މި އަހަރުގެ ޝައްވާލު މަހުގެ ހަނދު ސާބިތުކުރުމަށް ބާއްވާ ޚާއްސަ ޖަލްސާ މާދަމާ ރޭ ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ އިސްލާމީ މަރުކަޒުގައި ބާއްވާ އެ ޖަލްސާގައި އިސްލާމީ ގައުމުތަކުގައި ހަނދު ސާބިތުކުރުމާ ގުޅޭގޮތުން އަމަލުކުރާ އުސޫލުތަކާއި، ފަލަކީގޮތުން ހަނދު ސާބިތުކުރުމުގައި ގެންގުޅޭ އުސޫލްތަކަށް ބިނާކޮށް މިއަހަރުގެ ފިތުރު އީދު ދުވަސް އިއުލާން ކުރުން އޮންނާނެ ކަމަށެވެ.
އެ މިނިސްޓްރީން ބުނީ ހަނދު ސާބިތު ކުރުމަށް ބާއްވާ ޖަލްސާ މާދަމާރޭ 8:30 ގައި އިސްލާމިކް މިނިސްޓްރީގައި އޮންނާނެ ކަމަށެވެ.
ކަލަންޑަރުގައިވާ ގޮތުން މި ރަމަޟާން މަހަކީ 30 ދުވަސް ހިމެނޭ މަހެކެވެ. އަދި މި އަހަރުގެ ފިތުރު އީދު ދުވަހަކީ ހޯމަދުވަހެވެ.
ފަލަކީ ހިސާބުން ދައްކާގޮތުގައި މިމަހުގެ 30 ވަނަ ދުވަހު މާލެ ސަރަހައްދަށް އިރުއޮއްސެނީ 18:11 ގައެވެ. އަދި ހަނދު އޮއްސެނީ 5:08 ގަ އެވެ. އެހެންކަމުން އިރުއޮއްސުމުގެ 43 މިނެޓް ކުރިން ހަނދު އޮއްސޭނެ އެވެ.
ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް އިރު އޮއްސުމުގެ މާކުރިން ހަނދު އޮއްސޭނެ ކަމަށް ފަލަކީ ހިސާބުތަކުން ދައްކަ އެވެ. އެހެންކަމުން އިރު އޮއްސުމަށްފަހު ރާއްޖޭގެ އެއްވެސް ހިސާބެއްގައި ހަނދު ފެންމަތީގައި ހުންނާނެ ކަމަކަށް ނުދައްކަ އެވެ.
ހަނދުބެލުމަކީ ހުރިހާ އެންމެންނަށް ވެސް އޮންނަ ފުރުސަތެކެވެ. އެހެން އަހަރުތަކެކޭ ވެސް އެއްފަދައިން މިއަހަރުގެ ޝައްވާލް މަހުގެ ހަނދު ސާބިތު ކުރުމަށްޓަކައި މިއަހަރުގެ ޝައްވާލްމަހުގެ ހަނދު ދުށް މީހަކު ނުވަތަ ބަޔަކު ހެކިބަސް އަދާކުރުމަށް ހަމަޖެހިފައި ވަނީ މާލޭގައި ނަމަ މާލޭގެ ކޯޓެއްގެ ގާޒީއެއްގެ ކުރި މަތީގަ އެވެ. އަދި އަތޮޅުތަކުގައި ނަމަ އެރަށެއްގެ މެޖިސްޓްރޭޓްކޯޓުގެ މެޖިސްޓްރޭޓުގެ ކުރިމަތީގަ އެވެ.
މިއަހަރުގެ ޝައްވާލް މަހުގެ ހަނދު ދުށްމީހަކު ނުވަތަ ބަޔަކު ވީހާ އަވަހަކަށް މާލޭގައިނަމަ ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނަށް އަދި ރަށްރަށުގައިނަމަ އެރަށެއްގައި ކަމާބެހޭ އިދާރާއަށް އަންގަން ޖެހެ އެވެ.
މެޖިސްޓްރޭޓެއް ނެތް ރަށެއްގައިނަމަ ހަނދު ސާބިތުކުރުމަށް ހެކިބަސް ދޭނީ އެރަށެއްގެ ކައުންސިލްގެ އިދާރާ ނުވަތަ އެރަށެއްގެ އަވަށު އޮފީސް ހިންގުމާ ހަވާލުވެހުންނެވި އިސް ވެރިއެއްގެ ކުރިފުޅުމަތީގަ އެވެ.
ރާއްޖޭގައި ހަނދު ސާބިތުކުރުމުގައި އަމަލުކުރަމުން އަންނަނީ ރާއްޖެއަށް ހަނދު ނުފެނިއްޖެނަމަ ފަލަކީ ހިސާބަށް ބެލުމާއި މުސްލިމު ބޮޑެތި ގައުމަތަކަށް ހަނދު ފެނޭތޯ ބެލުމެވެ.