ރާއްޖެއަކީ ގުދުރަތީ ރީތިކަން އޭގެ އެންމެ ފުރިހަމައަށް ލިބިގެންވާ ގައުމެކެވެ. ދޮންވެލި ގޮނޑުދޮށްތަކާއި ކަނޑުއަޑީގެ ދިރުންތަކަކީ ފަތުރުވެރިން އެއަށް މަރުދޭ ކަންކަމެވެ. ހާއްސަކޮށް ރާއްޖޭގެ ކަނޑުއަޑީގެ މުއްސަނދިކަމަކީ ގިނަ ބައެއްގެ ލޯތައް އަމާޒުވެފައިވާ މުއްސަނދި ކަމެކެވެ.
ނަމަވެސް މި މުއްސަނދިކަން ހަމަލޮލުން ބަލާލައި ތަޖުރިބާ ކޮށްލުމުގެ ފުރުސަތު ލިބެނީ ދިވެހިންގެ ތެރެއިން ނިސްބަތުން ވަރަށް މަދު ބަޔަކަށެވެ. އެކަށީގެންވާ ތަމްރީނު ލިބިފައި ނެތުމުން ކަމަށް ވިޔަސް ނުވަތަ ބިރުން ވިޔަސް ބައެއް މީހުންނަށް ފީނުމަކީ ދުރު ހުވަފެނެކެވެ. އެފަދަ މީހުންނަށް އެ އުފާ ލިބެން އޮތީ ފީނަންދާ މީހުންގެ ތަޖުރިބާތަކުގެ ވާހަކަތަކުންނާއި ފޮޓޯގްރާފަރުންގެ ފޮޓޯތަކުންނެވެ.
އއ. ބޮޑުފުޅަދޫ، އަލީ ޝިޔާން މުހައްމަދު 26 އަކީ ރާއްޖޭގެ ކަނޑުއަޑީގެ ރީތިކަން ދުނިޔޭގެ ލޯތަކަށް ދައްކައިދޭ ކުޅަދާނަ ފޮޓޯގްރާފަރެކެވެ.
ޑިސްކަވާ މޯލްޑިވްސްގެ ނަމުގައި އިންސްޓަގްރާމްގައި އޭނާ ހިންގާ ޕޭޖަކީ ކަނޑުއަޑީގެ ފޮޓޯގްރަފީއަށް ހާއްސަ އެ ރޮނގުން އޭނާގެ މަސައްކަތްތައް ދައްކުވައިދޭ ޕޭޖެކެވެ.
ހޮލިޑޭ އިން ކަނޑޫމާ ރިސޯޓުގެ ވޯޓާ ސްޕޯޓްސް ޑިޕާޓްމަންޓްގައި ވަޒީފާ އަދާކުރަމުން އަންނަ ޝިޔާން އެންމެ ފުރަތަމަ ކަނޑުއަޑީގެ ފޮޓޯގްރަފީއަށް ޝައުގުވެރިވީ ވޯޓާ ސްޕޯޓްސް ދާއިރާގައި މަސައްކަތް ކުރަން ފެށި ހިސާބުންނެވެ. ކަނޑުއަޑީގެ ރީތި މަންޒަރުތަކާއި ދިރުންތައް ފެނި އެ މަންޒަރުތައް ފޮރުވަން ބޭނުންވީ އެވެ.
ޑިސްކަވާ މޯލްޑިވްސްގެ ޕޭޖުން މަސްމަހާމެއްސާއި މުރަކައިގެ ދިރުންތަކުގެ ރީތި ފޮޓޯތަކެއް ފެންނަން ހުންނައިރު އެއިން ކޮންމެ ފޮޓޯއަކީ ވެސް ރާއްޖޭގެ ކަނޑުއަޑީގެ ދިރުންތަކުގެ މުއްސަނދިކަން ވަރަށް ރީތިކޮށް ހާމަކޮށްދޭ ފޮޓޯ އެކެވެ.
"އެންމެ ފުރަތަމަ މަސައްކަތް ފެށީ މޫދުން ހޮވައިގެން ބޭބެ ގެނައި ކެމެރާއެއް ލިބުމުން،" ފޮޓޯގުރަފީއަށް ވަދެވުނު ގޮތާ ބެހޭ ގޮތުން ޝިޔާން ބުންޏެވެ.
ދާއިރާއަށް ވަތްއިރު ދާއިރާގެ ހާލަތެއް ވެސް ޝިޔާންއަކަށް ނޭނގެ އެވެ. މި ދާއިރާއިން އޮތް ފުރުސަތުތަކާއި ކުރިއަށް ދެވެން އޮތް މަގުތައް ވެސް އޭނާއަކަށް ނުފެނެ އެވެ. އެހެން ނަމަވެސް އެކަމަށް އޮތް ޝައުގެއްގެ ބޮޑުކަމުން އެއިން އެއްވެސް ކަމެއް ނޭނގުނަސް އެކަން ފެށީ އެވެ.
އެ ދުވަހުން ފެށިގެން މިއަދާ ހަމައަށް ޝިޔާން ވަނީ ބޮޑު ކާމިޔާބީއެއް ހޯދާފަ އެވެ. ސޯޝަލް މީޑިއާއަށް ފޮޓޯލައި ފޮލޯވަރުން ހޯދުމުގެ ބޭނުމުގައި ފެށި އެ މަސައްކަތް މިއަދު ވަނީ އޭނާއަށް ލިބޭ ހުސް ވަގުތުތަކުގައި ކުރާ ހޮބީ އަކަށެވެ.
"އަސްލު ފުރަތަމަ ފެށީ ފޮލޯވަރުން ހޯދަންވެގެން އެކަމުގެ ބޭނުމުގައި. މިއަދު މިއީ ހޮބީއެއް،" އޭނާ ބުންޏެވެ.
