މާބަނޑު ދުވަސްވަރަކީ އަންހެނެއްގެ ދިރިއުޅުމަށް ގިނަ ބަދަލުތަކެއް އަންނަ ދުވަސްވަރެކެވެ. ތިމާއަށާއި ތިމާގެ ދަރިފުޅުގެ ސިއްހަތު ރަނގަޅު ކުރުމަށްޓަކައި އެތައް ކަމެއް ކުރަން ޖެހެ އެވެ. އެގޮތުން އާއްމު ދިރިއުޅުމުގައި ކުރާ ބައެއް ކަންކަމަކީ މި ދުވަސްވަރު ކުރުން އެދެވިގެންވާ ކަންކަމެއް ނޫނެވެ. އެފަދަ ކަންކަމަށް މި ލިޔުމުގައި ބަލާލާނަމެވެ.
ބަރު އެއްޗެހި އުފުލުން
ބަލިވެ އިނުމަށްފަހު ފުރަތަމަ 3 މަސްފާއިތުވުމުން ބަރު އެއްޗިހި އެއްތަނުން އަނެއްތަނަށް ކޮއްޕާ، ދަމާފައި ނޫނީ އުފުލައިގެން ގެންދިޔުން އަދި ބަރު އެއްޗިހި އުފުލުން އެއީ އެއްގޮތަކަށްވެސް ކުރުން ރަނގަޅު ކަމެއް ނޫނެވެ. މިއީ މާބަނޑުމީހާގެ ބުރަކަށީގެ މައްސަލަތައް އިތުރުވެ ބުރަކަށްޓަށް އަނިޔާވެ އެކަމުގެ ވޭން ގަދަ ވެދާނެ ކަމެކެވެ. އެއީ މި ދުވަސްވަރަކީ ހޯމޯނަށް އަންނަ ބަދަލުތަކެއްގެ ސަބަބުން ހުޅުހުޅާއި އުނަގަނޑުގައި ހުންނަ ޓީޝޫތަ ދޫވާ ދުވަސްވަރަކަށް ވާތީ އެވެ.
މާ ގިނައިރު ކޮޅަށް ހުުރުން
ކޮޅަށްހުރެ މާގިނަވަގުތު ކުރަންޖެހޭ މަސައްކަތް ކުރުމަކީ ހެނދުނު ހޭލާއިރު ވަރުބަލި ވުމާއި ބޯއެނބުރުން ފަދަކަންތައް އިތުރުވެދާނެ ކަމެކެވެ. މާގިނައިރު ކޮޅަށް ހުރުމުން ފަޔަށް އަންނަ ޕްރެޝަރުގެ ސަބަބުން ފައިތިލަ ދުޅަވުމުގެ މައްސަލަ އާއި ބުރަކަށީގައި ރިއްސުމުގެ މައްސަލަ ކުރިމަތިވެ އެވެ.
ގުދުވުން
އާއްމު ދިރިއުޅުގެ ގިނަ ކަންކަމަކީ ގުދުވެގެން ކުރަން ޖެހޭ ކަންކަމެވެ. މާ ބޮޑަށް ގުދުވެ އުޅޭނަމަ މާބަނޑު ވުމާއެކު މައިމީހާގެ ހަށިގަނޑުގެ މެދުގައިވާ ބަރުދަނުގެ ސަބަބުން ބުރަކަށިން ގޮސް ފަޔާ ގުޅިފައިވާ ނާރަށް މައްސަލަ ޖެހެ އެވެ. ގުދުވެގެން އެއްވެސް މަސައްކަތެއް ކުރަނިކޮށް ބުރަކަށްޓަށް ނޫނީ ފަޔަށް އުނދަގުލެއް ވާނަމަ ވަގުތުން މަސައްކަތް ހުއްޓާލާށެވެ.
ކެމިކަލް ޕްރޮޑަކްޓްތައް ބޭނުން ކުރުން
ދިރާސާތަކުން ދައްކާގޮތުގައި ސާފު ކުރަން ގެންގުޅޭ ލިކުއިޑްތަކުގައި ގިނައިން ހިމެނޭ ޕައިޕެރޮނީލް ބަޓޮކްސައިޑް ފަދަ ކެމިކަލް ތަކަކީ އިންސެކްޓިސައިޑް ފަދަ ކެމިކަލް ތަކުގައި އެކުލެވޭ ވިހަގަދަ ކެމިކަލް އެކެވެ. މިފަދަ ކެމިކަލް ތަކުން ބަނޑުގައިވާ ދަރިފުޅުގެ ސިކުނޑި ހެދިބޮޑުވުމަށް ހުރަސް އެޅެ އެވެ. ގޭގައި ބޭނުން ކުރާ މިފަދަ ކެމިކަލް ގަންނަ އިރު ބަލަންވީ ވިހަ މާއްދާ ނުލާ އުފައްދާފައި ހުންނަ ޕްރޮޑަކްޓްތައް ގަތުމަށެވެ.