ބަންގީގެ އަޑާއެކު ކުރި އަސަރުން ޔޫކްރެއިންއަށް ނިސްބަތްވާ އަންހެނަކު އިސްލާމް ދީން ގަބޫލު ކޮށްފި އެވެ.
ޑަރްޔާ ޔަރޮޝެންކޯ ނަމަކަށް ކިޔާ މި އަންހެން މީހާ ވަނީ މި ރަމަޟާން މަސް ތެރޭގައި އޭނާގެ ފިރިމީހާއާއެކު ތުުރުކީއަށް ގޮސްފަ އެވެ.
އެ ދަތުރުގެ ތެރެއިން ރެސްޓޯރެންޓެއްގައި ކާން ތިއްބާ ޑަރްޔާއަށް ބަންގީގެ އަޑު އިވުނީ އިސްތަންބުލްގެ ހާޖިއާ ސޯފިއާ މިސްކިތުންނެވެ.
ބަންގީގެ އަޑަށް ހިތްޖެހި ޑަރްޔާ ވަނީ އޭނާގެ ފިރިމީހާއާއެކު އެ މިސްކިތަށް ގޮސް ބަންގި ގޮވި އިމާމާ ބައްދަލުކޮށް އިސްލާމް ދީނާ ބެހޭ މައުލޫމާތު އޮޅުން ފިލުވާފަ އެވެ.
ޑަރްޔާ ބުނީ މިއީ އޭނާއަށް ބަންގީގެ އަޑު އިވުނު ފުރަތަމަ ފަހަރު ކަމަށާއި އިމާމުގެ އަޑުން ވަރަށް ފުން އަސަރެއް ކުރި ކަމަށެވެ. އަދި އެއަށްފަހު އިންޓަނެޓް މެދުވެރިކޮށް އިސްލާމްދީން އިތުރަށް ދިރާސާކޮށް އެދީން ގަބޫލު ކުރަން ނިންމީ ކަމަށް ޑަރްޔާ ބުންޏެވެ.
އިސްލާމް ވުމަށްފަހު ޑަރްޔާ ވަނީ އޭނާގެ ނަން ދެރްޔާއަށް ބަދަލު ކޮށްފަ އެވެ.
މިވަގުތު ތުރުކީގައި ދިރިއުޅެމުންދާ ދެރްޔާ ވަނީ ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން އޭނާގެ ދިރިއުޅުމަށް ވަރަށް ބޮޑު އަސަރެއް ކޮށްފައިވާ ކަމަށާއި ހަނގުރާމަ ނިމުނުހާ އަވަހަކަށް އެނބުރި ގައުމަށް ދާނެ ކަމަށް ބުނެފަ އެވެ.