ބޭންކް ޗެކް ބޭނުންކުރުން މަދު ކުރުމަށްޓަކައި ޗެކުން ފައިސާ ނެގޭ އެންމެ މަތީ އަގެއް ކަނޑައަޅަން އެމްއެމްއޭ އިން ނިންމައިފި އެވެ.
ޗެކް ބޭނުންކުރުން މަދުކުރުމާ ގުޅޭ އެކްޝަން ޕްލޭން އިއުލާނު ކުރުމަށް އެމްއެމްއޭ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްއެމްއޭގެ އެސިސްޓެންޓް އެގްޒެކެޓިވް ޑައިރެކްޓާ ހައްވާ ލަތީފު ވިދާޅުވީ، ޗެކް ބޭނުންކުރުން މަދުކުރުމަށް 2024 ވަނަ އަހަރާ ހަމައަށް ފިޔަވަޅުތަކެއް އެޅުމަށް ކަނޑައަޅާފައިވާ ކަމަށެވެ.
ޗެކް ބޭނުން ކުރުން މަދު ކުރުމުގެ ގޮތުން އަންނަ އަހަރު ގިނަ ފިޔަވަޅުތަކެއް އެޅުމަށް ވަނީ ނިންމައިފަ އެވެ. އޭގެ ތެރޭގައި ޗެކުން ފައިސާ ނެގޭ ވަރު 50،000ރ. އަށް، ޑޮލަރުން ނަމަ 3،000 ޑޮލަރަށް ލިމިޓް ކުރުމަށް ވަނީ ކަނޑައަޅައިފަ އެވެ. އަދި ޗެކުން ފައިސާ ނަގާ ނަމަ އިތުރު ފީއެއް ނެގުމަށް ވެސް ކަނޑައަޅާފައިވެ އެވެ.
އެކްޝަން ޕްލޭނަށް އަމަލު ކުރަން ފަށާއިރު، ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭ ޗެކް ބޭނުން ކުރާ ވަރު 60 ޕަސެންޓަށް ވަނީ ކުޑަ ކުރެވިފަ އެވެ. ދެހާސް ސަތާރަ ވަނަ އަހަރު 1.86 މިލިއަން ޗެކް ޕްރޮސެސް ކޮށްފައިވާ އިރު 2021 ވަނަ އަހަރު ކްލިއާ ކޮށްފައި ވަނީ ހަތް ލައްކަ ޗެކެވެ.
"ދިވެހިރާއްޖޭގައި ޗެކް ބޭނުންކުރާ މިންވަރު މަދުކުރުމާއިބެހޭ އެކްޝަން ޕްލޭން ދިވެހިރާއްޖޭގައި ޕޭމަންޓްގެ ޚިދުމަތް އަވަސް އަދި ލުއިފަސޭހަ ގޮތެއްގައި ކުރެވޭނެ އިންތިޒާމްތައް ހަމަޖެއްސުމުގެ ގޮތުން، ނަގުދު ފައިސާ އާއި ޗެކު ބޭނުންކުރުން މަދުކޮށް ޑިޖިޓަލް ޕޭމަންޓް ޚިދުމަތްތައް ބޭނުންކުރާ މިންވަރު އިތުރުކުރުމަކީ މި އޮތޯރިޓީއިން ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދީގެން ކުރަމުންދާ މަސައްކަތެއް. މިގޮތުން 2024 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ރާއްޖޭގައި ޕޭމަންޓް މުޢާމަލާތްތައް ކުރުމަށް ޗެކު ބޭނުންކުރުން ވީހާ ވެސް މަދުކުރުމުގެ މަގުސަދުގައި އެމްއެމްއޭ އާއި ބޭންކްތަކާ ގުޅިގެން 2021 ވަނަ އަހަރު ތެރޭގައި ވަނީ އެކްޝަން ޕްލޭނެއް އެކުލަވާލާފައި،" އެމްއެމްއޭ އިން ބުންޏެވެ.
ދެ އަހަރުގެ މުއްދަތަކަށް އެކުލަވާލެވިފައިވާ މި އެކްޝަން ޕްލޭން ތަންފީޒުކުރުމުގެ އަމަލީ މަސައްކަތް، ބޭންކުތަކާ ގުޅިގެން އަންނަ ޖޫން މަހު ފެށުމަށް އެ އޮތޯރިޓީން ވަނީ ނިންމާފަ އެވެ.
މި އެކްޝަން ޕްލޭންގެ މަގުސަދުތައް ހާސިލްކުރުމަށްޓަކައި އެޅިދާނެ ފިޔަވަޅުތައް ދެނެގަތުމަށްޓަކައި ބޭންކުތަކާއިއެކު ވަނީ މަޝްވަރާތަކެއް ކުރެވިފަ އެވެ. އެގޮތުން ކުރެވުނު މަޝްވަރާތަކުގެ އަލީގައި އެކުލަވާލެވުނު މި އެކްޝަން ޕްލޭންގެ ދަށުން އެކި މަރުހަލާ ތަކަށް ބަހާލެވިގެން އަންނަނިވި ފިޔަވަޅުތައް އެޅުމަށް ވަނީ ނިންމާފަ އެވެ.