މިއަދު ޝިޔާންއަކީ އޭނާގެ ޕޭޖުގައި 18000 އަށްވުރެ ގިނަ ފޮލޯވަރުން ލިބިފައިވާ ފަރާތެކެވެ. އޭގެ ތެރޭގައި ދިވެހިންގެ އިތުރުން ދިވެހި ރާއްޖޭގެ ރީތިކަމަށް ލޯބިކުރާ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މީހުން ވެސް ހިމެނެ އެވެ.
އޭނާ ބުނި ގޮތުގައި ރާއްޖޭގެ ކަނޑުއަޑީގެ ދިރުންތަކަކީ ކޮންމެ ދިވެއްސަކު ވެސް އެއްފަހަރު ނަމަވެސް ތަޖުރިބާ ކޮށްލަން ޖެހޭ ކަމެކެވެ. އަދި އެކަމަށް ނުކުޅެދޭ މީހުން އޭނާ ފަދަ ފޮޓޯގްރަފަރުންގެ މަސައްކަތް މެދުވެރިކޮށް އެމަންޒަރު ހިތަށް ގެންނަންޖެހޭ ކަމަށް ވެސް ޝިޔާން ބުނެ އެވެ.
އޭނާ ބުނީ އޭނާގެ ހުރިހާ ފޮޓޯތަކަކީ ވެސް ފްރީ ޑައިވިންގައި ނަގާފައިވާ ފޮޓޯތައް ކަމަށާއި ޑީޕް ޑައިވިންއަށް ދާން ބޭނުންވާ އާލާތްތައް ލިބުނުހާ އަވަހަކަށް އެކަން ވެސް ފަށާނެ ކަމަށެވެ.
"އަސްލު ޑައިވިންއަށް ގޮސް ފޮޓޯ ނަގާނެ ސާމާނެއް އަދި ނެތް،" ޝިޔާން ބުންޏެވެ.
ކަނޑުއަޑީގެ ފޮޓޯގްރަފީއިން ކުރިއަށް ދިޔަ ނަމަވެސް އޭނާ ހުރީ ފޮޓޯގްރަފީގެ އެހެން ކޮޅުތައް ވެސް ތަޖުރިބާ ކުރާށެވެ. ބޭނުންވާ ރަނގަޅު އާލާތްތައް ނުލިބޭތީ އެކަން ލަސްވަނީ ކަމަށް އޭނާ ބުންޏެވެ.
ފޮޓޯގްރަފީ ފެށި ދުވަސްވަރު ޝިޔާންގެ މުދައްރިސަކަށް ވީ ޔޫޓިއުބް ވީޑިއޯތަކާއި ޓިއުޓޯރިއަލްތަކެވެ. މި ދާއިރާއިން އޭނާއަށް ލިބިފައިހުރި ތަމްރީނެއް ލިބިފައިވަނީ އެގޮތުގެ މަތިންނެވެ. ޝިޔާން ގަބޫލުކުރާ ގޮތުގައި އެފަދަ ވީޑިއޯތަކާއި ޓިއުޓޯރިއަލްތަކަކީ ބޭސިކް ފޮޓޯގްރަފީ ދަސްކުރެވިދާނެ ޒަރިއްޔާ އެކެވެ.
ކަނޑުއަޑީގެ ފޮޓޯގްރަފީއަކީ އުނދަގޫ މަސައްކަތެއްގެ ގޮތުގައި ހިތަށް ސިފަ ކުރެވުނު ނަމަވެސް ޝިޔާން ބުނީ އެކަމުގައި ދިމާވާ ގޮންޖެހުމެއް ނެތް ކަމަށެވެ. ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ މިއީ އެއްވެސް ދަތިކަމެއް ނެތް ދާއިރާއެއް ކަމަށް އޭނާ ގަބޫލު ކުރެ އެވެ.
ކުރިއަށް ވިސްނާއިރު ޝިޔާންގެ ހިތް އޮތީ ހޮބީއެއްގެ ގޮތުގައި މިކަން ކުރިއަށް ގެންދިއުމަށެވެ. ފޮޓޯގްރަފީއިން ލިބިފައިހުރި އިލްމަކާއި ތަޖުރިބާއެއް ބޭނުން ކޮށްގެން އޭނާގެ ހުސްވަގުތު ތައް ފުރާލުމެވެ.
"ފޮޓޯގްރަފީއަކީ ހޮބީއެއް. އެކަން ބާއްވަން ބޭނުންވަނީ އެގޮތަށް،" އޭނާ ބުންޏެވެ.
ކުރަން ބުރަ މި މަސައްކަތުގައި އުޅޭއިރު ގިނަ ބައެއްގެ އެއްބާރުލުމާއި އެހީތެރިކަން ބޭނުންވާނެކަން ޔަގީނެވެ. އެގޮތުން އާއިލާއާއި ރަހުމަތްތެރިންގެ ނަން އޭނާ ފާހަގަކުރީ ޝުކުރުވެރި ކަމާއެކުގަ އެވެ.
ހަމަ ޔަގީނުންވެސް ޝިޔާންގެ މަސައްކަތަކީ އެތައް ބަޔަކަށް ހިތްހަމަޖެހުމާއި އުފާވެރިކަން ގެނުވައިދޭނެ މަސައްކަތެކެވެ. ކަނޑުއަޑީގެ މުއްސަނދިކަން ހަމަލޮލުން ދެކިލުމުގެ ފުރުސަތު ލިބިފައިނުވާ އެތައް ބަޔަކަށް އޭނާގެ މަސައްކަތުން އެ ތަޖުރިބާ ކޮށްލުމުގެ ހަނި ފުރުސަތެއް ނަމަވެސް ލިބޭނެ އެވެ.