ސިއްހީ ފަރުވާގެ ރަނގަޅު ނިޒާމެއް ރައްޔިތުންނަށް ފޯރުކޮށްދީ ސިއްހީ ހިދުމަތް ލިބޭނެ ފަސޭހަކަން ގެނެސްދިނުމަށްޓަކައި ހޮސްޕިޓަލެއް އަޅުއްވައިދެއްވުމަކީ 3،000 އަށް ވުރެ ގިނަ މީހުން ދިރިއުޅެމުންދާ ތިމަރަފުށީގެ ރައްޔިތުންނަށް 2018ވަނަ އަހަރުގެ ރިޔާސީ ކެޕްމެއިންގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހު ވެވަޑައިގެންފައިވާ ވަރަށް ބޮޑު ވައުދެކެވެ.

މި ވައުދާއެކު ރައްޔިތުންތިބީ ވަރަށް އުފަލުންނެވެ. ސިއްހީ ފަރުވާ އަކީ ރަށުގައި ތިބެގެން ރައްޔިތުންނަށް ބޭނުންވާ އެންމެ މުހިއްމު އެއް އަސާސީ ހިދުމަތް ކަމުން ތިމަރަފުށީގެ ރައްޔިތުން މިސަރުކާރު ގެނައުމަށް ވޯޓު ދިނީ ވެސް މިކަންވެސް ހަގީގަތަކަށް ހެދުމަށްޓަކަ އެވެ.

ރައީސް ސާލިހު ތިމަރަފުށީގައި: ރައްޔިތުންނަށް ގިނަ ވައުދުތަކެއްވެ ވަޑައިގެންނެވި

އެއީ 2018ވަނަ އަހަރެވެ. ދެން އައި 2019ވަނަ އަހަރަކީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް މެމްބަރުން ރައްޔިތުންނަށް ގިނަ ވައުދުތަކެއް ވި އަހަރެކެވެ. ތިމަރަފުށީ ދާއިރާއަށް ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި ވާދަކުރެއްވި އަބްދުﷲ ރިޔާޒްގެ ވެސް އެއް ވައުދަކަށްވީ ތިމަރަފުށީގައި ހޮސްޕިޓަލެއް އެޅުވުމެވެ.

ރައީސް ސޯލިހުގެ ވައުދު ހަގީގަތަކަށް ހެދޭނީ އޭނާ އަށް ވޯޓު ދީގެން ކަމަށް ރައްޔިތުން ގާތު ތަކުރާރުކޮށް ދިޔައީ ބުނަމުންނެވެ. އަދި ސަރުކާރުން ތާއީދުކުރާ ކެންޑިޑޭޓަކީ އޭނާ ކަމަށާއި ތިމަރަފުށި ތަރައްގީ ކުރާނީ އޭނާ ކަމަށްވެސް ދިޔައީ ބުނަމުން ނެވެ. އެއީ ރިޔާސީ އިންތިޚާބަށްފަހު ރައީސް ސޯލިހުގެ "ހަނީމޫން" ދުވަސްތައް ކަމުން ރައްޔިތުން މިކަންކަމާ ތިބީ ވަރަށް އުފަލުންނެވެ. އަދި ހަމަ މަޖިލިސް ގޮނޑިވެސް އެގޮތުގެ މަތިން ޖުމްހޫރީ ޕާޓީއަށް ދިނުމަށް ނިންމީ ކޯލިޝަންގެ ޕާޓުނަރުގެ ހައިސިއްޔަތުން އެޕާޓީގެ ކެންޑިޑޭޓު ހޮވުމުން ތަރައްގީގެ ދުވެލި އަވަސްވާނެ ކަމުގެ އުއްމީދުގަ އެވެ. ތިމަރަފުށީ ދާއިރާގެ މެމްބަރު މުސްތަފާ އެމްޑީޕީން ކުރިމަތިލީ ކަމުގައިވިޔަސް ސަރުކާރުން ޕްރޮމޯޓް ކުރަމުންދިޔައީ އަބްދުﷲ ރިޔާޒް ކަމުގައި ވާތި ވެސް މެ އެވެ.

ރައީސްގެ ވައުދާ އެއްގޮތަށް 2019ވަނަ އަހަރުގެ ބަޖެޓުގައި ހޮސްޕިޓަލް ތަރައްގީ ކުރުމަށް ފަނަރަ މިލިއަން ރުފިޔާ މި ސަރުކާރުންވަނީ ބަޖެޓުކޮށްފަ އެވެ. އަދި 26 ޖޫން 2019ވަނަ ދުވަހު ތިމަރަފުށީގައި އެޅުމަށް ނިންމާފައިވާ ހޮސްޕިޓަލް އިމާރާތް ފަރުމާކޮށް ބީއޯކިޔު ތައްޔާރުކުރަން އިޕޮކް އެސޯސިއޭޓްކިޔާ ކުންފުންޏަކާ ހަވާލުކުރެވުނެވެ. މަސައްކަތް ހަވާލުކުރީ 60 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށް 147،953.19 ރުފިޔާއަށެވެ.

