ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު އިތުރަށް ތަރައްގީކޮށް އެ މަރުކަޒަށް ބޭނުންވާ މުހިންމު ބަދަލުތަކެއް ގެނައުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ނިންމައިފި އެވެ.
މިއީ މިއަހަރު ނޮވެންބަރު މަހު ފާހަގަ ކުރުމަށް ހަމަޖެހިފައިވާ ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ހަމަޔަށް ހިންގުމަށް ހަމަޖެހިފައިވާ މުޖުތަމައަށް ފައިދާހުރި މުހިންމު 12 ހަރަކާތުގެ ތެރެއިން ހިންގުމަށް ނިންމާފައިވާ އެއް ހަރަކާތެވެ.
މި އެހީގެ ދަށުން އަލަށް ކުޑަކުދިންގެ ވޯޑެއް ގާއިމުކުރުމާއި، މަރުކަޒުގެ ބަދިގެ ތަރައްގީކޮށް ޒަމާނީކުރުމާއި، އެތަނުގައި ގާއިމްކޮށްފައިވާ ލައިބްރަރީ އިތުރަށް ފުރިހަމަ ކުރުމުގެ އިތުރުން މުވައްޒަފުން ބޭނުންކުރާނެ ހާއްސަ ތަނެއް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
މި އެހީއާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ ޓިމް ސޯޔާ ވިދާޅުވީ މި މަރުކަޒަށް ބޮޑު ބަދަލުތަކެއް ގެނެސް މިތަނުގައި މަސައްކަތް ކުރާ މުވައްޒަފުންނާއި ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ފަރާތްތަކަށް މިހާރު ކުރިމަތިވަމުންދާ ދަތިތަކަށް ހައްލެއް ހޯދާދެވޭ ކަމީ އެ ބޭންކަށް ލިބޭ އުފަލެއް ކަމަށެވެ.
"މި ތަރައްގީގެ މަސައްކަތާއެކު މުހިންމު ބަދަލުތަކެއް ބޭނުންވެފައިވާ ތަންތަނަކީ ކަނޑައެޅިފައިވާ މިންގަނޑުތަކަށް ފެތޭ ތަންތަންކަމުގައި ވެގެންދާނެ. މިގޮތުން، އަލަށް ހެދޭ ކުޑަކުދިންގެ ވޯޑާއެކު މިތަނުގެ ބެލުމުގެ ދަށުގައި ތިބި ކުޑަކުދިން ބެލުމަށް ހާއްސަތަނެއް ގާއިމްވެގެންދާނެ. އަޅުގަނޑުމެންގެ އުންމީދަކީ މި މަރުކަޒަށް ގެނެވޭ ބަދަލުގެ ސަބަބުން މި ތަން ބޭނުންކުރާ ފަރާތްތަކުގެ ދިރިއުޅުމަށް ހެޔޮ ބަދަލެއް އައުން،" ޓިމް ވިދާޅުވި އެވެ.
ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ހަމަޔަށް ކޮންމެ މަހަކު ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރެއިން މިހާތަނަށް ހިންގާފައިވާ ހަރަކާތްތައް:
- މާޗު: ސްމޯލް ގްރާންޓްސް
- ފެބުރުވަރީ: ހައުސިން ގްރާންޓް
- ޖަނަވަރީ: ބީއެމްއެލް ސްޓާޓަޕް ގްރާންޓް
- ޑިސެންބަރު: ގައުމީ ކުތުބުހާނާ އިތުރަށް ތަރައްގީކޮށް ޒަމާނީ ބަދަލުގެނައުން
- ނޮވެންބަރު: ބީއެމްއެލް ސްކޮލާޝިޕް ފަންޑް