އާސަންދައިން ހިނގާ އިސްރާފުގެ މިންވަރު ކުޑަކޮށް، ދައުލަތުގެ ބަޖެޓުންނާއި ރައްޔިތުންގެ ޖީބުން ބޭސްފަރުވާއަށް ކުރާ ހަރަދު ކުޑަކުރުމަށް ޓަކައި ހާއްސަ މަސައްކަތްތަކެއް ކުރައްވަމުންދާކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ނަސީމް ވިދާޅުވީ އާސަންދައިގެ ސިޔާސަތަށް ބަދަލެއް ގެނައުމަށްޓަކައި އާސަންދަ ކުންފުންޏާއެކު ސަރުކާރުން މަޝްވަރާތަކެއް ކުރިއަށް ގެންދަވާނެ ކަމަށެވެ. އަދި އެކަމުގައި ސަރުކާރުގެ ނިންމުންތައް ހިމެނޭ ގޮތަށް ރިޕޯޓެއް އެކުލަވާލުމަށްފަހު މަޖިލީހަށް ފޮނުއްވާނެ ކަމަށް ނަސީމް ވިދާޅުވި އެވެ.

"އާސަންދައިގެ އެހީ ލިބެންޖެހޭ ބައިވަރު ކުުދިކުދި ނުލިބޭ ކަންތައްތައްވެސް އެބަހުރި. އަޅުގަނޑު ބަލާފަ އެކަންތައްތަކަށް ވީ އެންމެ ރަނގަޅަކަށް ހައްލު ހޯދައި ދޭނަން،" މިނިސްޓަރު ވިދާޅުވި އެވެ.

ނަސީމް ވިދާޅުވީ އެކި ބަލިތަކަށް ފަރުވާ ދިނުމަށް އާސަންދަ އިން 1.2 ބިލިއަން ރުފިޔާ އަހަރަކު މިހާރު އެވްރެޖުކޮށް ހަރަދުކުރާ ކަމަށެވެ.

އާސަންދަ އިން ހިދުމަތް ހޯދުމުގައި އެތައް މައްސަލަތަކެއް ހުރި ކަމަށް ސަރުކާރުން ގަބޫލުކުރާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އަދި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އާސަންދަ އިން ކަންކަން ކުރެވެމުންދާ ކަމަށް ނުސީދާ ގޮތަކަށް އެއްބަސްވެވަޑައިގެންނެވި އެވެ. ނަމަވެސް ކޮރަޕްޝަން ހިނގާ މިންވަރު ދެނެގަންނަން ޖެހޭ ކަމަށާއި އާސަންދައިގެ ކަންކަން އިތުރަށް ދިރާސާކޮށްގެން ނޫނީ އިތުރަށް އެއްޗެއް ދެންނެވެން ނެތް ކަމަށް ވެސް ވިދާޅުވި އެވެ. އަދި ވައްކަމަށް ތާއީދު ނުކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.