މާދަމާއަކީ މިއަހަރުގެ ފިތުރު އީދު ދުވަހެވެ. އީދަށް ވަގުތު ކުޑަތަންވެފައި ވާއިރު އެކި މީހުން މި އީދަށް ތައްޔާރުވާނީ އެކި ގޮތްގޮތަށެވެ. ނަމަވެސް މިކަމުގައި ސަމާލުވާންޖެހޭ ބައެއް ކަންކަން ހުރެ އެވެ.
އެންމެ ފުރަތަމަ އޮތީ ފިތުރު ޒަކާތުގެ ވާޖިބެވެ. އީދުގެ ދުވަހުގެ ހެނދުނުގެ ކުރިން ދައްކަން ޖެހޭ މި ޒަކާތް ވީހާ ވެސް ކުރިން ދެއްކުމަކީ އެކަމުގެ ސަވާބާއި ދަރުމަ އިތުރުވާ ކަމެއް ކަމުގައި ބުނެވެ އެވެ. މިކަން ނުކޮށްވާނަމަ އަވަހަށް ކުރާށެވެ.
ފާއިތުވި ދެ ދުވަހު މާލޭގެ މަގުތައް އިހުނަށްވުރެ ބާރުބޮޑުކަން ފާހަގަ ކުރެވެ އެވެ. ފިހާރަތަކަށް ވަންނަ މީހުންގެ އަދަދު އިތުރުވެފައިވާއިރު އީދު ހެދުން ގަތުމުގެ ފޯރި ވަކިން ބޮޑެވެ.
ވިސްނާލަންވީ ކަމަކީ ހަމައެކަނި އީދު ހެދުން ގަނެގެން ނުފުދޭ ކަމެވެ. އެ ހެދުމާއެކު ކުރަން ޖެހޭ އެންމެ މުހިއްމު ކަމަށް ސަމާލުވާން ޖެހޭނެ އެވެ. ފިތުރު އީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރަން ހަމަޖެހިފައިވާއިރު އެ ޖަމާއަތުގައި ބައިވެރިވުން ރަނގަޅުވާނެ އެވެ.
އީދަކީ ހެޔޮ އަމަލުތަކުގެ ނިމުމެއް ނޫނެވެ. ރަމަޟާން މަސް ނިމުމާއެކު މިސްކިތުގެ ސަފުތައް ފަޅުވިޔަ ނުދޭށެވެ. ފަރުޟު އަޅުކަންތަކާއި ސުންނަތްތަކަށް ރަމަޟާން މަހު ދިން އަހައްމިއްޔަތުކަން ކުރިއަށް އޮތް ތަނުގައި ވެސް ދިނުމަށް މި އީދު ދުވަހު އަޒުމް ކަނޑައަޅާށެވެ.
މިކަންކަމަކީ އީދު ދުވަސް ފާހަގަ ކުރާއިރު އަޅުގަނޑުމެން ސަމާލުވާންވީ ކަންކަމެވެ. އީދު އެންމެ ފުރިހަމަ ގޮތުގައި ފާހަގަ ކުރެވޭނީ އޭރުންނެވެ.