އާދަޔާ ހިލާފު ބައްޔެއް ތަހައްމަލުކުރަމުން ދިޔަ އުމުރުން 1 އަހަރުގެ ޔޫނުސް ލަޔަކް، ބަލީގެ ވޭނުގައި އެތައް ދުވަަހަކު އުޅުމަށް ފަހު މިއަދު ހެނދުނު ނިޔާވެއްޖެ އެވެ.
ވިހޭއިރު ވެސް ބަލި ތަހައްމަލު ކުރަމުން ދިޔަ ލަޔަކްއަށް ޖެހިފައި ވަނީ، ދުނިޔެ އިން މަދުން ނޫނީ ނުފެންނަ ޖެނެޓިކް ބައްޔެއް ކަމަށްވާ ހާލެކުއިން އިޗިޔޯސިސް (harlequin ichthyosis) އެވެ.
ފުވައްމުލަކަށް އުފަން ލަޔަކްއަށް މީގެ ކުރިން ރާއްޖެއިން ބޭރުގައި ފަރުވާ ދީފައިވާއިރު، މިދިޔަ ފެބްރުއަރީ މަހުގައި ލަޔަކްގެ ހަމުގެ އިންފެކްޝަން ހެދިގެން އުޅުނީ ބަލިވެ އެވެ. އަދި މީގެ ދެ ހަފްތާ ކުރިން ފުވައްމުލަކު ހޮސްޕިޓަލަށް ދެއްކުމުން ނިއުމޯނިއާ ޖެހިފައި ހުރި ކަން އެނގުނެވެ.
ލަޔަކްގެ ހަންގަނޑުގައި އިންފެކްޝަން ހެދުމުން އާއިލާއިން ވަނީ މިދިޔަ ފެބްރުއަރީ މަހުގައި އެމަޖެންސީކޮށް މާލެ ގެނެސްގެން ވެސް ފަރުވާ ދީފަ އެވެ. ނަމަވެސް ބަލިން މުޅިން ރަނގަޅު ނުވި އެވެ.
ލަޔަކްއާ އެކު މި ވަގުތު އެ އާއިލާގައި ތިބީ ދެ ކުދިންނެވެ.
ލަޔަކްގެ ހާލު އޭނާގެ މަންމަ، ހައްވާ އުލާ ސޯޝަލް މީޑިއާގައި ކިޔައިދިނުމާ އެކު މަދު ދުވަސްކޮޅެއްގެ ތެރޭގައި ގިނަ ބަޔަކު އެހީތެރިކަން ފޯރުކޮށްދިނެވެ. އެގޮތުން، އެ ކުއްޖާގެ ފަރުވާއަށް، އެންމެ ފަސް ދުވަހުގެ ތެރޭގައި މިލިޔަަނަކަށް ވުރެ ގިނަ ރުފިޔާ ލިބުނެވެ. އަދި އެ ފައިސާއާއެކު އިންޑިއާއަށް ގޮސް ފަރުވާ ހޯދި އެވެ.
އެ ބައްޔާ ހެދި ހާލު ދެރަވެ ލަޔަކް މިއަދު ހެނދުނު މަރުވިކަން އޭނާގެ މަންމަ ވަނީ ސޯޝަލް މީޑިއާގައި ޔަގީންކޮށްދީފަ އެވެ.އުލާގެ އެންމެ ދޮށީ ދަރިފުޅު ވެސް ވަނީ، މީގެ 12 އަހަރު ކުރިން ހަމަ މި ބަލީގައި ނިޔާވެފަ އެވެ.