އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނާ އެކު ރިޔާސީ އިންތިހާބުގައި ތާއީދު ހޯދަން ކޯލިޝަން ހަދަން އެއްވެސް މަޝްވަރާއެއް ނުކުރާ ކަމަށް ޖުމުހޫރީ ޕާޓީން މިއަދު ބުނެފި އެވެ.
އެ ޕާޓީން މިހެން ބުނީ ކުރެންދޫ ކައުންސިލުގެ ރައީސްގެ ގޮނޑި ޕީޕީއެމްއިން ކާމިޔާބުކުރުމާ ގުޅިގެން މިދިޔަ އަންގާރަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި ޖޭޕީއާއެކު ކޯލިޝަނެއް ހަދަން ތައްޔާރަށް އޮތް ކަމަށް ރައީސް ޔާމީން ވިދާޅުވުމާ ގުޅިގެންނެވެ.
އެ ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ ޖޭޕީގެ ފިކުރަކީ އެމްޑީޕީގެ ފިކުރު ނޫން ކަމަށެވެ. އަދި ކުރީގައި ޕީޕީއެމްގައި އުޅުނު ބައެއް ބޭފުޅުން ޖޭޕީއަށް ބަދަލުވެފައި ވާތީ ދެ ޕާޓީން ކޯލިޝަނެއްގައި މަސައްކަތް ކުރެވޭނަމަ އެކަމަށް ތައްޔާރަށް ހުންނެވި ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
މިކަމާ ގުޅިގެން ނޫސްވެރިން ސުވާލުކުރަން ފެށުމުން ޖޭޕީން ބުނީ އެއްވެސް ބަޔަކާއެކު ކޯލިޝަނެއް ހަދަން އަދި ކޯލިޝަން ހެދުމަށް އެއްވެސް މަޝްވަރާއެއް ވެސް އެ ޕާޓީން ނުކުރާ ކަމަށެވެ.
ރައީސް ޔާމީން 2013 ވަނަ އަހަރު ވެރިކަމަށް ވަޑައިގަތުމަށް ޖޭޕީއާއެކު ކޯލިޝަނެއް ހެދި އެވެ. ނަމަވެސް އެ ކޯލިޝަން މާގިނަ ދުވަހު ދެމިއޮންނަ ގޮތެއް ނުވި އެވެ. އޭގެ ފަހުން 2019 ވަނަ އަހަރު ރައްޔިތުން މަޖިލިސް އިންތިހާބުގައި ވެސް ޕީޕީއެމް އާއި ޖޭޕީ އިން ވާދަކުރީ އެއްބަސްވުމެއްގެ ދަށުން އެއް ޕާޓީން ވާދަ ކުރާ ދާއިރާތަކަށް އަނެއް ޕާޓީން ވާދަ ނުކުރާ ގޮތަށެވެ. ނަމަވެސް ދެ ޕާޓީން ކުރެ އެއްވެސް ޕާޓީއަކަށް މަޖިލިސް އިންތިހާބުގައި މާބޮޑު ކާމިޔާބީއެއް ލިބޭ ގޮތެއްނުވި އެވެ.
ޖޭޕީއާއެކު ކޯލިޝަން ހަދަން ތައްޔާރަށް ހުންނެވި ކަމަށް ރައީސް ޔާމީން ވިދާޅުވި އިރު، ދާދިފަހުން ވެސް އެމަނިކުފާނު ވަނީ ގާސިމް އިބްރާހިމްއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.
ބޭނުމެއްނޫން ކޯލިޝަން ހަދާކަށް. ތީ ދެފުށްކެހެރިއެއް. ދެފުށުންވެސް ތަތްލާނެ. ތިކަހަލަ ފައިސާއަށް ބޫތަކައިފަހުރި މީހެއް ބޭނުމެއް ނުވާނެ ޕީޕީއެމް އަކަށް.
2023 ގައި ގައުމުގެ ވެރިކަމަން އައުމަށްޓަކައި ރައީސް ޔާމީނަށް އިތުރު ކޯލިޝަނެއް ބޭނުމެއް ނޫން. ސަޅިދޯ؟