކަޕްކުުރުމުގެ ކުޅަދާނަ ކަމެވެ. އަދި އޯކޭޒް އިންކްގެ ވަރަށް ފުރިހަމަ މަސައްކަތެއް ފެނިގެންދެ އެވެ. މި ހިތްގައިމު ލަވަ ޑައިރެކްޓް ކޮށްފައިވަނީ އިއްލެ އެވެ.
އިއްލެގެ ފިލްމުތަކާއި ޑްރާމާ ސިލްސިލާތަކަކީ މިފަހުން ދިވެހިންގެ މެދުގައި މަގުބޫލު އުފެއްދުންތަކަށް ވެފައިވާތީ ގިނަ ބަޔަކު ވަނީ “ބިރުވެރި ވާހަކަ” އަކީވެސް ބެލުންތެރިންނަށް ކަމުދާނެ އުފެއްދުމަކަށް ވާނެ ކަމަށް ގަބޫލު ކުރަމުންނެވެ.