ރާއްޖެ އަންނަ ކޮންމެ މީހަކު ވެސް އެންމެ ފުރަތަމަ ފިޔަވަޅު އަޅަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގަ އެވެ. އެ ފުރަތަމަ ފިޔަވަޅު އަޅާއިރު އެ މީހާ އުއްމީދުކުރަނީ އެ އެއާޕޯޓުން އޭނާއަށް ލިބޭނީ ރާއްޖޭގެ ރިސޯޓުތަކުން ލިބޭ ފަދަ މަތީ ފެންވަރުގެ ހިދުމަތްތައް ކަމަށެވެ. ނަމަވެސް އެ ހިދުމަތް ލިބެން ނެތުމަކީ ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީއަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމެވެ.
އަހަރަކު މިލިއަނަށް ވުރެ ގިނަ ޓޫރިސްޓުން އަންނައިރު، އޭގެ ތެރޭގައި ދުނިޔޭގެ އެންމެ ބޮޑެތި މަހުޖަނުންނާއި މަޝްހޫރު މީހުން ގިނަ އަދަދަކަށް ހިމެނެ އެވެ. އެ މީހުން ރާއްޖެ އަންނަނީ އަމިއްލަ ޖެޓުގަ އެވެ. އަދި އެ މީހުންނަށް އެއާޕޯޓުން ދޭން ޖެހެނީ ސީއައިޕީ ހިދުމަތެވެ. މިފެންވަރުގެ ޓޫރިސްޓުން ރާއްޖެ އަންނައިރު އެ މީހުން އުއްމީދުކުރާ ފެންވަރުގެ ގިނަ ހިދުމަތްތަކެއް ވެލާނާ އެއާޕޯޓުގައި ލިބޭނެ ގޮތެއް ނެތެވެ.
ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުވަމުން އަންނާތީ ވީއައިއޭ އިން ދުނިޔޭގެ އެންމެ މަތީ ފެންވަރުގެ ހިދުމަތް ލިބޭނެ މަގު ތަނަވަސްކުރުމުގެ ގޮތުން ގާތްގަނޑަކަށް އެއް ބިލިއަން ޑޮލަރުގެ ބިޔަ މަޝްރޫއެއް 2017 ވަނަ އަހަރުގެ ތެރޭގައި ކުރީގެ ސަރުކާރުން ފެށި އެވެ. އެ މަޝްރޫއުގެ ތެރޭގައި ހިމެނެނީ 55 މިލިއަން ޑޮލަރު (848 މިލިއަން ރުފިޔާ) ހަރަދުކޮށްގެން ހަދާފައިވާ އާ ސީޕްލޭން ޓާމިނަލާއި އަހަރަކު ހަތް މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ފެންވަރަށް ތަރައްގީކުރާ ގާތްގަނޑަކަށް 350 މިލިއަން ޑޮލަރުގެ އާ ޕެސެންޖާ ޓާމިނަލާއި ދުނިޔޭގެ އެންމެ ބޮޑެތި ބޯޓު ޖެއްސޭ ފެންވަރަށް ހެދި 3،200 މީޓަރު ދިގު އާ ރަންވޭ އާއި އާ ވީއައިޕީ ކޮމްޕްލެކްސް އާއި އާ ކާގޯ ޓާމިނަލްގެ އިތުރުން އާ ފިއުލް ފާމެވެ. މީގެ ތެރެއިން އާ ޕެސެންޖާ ޓާމިނަލާއި ކާގޯ ޓާމިނަލް ފިޔަވައި އެހެން ހުރިހާ ތަނެއްގެ މަސައްކަތް ނިމިފަ އެވެ.
އެ އެއާޕޯޓުގައި ހިންގާ ބިޔަ މަޝްރޫއުގެ ބޮޑު ނިމުނުތާ އެތައް އަހަރެއްވީއިރު ވެސް މަދު ތަނެއް ފިޔަވައި އެހެން ތަންތަން އެކި ސަބަބުތަކާ ހެދި އަދިވެސް ބޭނުންކުރަން ނުފެށެ އެވެ.