ސަރުކާރުން ބުނީ އަލަށް ޑިޒައިންކޮށް އަޅާ މި އިމާރާތުގެ ސަބަބުން ސިއްހީ މަރުކަޒު ދަރަޖަ 1 ގެ ހޮސްޕިޓަލަކަށް ބަދަލުވެގެން ޑާނެ ކަމަށާއި އޭގެ ސަބަބުން ޚާއްސަ ބަލިތަކުގެ ޑޮކްޓަރުންގެ ޚިދުމަތްވެސް ހޮސްޕިޓަލުން ލިބޭނެ ކަމަށެވެ. އެގޮތުން އަންހެނުންގެ ޚާއްސަ ސްޕެޝަލިސްޓުންނާއި ކުޑަކުދިންގެ ޑޮކްޓަރުންނާއި ހޭނެއްތުމާއި އެތެރެހަށީގެ އޮޕަރޭޝަންތައް ފަދަ ޚިދުމަތްތައް ހޮސްޕިޓަލުން ލިބޭނެ ކަމަށެވެ.

ނަމަވެސް ހޮސްޕިޓަލްގެ އެއްވެސް މަސައްކަތެއް ނުކުރެވޭތީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 2ވަނަ ދުވަހު ހެލްތް މިނިސްޓަރާ ސުވާލުކުރެއްވުމުން މިނިސްޓަރު ވިދާޅުވެފައިވަނީ 2020ވަނަ އަހަރުގެ މާޗް މަހުގެ ތެރޭގައި ތިމަރަފުށީ ހޮސްޕިޓަލްގެ ޢަމަލީ މަސައްކަތް ފަށްޓަވާނެ ކަމަށެވެ.

2019 ވަނަ އަހަރު ނިމިގެން ދިޔައީ ހޮސްޕިޓަލް ބިނާ ކުރުމަށް އަމަލީ ގޮތުން އެއްވެސް މަސައްކަތެއް ނުކުރެވި އެވެ. ނަމަވެސް 2020ވަނަ އަހަރުގެ ބަޖެޓް ނިމިގެން މަޖިލީހުން ފާސްކުރި އިރު ސަރުކާރުން އަނެއްކާވެސް ވަނީ ތިމަރަފުށީގައި ހޮސްޕިޓަލެއް އެޅުމަށް ފައިސާ ބަޖެޓްކޮށްފަ އެެވެ.

2021 ވަނަ އަހަރުގެ ބަޖެޓް ފާސްވެގެންއައިއިރު ތިމަރަފުށީ ސިއްހީ މަރުކަޒުގެ މަރާމާތާއި ފުޅޮއްފާރުރޭނުމަށް ސަރުކާރުން 1.7 މިލިއަން ރުފިޔާވަނީ ބަޖެޓްކޮށްފައެވެ. ނަމަވެސް ތިމަރަފުށީގައި ބިނާ ކުރުމަށް ރައީސް ސޯލިހު ވައުދުވި ހޮސްޕިޓަލްގެ އެއްވެސް ކަމެއް ކުރުމަށް އެއަހަރުގެ ބަޖެޓްގައި ހިމަނާފައެއް ނުވެ އެވެ.

2021ވަނަ އަހަރަކީ ވެރިކަން ކުރާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބު ބޭއްވުނު އަހަރު ކަމުން ކެމްޕެއިނަށް ރައީސް ސޯލިހު ތިމަރަފުށްޓަށް ވަޑައިގެން ވިދާޅުވީ ތިމަރަފުށީގައި "މިނީ ހޮސްޕިޓަލެއް" އަޅުއްވައި ދެއްވާނެ ކަމަށެވެ. އަދި އެކަމުގެ ޔަގީންކަން ތިމަރަފުށީގެ ރައްޔިތުންނަށް އެމަނިކުފާނު ދެއްވި އެވެ.

ހޮސްޕިޓަލްގެ މަސައްކަތް ނުފެށި ލަސްވުމާގުޅިގެން ދާއިރާގެ މެމްބަރު ހެލްތް މިނިސްޓަރ އަޙްމަދު ނަސީމްއާއި އަނެއްކަވެސް ސުވާލު ކުރެއްވި އެވެ. އެގޮތުން ހޮސްޕިޓަލް އެޅުމަށްޓަކައި ކައުންސިލުން ބިން ހަމަޖައްސާ ބިންވަކިކޮށް ހޮސްޕިޓަލްގެ އެއްވެސް މަސައްކަތެއް އަދި އެއްވެސް ވާހަކައެއް ނީވުމަކީ ރައްޔިތުން ކަންބޮޑުވާ ކަމެއް ކަމަށާއި އެހެންކަމުން ހޮސްޕިޓަލް އަޅާނެތޯ ނުވަތަ ނޫންތޯ ސާފުކޮށްދިނުމަށް އެދުނެވެ. މިނިސްޓަރުގެ ޖަވާބަކަށްވީ ތިމަރަފުށްޓަކީ ހޮސްޕިޓަލެއް އެޅުމަށް ވަރަށް މުހިއްމު ރަށެއް ކަމަށް ގަބޫލު ކުރައްވާ ކަމަށާއި އެމަސައްކަތް ކުރިއަށް ގެންދެވޭނެ ގޮތެއް ރާވާނެ ކަމަށެވެ.

