އަޅުގަނޑުމެންގެ ރާއްޖޭގައި ކަރައަކީ ރޯދަމަހަށް ވަރަށް ޚާއްޞަ މޭވާއެކެވެ. މިއަދަކު ނޫނެވެ. ޒަމާނުއްސުރެވެސް ކަރައަކީ އެގޮތުގައި މަޝްހޫރު ވެފައި އޮންނަ މޭވާ އެކެވެ. ކަރައަކާ ނުލާ ރޯދެ ސުފުރާ ފުރިހަމަ ނުވެޔޭ ބުނި ނަމަވެސް ދޮގަކަށް ނުވާނެ އެވެ.

ރޯދަމަހު ރޯދަ ވީއްލާ ގަޑިއަށް ކަރާ ފަނި ތައްޔާރު ކުރުމަކީ ކޮންމެ ގެއެއްރެ ވެސް އާދަ އެކެވެ. މިއީ ރޯދަ މަހު އެންމެ މަގުބޫލް އަދި އެންމެ ހިނގާ ބުއިމޭ ވެސް ބުނެވިދާނެ އެވެ.

ރާއްޖޭގެ ގިނަ ރައްރަށުގައި އާންމުކޮށް ކަރާ ހައްދާއިރު ރޯދަމަހާ ދިމާކޮށް އެއަށް އޮންނަ ޑިމާންޑް ދެގުނަވެ ދަނޑުވެރިންނަށް ރަނގަޅު އާމްދަނީއެއް ލިބެ އެވެ.

ރޯދަމަހުގެ އާދަކާދައިގެ ގޮތުން ކަރާ ބޭނުން ކުރާ މިންވަރު އިތުރުވި ނަމަވެސް އެކަމުގެ ފަހަތުގައި އޮތް ސިއްހީ ފައިދާތައް އޮތީ މިހާތަނަށް ނޭނގުމެއްގެ ތެރޭގަ އެވެ.

ދާދި ފަހުން އެމެރިކާގައި ކޮށްފައިވާ އާ ދިރާސާއަކުން ހާމަވި ގޮތުގައި ދުވާލަކު އެއް ފޮތި ކަރާ ކެއުމުން ބަރުދަން ކޮންޓްރޯލް ކުރެވި އަދި ހިތުގެ ބަލިތައް ޖެހުމުން ވެސް ދުރުކޮށްދެ އެވެ. މިހެން ދިމާވަނީ ކަރާ ކެއުމުން ގެއްލުން ހުރި ކޮލެސްޓްރޯލް ޖަމާވުމަށް ހުއްޓުމެއް ގެނެވޭތީ ކަމަށް ވެސް މި ދިރާސާގައިވެ އެވެ.

މީދާ ބޭނުން ކޮށްގެން މި ދިރާސާ ހެދި ސައިންޓިސްޓުން ދިރާސާއަށްޓަކައި ބޭނުން ކުރި މީދާތަކަށް ސަރުބީ ގިނަ ޒާތުގެ ކާނާ ކާނާއާއެކު ކަރާ ކާން ދިނުމުން "ބޭޑް" ލޯ ޑެންސިޓީ ލިޕޯޕްރޮޓީން ނުވަތަ އެލްޑީއެލް ގިނަވާ ރޭޓް ދެބައިކުޅަ އެއްބަޔަށް ދަށްވެގެން ގޮސްފައިވާ ކަމަށް ވެސް މި ދިރާސާގައި ބުނެ އެވެ..

އެލްޑީއެލް އަކީ ކޮލެސްޓްރޯލްގެ ބާވަތެކެވެ. މި ކޮލެސްޓްރޯލް ގިނަވުމުން ލޭ ހޮޅިތައް ބެދި ހިތުގެ މައްސަލަތައް ކުރިމަތިވެ އެވެ.

މި ދިރާސާ އިން އިތުރަށް ހޯދުނު އެއް ހޯދުމަކީ ގަވާއިދުން ކޮންމެ ދުވަހަކު ކަރާ ކެއުމަކީ ބަރުދަން އިތުރު ނުވެ ހިފެހެއްޓި އަދި ލޭ ހޮޅިތަކުގައި ސަރުބީ ޖަމާވާ މިންވަރު ދަށްކޮށްދޭ ކަމެވެ..

ސައިންސްވެރިން ގަބޫލުކުރާ ގޮތުގައި ކަރާ އިން ސިއްހަތަށް އެންމެ ރަނގަޅު ފައިދާއެއް ކުރަނީ ކަރާގެ ދިޔައިގައި ހުންނަ ސިޓްރޫލިން ކިޔާ ކެމިކަލްއެއްގެ ސަބަބުންނެވެ..

ކަރާ ކެއުމުން ލޭގެ ޕްރެޝަރަށް އެއްވެސް ކަހަލަ ބަދަލެއް އަންނަކަން މި ތަހުލީލުން ހާމަވެފައި ނެތަސް ހިތަށް ނުރައްކާވާ އެހެނިހެން ކަންތައްތަކަށް ވެސް ކަރާ ކެއުމުން އެކަށޭނަ ހެޔޮ ބަދަލުތަކެއް އަންނަ ކަމަށްވެ އެވެ.

އެހެންކަމުން

ކަރައަކީ ރޯދަމަސް ނޫނަސް އަބަދުވެސް ބޭނުންކުރުމަކީ ބުއްދިވެރި ކަމެކެވެ.