ސީ ޕްލޭން ޓާމިނަލާއި ކާގޯ ޓާމިނަލް މިއަހަރު ބޭނުންކުރަން ފަށާނެ
އަލަށް ހެދި ރަންވޭ އާއި ކާގޯ ޓާމިނަލް މިއަހަރުގެ ފަހުކޮޅު ބޭނުންކުރަން ފެށުމަށް އެމްއޭސީއެލް އިން އަންނަނީ ތައްޔާރުވަމުންނެވެ.
އާ ޓާމިނަލަށް އަންނަ މަހު ބަދަލުވާއިރު މިވަގުތު ސީޕްލޭންގެ ހިދުމަތްދޭ ތިން ކުންފުނީގެ ތެރެއިން މޯލްޑިވިއަން ފިޔަވައި އެހެން ކުންފުނިތަކުން ހިދުމަތްދޭނީ މި ޓާމިނަލްގަ އެވެ. ޓީއެމްއޭގެ އިތުރުން މިހާރު ރާއްޖޭގައި ސީޕްލޭންގެ ހިދުމަތް ދެނީ މޯލްޑިވިއަން އާއި މަންޓާ އެއާ އެވެ.
ހަތަރު ބުރިއަށް ހަދާފައިވާ އާ ޓާމިނަލްގައި ލައުންޖާއި އެހެން ކަންކަމަށް ބޭނުންކުރެވޭ ގޮތަށް 28،000 އަކަމީޓަރުގެ ޖާގަ ހިމެނެ އެވެ.
ޒަމާނީ ފެންވަރަށް ތަރައްގީ ކުރީ މި ޓާމިނަލުން ސީ ޕްލޭން ޕާކް ކުރުމަށް 80 އަށް ވުރެ ގިނަ ޑޮކިން ޕްލެޓްފޯމް އަޅާފައިވެ އެވެ. އަދި ފްލޯ އޭރިއާ އާއި ލައުންޖާއި ބޯޑިން ގޭޓްތަކަށް ވެސް 50 ޕަސެންޓް ޖާގަ ބޮޑެވެ. އޭގެ އިތުރުން، ޓާމިނަލްގައި އެރައިވަލް ލޮބީ އާއި ވީއައިޕީގެ ޚިދުމަތް ވެސް އަލަށް ހެދި ޓާމިނަލުން ލިބޭނެ އެވެ.
އެ އެއާޕޯޓު ހިންގާ އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ތޯހާ ދާދިފަހުން "ހުރިހާ"އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އާ ސީޕްލޭން ޓާމިނަލް އަންނަ މަހުގެ ތެރޭގައި ބޭނުންކުރަން ފެށޭނެ ކަމަށެވެ. އަދި އެ ޓާމިނަލް ބޭނުންކުރަން ފެށުމާއެކު މިހާރު ޓީއެމްއޭގެ ޓާމިނަލް ހުރި ސަރަހައްދުގެ ފަޅުތެރެއިން ބައެއް ހިއްކަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެ މަސައްކަތް ނިމި އަންނަ އޮކްޓޯބަރު މަހުގެ ތެރޭގައި އާ ރަންވޭއަށް ބޯޓު ޖައްސަން ފެށޭނެ. މިހާރު ވެސް ޓެކްސީވޭއެއްގެ ގޮތުގައި ބޭނުންކުރަން ފެށުމުން ނުޖެއްސި މަތީގައި އޮންނާކަށް ނުޖެހޭ،" ތޯހާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެއާޕޯޓުގައި އަލަށް ހެދި ކާގޯ ޓާމިނަލް ވެސް މި އަހަރުގެ ފަހުކޮޅު ބޭނުންކުރަން ފެށޭނެ ކަމަށެވެ. އަދި އެތަނުގެ މައިގަނޑު މަސައްކަތްތައް ނިމިފައިވާ ކަމަށް ވެސް ތޯހާ ވިދާޅުވި އެވެ.
