ފުވައްމުލަކުގައި ޑައިވިން އަށް ގޮސް އުޅެނިކޮށް ހޯމަ ދުވަހުގެ ހަވީރު ގެއްލުނު މުހައްމަދު ސައީދު މަސް ހިފަން ގެންގުޅުނު ކަމަށް ބެލެވޭ އާލާތެއް ފެނިއްޖެ އެވެ.
އެމްއެންޑީއެފުން ބުނީ އެ އާލާތް ފެނުނީ ކޯސްޓްގާޑްގެ ޑައިވަރުން ސައީދު ގެއްލުނު ސަރަހައްދަށް ޑައިވް ކުރުމުގެ ތެރޭގައި 59 މީޓަރު އަޑިން ކަމަށެވެ. ކައްޗަކަށް ވާ ގޮތަށް ހެދިފައި އޮތް ފަރުގެ ސަރަހައްދުގެ ފުންމިނުގައި، އެ އާލާތް ފެނުނު ޕޮއިންޓުން ފެށިގެން 70 އާއި 100 މީޓަރާ ދެމެދު ހުންނާނެ ކަމަށް އެމްއެންޑީއެފް އިން ލަފާކުރެ އެވެ.
ސައީދު ހޯދުމަށްޓަކައި ކަނޑުމަގުން 55 ސްކްއާ ނޯޓިކަލް މެއިލްސްގެ ސަރަހައްދެއް ސިފައިން ވަނީ ބަލައިފަ އެވެ.
އެމްއެންޑީއެފް އިން ބުނީ އޭނާ ހޯދުމުގެ މަސައްކަތުގައި ދެ ހާބާ ކްރާފްޓް ބޭނުން ބޭނުންކުރަމުން އަންނަ ކަމަށެވެ. އަދި ވައިގެ މަގުން ބެލުމަށްޓަކައި ޑޯނިއާ ފްލައިޓެއް އެ ސައިޓަށް ދިއުމަށް ދަތުރު ފަށާފައިވާ ކަމަށް ވެސް އެމްއެންޑީއެފް އިން ބުންޏެވެ.
އޭނާ ހޯދުމަށް ފުވައްމުލަކުގެ ޑައިވަރުން ވެސް އަންނަނީ ހަރަކާތްތެރިވަމުންނެވެ.
ފުވައްމުލަކުގައި ޑައިވިން ސެންޓަރެއް ހިންގާ އެރަށު ނޫވިލް، މުހައްމަދު ސައީދަކީ ގާތްގަނޑަކަށް ވިއްސަކަށް އަހަރުގެ ތަޖުރިބާ ލިބިފައިވާ މީހެކެވެ. އޭނާ އިއްޔެ ޑައިވިންއަށް ދިޔައީ ފަތުރުވެރިން ގޮވައިގެނެވެ. އިއްޔެ އޭނާ ޑައިވިންއަށް ދިޔައީ 14 މީޓަރު އަޑިއަށެވެ.
"އެ ސަރަހައްދުގައި ތިބި މީހުން ބުނާ ގޮތުގައި ޑައިވިންއަށް ދިޔަ ސަރަހައްދުގެ އޮއިވަރު ވަރަށް ގަދަ. އެހެންވުމުން ބޭރަށް އޮއިވަރު އޮތިއްޔާ ހޯދަން އުނދަގޫވެދާނެ،" އެރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
ގެއްލިގެން ހޯދަމުންދާ ސައީދު ޑައިވިނަށް ފޭބީ ހޯމަ ދުވަހުގެ 2:30 ހާއިރު އެވެ. އެހާދިސާގެ ރިޕޯޓް ލިބިފައި ވަނީ އިއްޔެ 3:45 ހާއިރު ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.
ސައީދާއެކު އިއްޔެ ޑައިވިނަށް ގޮސް އުޅުނު ޒުވާނެއްގެ ހާލު ދެރަވެ ކަނޑިންމަ ރިސޯޓްގެ ޗެމްބަރުގައި އަންނަނީ ފަރުވާދެމުންނެވެ.