ޗައިނާއަށް އެތެރެކުރާ ގަނޑުކޮށްފައި ހުންނަ ކާބޯތަކެތި ކޮރޯނާވައިރަހަށް ޓެސްޓް ކުރުމުގެ ތެރޭގައި ބްރެޒިލް، ނިއުޒިލެންޑް އަދި ބޮލީވިއާއިން އެތެރެކުރި ގެރިމަހާއި އެ ބަންދުކޮށްފައި ހުރި ޕެކޭޖުން ކޮރޯނާވައިރަސް ފެނިއްޖެ އެވެ.
ޗައިނާގެ އުތުރުގެ ސިޓީއެއް ކަމަށްވާ ޖިނާންގެ މުނިސިޕަލް ހެލްތު ކޮމިޝަނުން އާންމުކުރި ބަޔާނެއްގައިވާ ގޮތުން މި މަސްތައް އެތެރެކޮށްފައިވަނީ ގުއޯޓައި އިންޓަނޭޝަނަލް ގްރޫޕާއި ޝަންހައި ޒޯންގްލީ ޑިވެލޮޕްމެންޓް ޓްރޭޑުންނެވެ. އަދި އެތެރެކުރުމަށް ބޭނުންކޮށްފައިވަނީ ޝަންހައިގެ ޔަންގްޝަން ޕޯޓާއި އައުޓާ ޕޯޓް ކަސްޓަމްސް އެވެ. މި ޕްރޮޑަކްޓްތައް ޝިޕްކުރި ކުންފުނީގެ ނަމެއް ހާމަކޮށްފައެއް ނުވެ އެވެ.
މި ޕްރޮޑަކްޓްތަކާއި ކޮންޓެކްޓްވެފައިވާ 75،000 ވަރަކަށް މީހުން ކޮވިޑް-19 އަށް ޓެސްޓް ކޮށްފައިވާ އިރު އެންމެން ވަނީ ނެގެޓިވް ވެފަ އެވެ.
މިދިޔަ ހަފްތާގެ ތެރޭގައި ޗައިނާގެ ކަމާބެހޭ ފަރާތްތަކަށް ވަނީ ސައުދީގެ ޝްރިމްޕް، ވޫހާން ސިޓީއިން ބްރެޒިލިއަން ބީފް އަދި ޝަންޑޯންގް އާއި ޖިއަންގްސޫ ޕްރޮވިންސްއިން އާޖެންޓީނިއަން ބީފްއިން ކޮރޯނާވައިރަސް ފެނިފަ އެވެ.
ޗައިނާއަށް އެންމެ ގިނަ އަދަދަކަށް ގެރިމަސް އެތެރެކުރާ ދެ ގައުމަކީ ބްރެޒިލްއާއި އާޖެންޓީނާ އެވެ.
ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފައިވާ ގޮތުގައި ގަނޑުކޮށްފައި ހުންނަ ކާބޯތަކެތިން ކޮވިޑް-19 ޖެހުމުގެ ފުރުސަތު ކުޑަ އެވެ. އެހެން ނަމަވެސް ޗައިނާއިން ދަނީ ހާއްސަ ސަމާލުކަމެއް ދީގެން ކާބޯތަކެތި ކޮރޯނާވައިރަހަށް ޓެސްޓް ކޮށް ބައެއް ތަކެތި އިމްޕޯޓުކުރުން މަނާވެސް ކޮށްފަ އެވެ. -ޗެނަލް ނިއުސް އޭޝިއާ