ކާގޯ ރައްކާކުރާ އާ ޓާމިނަލްގައި އެކްސްޕޯޓް ޓާމިނަލަކާއި އިމްޕޯޓް ޓާމިނަލެއްގެ އިތުރުން ޕެރިޝަބަލް ސާމާނު ބެހެއްޓުމަށް ހާއްސަ ބައެއް ހުންނާނެ އެވެ. ގާތްގަނޑަކަށް 11،000 އަކަ މީޓަރުގެ އާ ކާގޯ ޓާމިނަލަކީ، މިހާރު އެއާޕޯޓުގައި ހުރި ކާގޯ ޓާމިނަލަށް ވުރެ ތިން ގުނަ ބޮޑު ތަނެކެެވެ.
ކުރީގެ ސަރުކާރުން ހަދަން ފެށި ކާގޯ ޓާމިނަލް ސަރަހައްދުގައި ހަދާ ބަނދަރުގެ ޖެޓީ ހިޔާކޮށް، ބަރު އެއްޗެހި އުފުލުމަށްޓަކައި ހަތް ކްރޭން އިންސްޓޯލް ކުރަން ނިންމާފައިވެ އެވެ.
މީގެ އިތުރުން ފިއުލް ފާމުގެ މަސައްކަތާއި ފަޔާ ފައިޓިން ޕްލެޓްފޯމާއި ޖެޓް ފިއުލް ޓޭންކާއި ޕެޓްރޯލް ޓޭންކްތަކުގެ ހުރިހާ މަސައްކަތެއްހެން ވަނީ ނިމިފަ އެވެ. އަދި ތެޔޮ އެޅުމަށް ހާއްސަ ކުރެވިފައިވާ ޓޭންކްތައް ވެސް ވަނީ އިންސްޓޯލްކޮށްފަ އެވެ.
އަލަށް ހަދާ އޭވިއޭޝަން ފިއުލް ސްޓޯރޭޖްގައި ބޮޑު ތިން ޓޭންކެއް ހަދާފައިވެ އެވެ. ކޮންމެ ސްޓޯރޭޖެއްގެ ކެޕޭސިޓީއަކީ 15 މިލިއަން ލީޓަރެވެ. އެހެންކަމުން އަލަށް ހަދާ މި ފިއުލް ފާމުން ޖުމްލަ 45 މިލިއަން ލީޓަރުގެ ފިއުލް ރައްކާ ކުރެވޭނެ އެވެ.
އާ ޕެސެންޖާ ޓާމިނަލް އަންނަ އަހަރު ފަހުކޮޅު ނިންމަނީ
ވެލާނާ އެއާޕޯޓުގައި މިހާރު ހިންގާ އެންމެ ބޮޑު މަޝްރޫއަކީ އާ ޕެސެންޖާ ޓާމިނަލްގެ މަސައްކަތެވެ. އެކި ސަބަބުތަކާ ހެދި އެ މަސައްކަތް ނިންމަން ޖެހޭ މުއްދަތަކަށް ވުރެ އެތައް އަހަރެއް ފަހަތަށް މިހާރު ވަނީ ސޮއްސާލައިފަ އެވެ. ނަމަވެސް އެތަނުގެ މަސައްކަތް އަންނަ އަހަރުގެ ތެރޭގައި ނިމޭނެ ކަމަށް ތޯހާ އުއްމީދުކުރައްވަ އެވެ.
ތޯހާ ވިދާޅުވީ ޓާމިނަލްގެ މަސައްކަތަށް ބޭނުންވާ ހުރިހާ ފައިސާއެއް ލިބިފައިވާ ކަމަށެވެ. އަދި އެތަނުގެ މަސައްކަތް މިހާރު ވަރަށް ބާރަށް ކުރިޔަށްދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އާ ޓާމިނަލް ހަދަނީ، މިހާރުގެ ޓާމިނަލްގެ ދެކުނު ފަަރާތުގައި، 78،000 އަކަމީޓަރުގެ ސަރަހައްދެއްގަ އެވެ.
އާ ޓާމިނަލްގެ މަސައްކަތް ކުރީގެ ސަރުކާރުން ހަވާލުކުރީ ސައުދީ ބިންލާދިން ގްރޫޕާ އެވެ. އެއީ، ސައުދީ އަރަބިއްޔާގެ ވެސް އެންމެ ވަރުގަދަ އެއް ކުންފުންޏެވެ. އަދި އެ މަސައްކަތުގެ ސަބް ކޮންޓްރެކްޓަރަކީ ސިނަމާލެ ބްރިޖް ހެދި ޗައިނާގެ ޗައިނާ ކޮމިއުނިކޭޝަން ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީސީސީސީ) އެވެ.