- 2023 ވަނަ އަހަރުގެ ދެވަނަ ކުއާޓަރ އިން ފެށިގެން ދިވެހިރާއްޖޭގައި ޗެކު ބޭނުންކޮށްގެން މުޢާމަލާތްކުރެވޭނެ އެންމެ މަތީ ޢަދަދަކީ ދިވެހި ރުފިޔާއިން ނަމަ 50،000، އަދި ޔޫއެސް ޑޮލަރުން ނަމަ 3،000 ކަމުގައި ކަނޑައެޅުން.
- މި އޮތޯރިޓީ އިން މިހާރު ދެމުންދާ ޗެކް ކްލިއަރިން ގެ ޚިދުމަތްދޭ ދުވަސްތައް، ދެ މަރުހަލާއަކަށް ބަހާލެވިގެން މަދުކުރުން.
- 2023 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުން ފެށިގެން ހަފްތާއަކު ދެ ދުވަސް.
- 2024 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުން ފެށިގެން ހަފްތާއަކު 1 ދުވަސް.
3. އޮޓޮމޭޓަޑް ކްލިއަރިން ހައުސް (އޭސީއެޗް) މެދުވެރިކޮށް، ދިވެހި ރުފިޔާއިން ޕްރޮސެސް ކުރަމުން އަންނަ ހުރިހާ އިންޓަ ބޭންކް އެކައުންޓް ޓްރާންސްފާ މުޢާމަލާތްތައް، 2023 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރުން ފެށިގެން، އަލަށް ގާއިމުކުރެވޭ އިންސްޓަންޓް ޕޭމަންޓް ސިސްޓަމް މެދުވެރިކޮށް ކުރުން. އެމްއެމްއޭ އިން ބުނީ މީގެ ސަބަބުން ބޭންކްތަކުގެ މެދުގައި ހަދާ ޓްރާންސެކްޝަންތަކުގެ ފައިސާ ވަގުތުން ވަގުތަށް އެކައުންޓަށް ޖަމާވެގެންދާނެ ކަމަށެވެ.
4. ޕޭމަންޓް ހެދުމަށް ޗެކު ބޭނުންކުރާ މިންވަރު މަދުކޮށް ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރުމަށް ބާރު އެޅުމުގެ ގޮތުން 2023 ވަނަ އަހަރުގެ ފަހު ކުއާޓަރުން ފެށިގެން ޗެކު ޕްރޮސެސްކުރުމަށް ފީ ތައާރަފްކުރުން.
މީގެ އިތުރުން ވެސް، ބޭންކުތަކުން އެފަރާތުގެ ކަސްޓަމަރުންނަށް (ވަކިވަކި ފަރުދުންނާއި ވިޔަފާރިތަށް ހިމެނޭ ގޮތުން) ފޯރުކޮށްދޭ ޚިދުމަތްތައް ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ފަސޭހަކާމާއެކު ބޭނުން ކުރެވޭނެ އިންތިޒާމްތައް ހަމަޖެއްސުމަށާއި ޑިޖިޓަލް ވަސޯލަތްތައް ބޭނުންކުރުމަށް އެފަރާތުގެ ކަސްޓަމަރުން އަހުލުވެރިކުރުވައި ހޭލުންތެރިކުރުވުމަށް ވެސް ބޭންކުތަކަށް އަންގާފައިވާ ކަމަށް އެމްއެމްއޭ އިން ބުންޏެވެ.
ބޭންކުތަކާއި ގުޅިގެން މި އެކްޝަން ޕްލޭން މިދިޔަ އަހަރު އެކުލަވާލެވިފައިވާ އިރު، މިދިޔަ އަހަރު ހަމަ މި މަގުސަދުގައި ސަރުކާރުގެ އިދާރާތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ބޭންކުތަކުން ޗެކު ބޭނުންކުރާ މިންވަރު މަދު ކުރުމަށް އެޅުނު ތަފާތު ފިޔަވަޅުތަކުގެ ސަބަބުން ވެސް، އެދެވޭ ނަތީޖާތަކެއް ނެރެވިފައިވާކަން ފާހަގަކުރެވޭ ކަމަށް އެމްއެމްއޭ އިން ބުންޏެވެ.
މި އެކްޝަން ޕްލޭންގެ ދަށުން ކުރުމަށް ރާވާފައިވާ، މަތީގައި ބަޔާންކޮށްފައިވާ ކަންކަން ތަންފީޒުކުރުމުގެ ގޮތުން އެޅުމަށް ހަމަޖެހިފައިވާ ފިޔަވަޅުތައް، އެމްއެމްއޭ އާއި ބޭންކުތައް މެދުވެރިކޮށް ރައްޔިތުންނަށް އާންމުކުރަމުން ގެންދާނެ ކަމަށް ވެސް އެމްއެމްއޭ އިން ބުންޏެވެ.