އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް (ފައްޔަ) ގެ ކެމްޕޭން ޓީމުން އިންތިހާބަށް ނުފޫޒު ފޯރުވާ ކަމަށް ތުހުމަތުކޮށް ހުށައެޅި މައްސަލަތައް ބެލުމަށް ފަހު، ނަހަމަ ނުފޫޒު ފޯރުވާ ދައުލަތުގެ މުދަލާއި ވަސީލަތް ނަހަމަ ގޮތުގައި ބޭނުން ކުރާ ކަމަށް އެމްޑީޕީގެ ކަމާގުޅޭ ކޮމެޓީން ނިންމާފައިވާ ނިންމުން އިސްތިއުނާފު ކުރުމަށް ފައްޔާޒްގެ ކެމްޕެއިން ޓީމުން ނިންމައިފި އެވެ.
ފައްޔާޒްގެ "ހިންގާލަން" ކެމްޕެއިން ޓީމުން މިއަދު ބުނީ ފައްޔާޒް އިސްމާއީލްއާ ގުޅޭގޮތުން ނިންމާފައިވާ ނިންމުންތަކަކީ އެމްޑީޕީން އާއްމުކޮށްފައިވާ ގަވާއިދުތަކާއި އަމަލު ކުރަމުންދާ އުސޫލުތަކާ ވެސް ހިލާފު ނިންމުންތަކެއް ކަމަށެވެ. އަދި އެ ނިންމުންތައް ނިންމާފައިވާ ކޮމެޓީއަކީ އެމްޑީޕީގެ އިންތިހާބާ ބެހޭ ގަވާއިދުގެ 46 ވަނަ މާއްދާގައި ބަޔާންކުރާ "އިންތިހާބުތަކާ ގުޅިގެން ހުށައެޅޭ މައްސަލަތައް ބެލުމަށް އިންތިހާބާ ބެހޭ ކޮމެޓީގެ މެންބަރަކު ހިމެނޭ ގޮތަށް ތިން މެންބަރުންގެ ކޮމެޓީއެއް އިންތިހާބަށް ކުރިމަތިލުމަށް އިއުލާނު ކުރުމާއެކު އިންތިހާބާ ބެހޭ ކޮމެޓީން އުފައްދަންވާނެ" ކަމަށް ބުނާ މާއްދާއާ ހިލާފަށް އެކުލަވާލާފައިވާ ކޮމެޓީއެއް ކަމަށެވެ.
އަދި ކޮމެޓީން މައްސަލަތައް ބަލާފައިވަނީ އިންތިހާބާބެހޭ ގަވާއިދުގެ 46 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ "ކޮމްޕްލެއިންޓްސް ކޮމިޓީއަށް މައްސަލައެއް ހުށަހެޅިއްޖެނަމަ ގިނަވެގެން 48 ގަޑިއިރު ތެރޭގައި އެމައްސަލަ ބަލައި އެ މައްސަލައަކާމެދު ގޮތެއް ނިންމައި މައްސަލަ ހުށައެޅި ފަރާތަށް އަންގަންވާނެ" ކަމަށް ބުނާ މާއްދާ އާއި ހިލާފަށްކަން ވެސް ބުނެފައިވެ އެވެ.
"އެމްޑީޕީއަކީ އަމަލު ކުރަން ޖެހޭ ގަވައިދުތައް ވަރަށް ސަރީހަކޮށް ލިޔެ އާއްމުކުރެވިފައިވާ ޕާޓީއެކެވެ. އެހެންކަމުން މި ދެންނެވި ގަވައިދުތަކާއި އުސޫލުތަކާ ހިލާފަށް އެކުލަވާލެވިފައިވާ ކޮމެޓީއަކުން މި ކެމްޕެއިންގެ ކެނޑިޑޭޓުގެ ހައްގުތަކެއް ގެއްލޭ އަދި ވާދަވެރި ކެނޑިޑޭޓަށް ފަހިވާ ގޮތަށް ނިންމާފައިވާ ނިންމުންތައް މި ކެމްޕެއިނުން ހަރުކަށި އިބާރާތުން ކުށްވެރިކޮށް އަދި އެ ނިންމުންތައް ބަލައި ނުގަންނަވާހަކަ ދަންނަވަމެވެ،" އެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.
އެ ބަޔާނުގައި ބުނެފައިވަނީ ފައްޔާޒުގެ ކެމްޕެއިން ޓީމުން ގަބޫލު ކުރާ ގޮތުގައި ކޮމެޓީއަށް ހުށަހެޅިގެން ބަލާފައިވާ ޝަކުވާތަކަކީ އިންތިހާބާގުޅޭ ޝަކުވާތަކެއް ނޫން ކަމަށެވެ. އަދި އެމްޑީޕީގެ ގުނަންތަކުން މި އިންތިހާބަށް ނުފޫޒު ފޯރުވާ އިންތިހާބުގެ ކަންކަމުގައި ވަކި ފަރާތަކަށް ފަހިވާ ގޮތަށް ހިންގާކަން ހާމަވާ ކަމަށް އެ ޓީމުން ބުންޏެވެ.
"މި ކެމްޕެއިންގެ ފަރާތުން ޕާޓީގެ ގަވައިދުތަކާއި އުސޫލުތަކާއި ހިލާފަށް ނިންމާފައިވާ ނިންމުންތައް އިސްތިއުނާފަށް ހުށަހަޅާނެ ވާހަކަ ދެންނެވީމެވެ،" "ހިންގާލަން" ކެމްޕެއިން ޓީމުން ބުންޏެވެ.