އދ. އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުން ރަޝިޔާ ސަސްޕެންޑުކުރުމަށް ނެގި ވޯޓުގައި ރާއްޖެއިން ވަކިކޮޅަކަށް ވޯޓެއް ނުދިނެވެ.
އެ ވޯޓުން ވަނީ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުން ރަޝިޔާ ސަސްޕެންޑުކުރަން ފާސްވެފައެވެ. ރަޝިޔާ ސަސްޕެންޑް ކުރަން ތާއީދުކޮށް 93 ގައުމުން ވޯޓު ދިނެވެ. އެކަމާ ދެކޮޅަށް ވޯޓު ދިނީ 24 ގައުމެވެ. އަދި ވަކި ފަރާތަކަށް ނުޖެހި 58 ގައުމު އޮތެވެ. އޭގެ ތެރޭގައި ރާއްޖެ ހިމެނެ އެވެ.
މި ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން އަފްޣާނިސްތާނު ވޯޓުގައި ބައިވެރިއެއްނުވެއެވެ. އަދި އެހެން ހުރިހާ ގައުމަކުން ނިންމީ ވަކި އަތަކަށް ވޯޓު ނުދިނުމަށެވެ. އެއީ އިންޑިއާ، ސްރީލަންކާ، ޕާކިސްތާން، ނޭޕާލް އަދި ބޫޓާނެވެ. އެ ގަރާރާ ދެކޮޅަށް ވޯޓުދިން ގައުމުތަކުގެ ތެރޭގައި ޗައިނާ ހިމެނެ އެވެ.
އެފަދައިން ފާސްވުމާއެކު ތުހުމަތު ކުރެވޭ މައްސަލަތައް ތަހުގީގު ހިންގުމުގެ މަސައްކަތް ފެށިދާނެ އެވެ.
ޔޫކްރެއިން އާ ދެކޮޅަށް އެގައުމުގައި ރަޝިޔާގެ ސިފައިން ހިންގަމުން ގެންދާ އަމަލުތައް ހުއްޓާލުމަށް ގޮވާލާ އދ. ގެ އާއްމު މަޖިލީހުން މީގެކުރިން ފާސްކުރި ގަރާރަށް ރާއްޖެއިން ވަނީ ވޯޓު ދީފަ އެވެ.
ރާއްޖެ ވެގެން ގޮސްފައި ވަނީ މި ސަރަހައްދުން ރަޝިޔާއާ ދެކޮޅަށް ވޯޓު ދިން ހަމައެކަނި ގައުމަށެވެ. އިންޑިއާ، ލަންކާ ޕާކިސްތާނު، ބަންގްލަދޭޝް ފަދަ ގައުމުތަކުން ރަޝިޔާއާ ދެކޮޅަށް ވޯޓު ދީފައެއް ނުވެއެވެ.
އެހެންނަމަވެސް 193 ގައުމުގެ ތެރެއިން 141 ގައުމަކުން ވޯޓު ދިނީ ރަޝިޔާއާ ދެކޮޅަށެވެ. އެގައުމާ ދެކޮޅަށް 35 ގައުމަކުން ވޯޓު ދީފައެއް ނުވެއެވެ. 13 ގައުމަކުން އެ ވޯޓުގައި ބައިވެރިވެފައިވެސް ނުވެއެވެ.
ގައުމާ މުޚާތަބު ކުރައްވަމުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެފައި ވަނީ ޔޫކްރޭން މައްސަލައިގައި ރާއްޖޭގެ ވިސްނުން ވަރަށް ސާފު ކަމަށާއި ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބިނާވެފައިވަނީ ކޮންމެ ޤައުމެއްގެވެސް މިނިވަންކަމާއި ސިޔާދަތަށް ޙުރުމަތްތެރިކޮށް ހިތުމުގެ މައްޗަށް ކަމަށެވެ.
"މިއީ، އ.ދ. ގެ ޗާޓަރުގައި ކަޅާއި ހުދުން ކަނޑާނެގިފައިވާ ބައިނަލްއަޤްވާމީ ގުޅުންތަކުގެ ބިންގާ. ކުޑަ ޖަޒީރާ ޤައުމެއްގެ ގޮތުގައި އޮވެ، އަޅުގަނޑުމެން ޒަމާނުއްސުރެއް ވަކާލާތުކުރަމުން މިއަންނަނީ، އެ ބިންގަލުގެ މަތީގައި ބައިނަލްއަޤުވާމީ ގުޅުންތައް ދަމަހައްޓަން. މިއީ އަޅުގަނޑުމެން ޤަބޫލުކުރާ ހަމަ،" ރައީސް ވިދާޅުވިއެވެ.
ނަމަވެސް މިފަހަރު ޔޫކްރޭންގެ ދިފާއުގައި ރަޝިޔާއާ ދެކޮޅަށް ރާއްޖެއިން ވޯޓު ނުދިނީ ކީއްވެ ކަމެއް ސަރުކާރުން ހާމައެއްނުކުރެ އެވެ.