"އާ ޕެސެންޖާ ޓާމިނަލްގެ މަސައްކަތުގެ އެއްބަސްވުމަށް ގެންނަން ޖެހުނު ބަދަލުތަކަށް ފަހު މިހާރު މަސައްކަތް ބާރަށް ކުރިޔަށް އެބަދޭ. އަޅުގަނޑުމެން މި ޓާގެޓް ކުރަނީ އަންނަ އަހަރުގެ ތެރޭގައި ނިންމަން،" ތޯހާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެއްބަސްވުމަށް ގެނައި ބަދަލާއެކު އިތުރުވި ފައިސާ ވެސް ފަންޑު ދޭ ފަރާތްތަކުން ހަމަޖައްސައިދީފައިވާ ކަމަށެވެ.
"މިހާރު މަސައްކަތް ކުރިޔަށްދާ ގޮތުން އަންނަ އަހަރު ނިމޭނެ ކަމުގެ އުއްމީދު ވަރަށް ބޮޑު. މިހާރު އެހެރީ ސްޓްރަކްޗާގެ ބޮޑު ބައި ނިމިފައި،" ތޯހާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އާ ޓާމިނަލް ނިމުމުން މިހާރު ބޭނުންކުރާ ޓާމިނަލް ބިލްޑިންގް ވެސް އިންޓަނޭޝަނަލް ބައެއް ދަތުރުތަކަށާއި ޑޮމެސްޓިކް ދަތުރުތަކަށް ބޭނުންކުރާނެ ކަމަށެވެ.
"އަޅުގަނޑުމެން ވިސްނާފައި އޮތީ ދެ ޓާމިނަލް ވެސް އެއްކޮށް ބޭނުންކުރަން. މިހާރު މިއަންނަ ޕެސެންޖާ މޫވްމަންޓަށް ބަލާއިރު ދެ ޓާމިނަލް ވެސް އިންޓަނޭޝަނަލް ފަސިންޖަރުންނަށް ބޭނުންކުރަން ޖެހޭނެ،" ތޯހާ ވިދާޅުވި އެވެ.
އާ ޓާމިނަލާއެކު ފަސިންޖަރުންނަށް އެއާޕޯޓުން އުފާވެރިކަން
އާ ޓާމިނަލާއެކު އެއާޕޯޓުގެ ހިދުމަތްތަކަށް ބޮޑެތި ބަދަލުތަކެއް އަންނާނެ އެވެ. ރާއްޖެ އަންނަ ފަސިންޖަރުންނަށް އެންމެ ޒަމާނީ އެއާޕޯޓުތަކުން ލިބޭ ހިދުމަތްތައް ވީއައިއޭ އިން ވެސް ލިބޭނެ އެވެ.
"ރާއްޖެއަށް މިއަންނަނީ ދުނިޔޭގެ އެންމެ މުއްސަނދި ޓޫރިސްޓުން. އެ މީހުންނަށް މިތަނުގެ އެއާޕޯޓުން ވެސް ލިބެން ޖެހޭނީ އެންމެ މަތީ ފެންވަރުގެ ޒާމާނީ ހިދުމަތްތައް،" ތޯހާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އާ ޓާމިނަލްގެ ޕެސެންޖާ އެކްސްޕީރިއަންސް ވަރަށް ބޮޑަށް ތަފާތުވާނެ ކަމަށެވެ. އެގޮތުން ވަރަށް ގިނަ ހިދުމަތްތައް އޮޓޮމޭޓްކުރެވޭނެ ކަމަށް ވެސް ތޯހާ ވިދާޅުވި އެވެ.