"އެކަން ކުރެވޭނެ މަގެއް ހޯދާފަ ތިބޭފުޅާއަށް އަންގާލާނަން" 31 މާޗް 2021ގައި މަޖިލީހުގައި ނަސީމް ވިދާޅުވި އެވެ.

https://www.facebook.com/707714408/posts/10160796636669409/?d=n

2021 ވަނަ އަހަރު ވެސް ނިމިގެންދިޔައީ ހޮސްޕިޓަލް ތަރައްގީކުރުމަށް ރައްޔިތުން ކުރަމުންދިޔަ އުއްމީދުގައި އެއްވެސް މިންވަރެއްގެ ކުލައެއް ނުޖެހި އެވެ. އަދި މިނިސްޓަރ ނަސީމަށް ވެސް އެކަން ކުރެވޭނެ މަގެއް ނުފެނި އެވެ.

މިއަހަރުގެ ބަޖެޓުންވެސް ރައްޔިތުންނަށް ލިބުނީ މާޔޫސްކަމެވެ. އަނެއްކާވެސް ތިމަރަފުށީ ސިއްހީ މަރުކަޒުގެ މަރާމާތާއި ފުޅޮއްފާރު ރޭނުމަށް ބަޖެޓްކޮށްފި އެވެ. މިފަހަރު 2021 ވަނަ އަހަރު ބަޖެޓްކުރި ވަރަށްވުރެވެސް މަދުން 1.5 މިލިއަން ރުފިޔާ އެވެ. ކައުންސިލުން 3 ފަހަރެއްގެ މަތިން އިއުލާންކޮށްގެންވެސް އެއަގުގައި އެމަސައްކަތް ކޮށްދޭނެ ބަޔަކުވެސް އަދި މިހާތަނަށް ނުވެ އެވެ.

ތިމަރަފުށީ ސިއްހީ މަރުކަޒަށް ރައީސް ސޯލިހު ޒިޔާރަތްކުރެއްވުން

ހޮސްޕިޓަލްގެ މަސައްކަތް ކުރިއަށްނުގޮސް ރައްޔިތުން މާޔޫސް ކަންމަތީގައި ތިއްބާ މިއަހަރުގެ އޭޕްރީލްމަހުގެ 6 ވަނަ ދުވަހު 7 ރަށެއްގައި 30 އެނދުގެ ހޮސްޕިޓަލް އަޅާއިދޭނެ ފަރާތެއް ހޯދުމަށް ސަރުކާރުން އިއުލާންކޮށްފި އެވެ. މި 7 ރަށުގެ ތެރޭގައިވެސް ތިމަރަފުށީ ހޮސްޕިޓަލް ނުހިމެނެ އެވެ.

ކޮންމެއަކަސް ތިމަރަފުށީގައި ހޮސްޕިޓަލެއް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންނެވި ވައުދު މިހާރު މިއޮތީ ބިލާހަކަށް ވެފައިކަމަށް ތިމަރަފުށީގެ ރައްޔިތުން ދެކެއެވެ. އެރަށުން ވާހަކަ ދެއްކި މީހަކު ބުނީ މިއީ ވޯޓާ ދިމާކޮށް ކޮންމެ ފަހަރަކު ރައްޔިތުންނަށް ދައްކާ ދަޅައެއް ކަމަށެވެ. "ރިޔާސީ އިންތިހާބަށްވެސް ރައްޔިތުންނަށް އޮޅުވާލީ. މަޖިލިސް އިންތިހާބަށްވެސް ގުނބޯ ހެއްދީ. ދެން ގައުމީ މަޖިލިސް އިންތިހާބުގައި އެވިދާޅުވި "މިނީ ހޮސްޕިޓަލެއް"ގެ ވާހަކައަދި އަމުދުން ނުވެސް ދެކެވޭ،" އޭނާ ބުންޏެވެ.

ތިމަރަފުށީ ސިއްހީ މަރުކަޒަށް ރައީސް ސޯލިހު ޒިޔާރަތްކުރެއްވުން

އެހެންކަމުން ތިމަރަފުށީ ހޮސްޕިޓަލް އެޅުމަށް އެއްލަކައްކަ ފަންސާސް ހާހެއްހާ ރުފިޔާ ހަރަދުކޮށްގެން ފަރުމާކޮށް ޑިޒައިންކުރުމަށް އިޕޮކް ކުންފުންޏާ ހަވާލުކޮށްގެން ކުރި މަސައްކަތުގެ ނަތީޖާއެއް ވެސް ނުނެރެވުނެވެ. އަދި ހޮސްޕިޓަލް އެޅުމަށް ދެ އަހަރު ވަންދެން ބަޖެޓް ކުރި ފައިސާއަށް ވީގޮތެއް ވެސް ނޭނގުނެވެ. އެހެން ކަމުން މި ހޮސްޕިޓަލްގެ ޚަބަރެއް އެނގޭ މީހަކު މިސަރުކާރަކު ވެސް ނެތެވެ.