މީގެ އިތުރުން ރާއްޖެ އަންނަ މުއްސަނދިން ރިސޯޓުތަކަށް ދަތުރުކުރާ ލޯންޗްފަހަރު އެ އެއާޕޯޓާ ފަސޭހައިން ކައިރިކުރެވޭނެ ތަންތަނާއި ސީއައިޕީ އިން ވެސް ރިސޯޓުތަކުން ލިބޭ ފަދަ ހިދުމަތްތައް ލިބޭނެ ގޮތްތައް ހަމަޖެއްސުމަކީ ތޯހާގެ އަމާޒެވެ.
ވެލާނާ އެއާޕޯޓަށް ފަސޭހައިން ދަތުރުކުރެވޭނެ ގޮތަށް ބައެއް މަގުތައް ފުޅާކޮށް ރަނގަޅު ފެންވަރަކަށް ހެދުމާއި އެއާޕޯޓުގައި ކާރާއި އެހެނިހެން ވެހިކަލްތައް ވެސް ފަސޭހައިން ޕާކު ކުރެވޭނެ އިންތިޒާމް ވެސް ހަމަޖެއްސުމަށް އެމްއޭސީއެލް އިން ދަނީ ޕްލޭންކުރަމުންނެވެ. އެ އެއާޕޯޓުގެ އާ ކާގޯ ޓާމިނަލް ބޭނުންކުރަން ފަށާއިރު އެތަނަށް ވެސް ވެހިކަލްތައް ދަތުރުކުރެވޭނެ ގޮތަށް މަގު ހެދުމަށް ވެސް އެ ކުންފުނިން ނިންމާފައިވެ އެވެ.
"އަޅުގަނޑުމެން މި މަސައްކަތްކުރަނީ މި މަޝްރޫއުތައް ނިމޭއިރު ރާއްޖެ އަންނަ ޓޫރިސްޓުންނަށް ދުނިޔޭގެ އެންމެ ފެންވަރު ރަނގަޅު އެއާޕޯޓުތަކުން ވެސް ލިބޭ ފަދަ މަތީ ފެންވަރުގެ ހިދުމަތްތައް ފޯރުކޮށްދިނުމަށް. ރާއްޖެ އަންނަ ޓޫރިސްޓުން އުއްމީދުކުރަނީ ވެސް ރިސޯޓުތަކުން ލިބޭ ފަދަ ހިދުމަތްތައް ލިބޭނެ ކަމަށް،" ތޯހާ ވިދާޅުވި އެވެ. "އަޅުގަނޑުމެން މި މަސައްކަތްކުރަނީ އެ ޓޫރިސްޓު މީހާ އުއްމީދުކުރާ ފެންވަރުގެ ހިދުމަތްތައް މިތަނުން ލިބޭނެ އިންތިޒާމްތައް ހަމަޖެއްސުން."
މިދިޔަ ނޮވެމްބަރު މަހު ކުއްލި ގޮތަކަށް މަގާމާ ހަވާލުވެވަޑައިގެންނެވި ތޯހާ އަކީ އެ ކުންފުންޏަށް އާ ބޭފުޅެއް ނޫނެވެ. އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އިނގިރޭސިވިލާތުގެ ގޯޑަން އެންޑްރޫ ސްޓުއާޓް މަގާމުން ވަކިކުރުމުން، ކުންފުންޏަށް ދިގު މުއްދަތަކަށް ހިދުމަތްކޮށްފައިވާ ތަޖުރިބާކާރު ތޯހާ ހިންގެވުމާ ހަވާލުވެވަޑައިގެންނެވި ފަހުން ބޮޑެތި ބަދަލުތަކެއް ގެންނަން ވަނީ ފަށައިފަ އެވެ. އަދި އެ އެއާޕޯޓުގައި ހުއްޓިފައި އެތައް މަސައްކަތެއް ވެސް ބާރު ސްޕީޑުގައި ނިންމުމަށް ތޯހާ ގެންދަވަނީ މަސައްކަތްކުރަމުންނެވެ. މިގޮތުން އާ ވީއައިޕީ އަދި ސީއައިޕީ ލައުންޖް ހުޅުވުމާއި އާ ސީޕްލޭން ޓާމިނަލް ވެސް އަންނަ މަހު މަހުން ފެށިގެން ބޭނުންކުރަން އަންނަނީ ތައްޔާރުވަމުންނެވެ.