ލ. ގަމުގައި ހުންނަ ރީޖަނަލް ހޮސްޕިޓަލުން ހިދުމަތްތައް ރަނގަޅަށް ނުލިބޭ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް މައްސަލަ ހުށަހަޅައި ބަހުސް ކުރަން ފަށައިފި އެވެ.
މިމައްސަލަ ހުށައެޅުއްވީ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު އެވެ.
އެ މައްސަަލަ ހުށަަހަޅުއްވަމުން ސައީދު ވިދާޅުވީ ގަމު ހޮސްޕިޓަލަކީ ލ. އަތޮޅުގެ ހުރިހާ ރައްޔިތުން ކަހަލަ ގޮތަަކަށް ހިދުމަތް ހޯދަމުންދާ ހޮސްޕިޓަލަކަށްވާ އިރު އެ ހޮސްޕިޓަލުން ދޭ ހިދުމަތުގެ ފެންވަރު ދުވަހެއް ދުވަހަކަށް ދަށްވަމުންދާކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ.
ލ. ގަމު ރީޖަނަލް ހޮސްޕިޓަލަކީ ޓާޝަރީ ފެންވަރަށް ތަރައްގީކުރުމަށް މިސަރުކާރުން ރައްޔިތުންނަށް ކެނޑިނޭޅި ވައުދުވަމުން ގެންގޮސް، އެ މަޝްރޫޢު ކުރިއަށް ގެންދަން އިއުލާން ކޮށްފައިވާ ހޮސްޕިޓަލެއް ކަމަށާއި އެ ހޮސްޕިޓަލް ހިންގުމަށްޓަކައި ވަކި ބޯޑެއް ކަނޑައަޅާ އެބޯޑުގެ ދަށަށް ލ.އަތޮޅުގެ 10 ރަށުގައި ހުރި ސިއްހީ މަރުކަޒުތަކާއި އެތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުން ވެސް ބަދަލުކޮށްފައިވާ ކަމަށް ސައީދު ވިދާޅުވި އެވެ.
ލ. އަތޮޅުގެ ހުރިހާ ރަށަކުން ވެސް މި ހޮސްޕިޓަލްގެ ހިދުމަތް ހޯދަމުންދާއިރު، ހޮސްޕިޓަލުން ދެވޭ ހިދުމަތްތަކުގެ ފެންވަރު ދުވަހުން ދުވަހަށް ދަށްވަމުންދާކަމުގެ ޝަކުވާތައް ރައްޔިތުންގެ ފަރާތުން ލިބެމުންދާތީ އާއި، ހޮސްޕިޓަލްގައި ޓާޝަރީ ފެންވަރަށް ވަސީލަތްތައް ގާއިމްނުކުރެވޭ ކަމަށް ވެސް ވިދާޅުވި އެވެ.
"ބަލިމީހުންގެ ފުރާނައަށް ނުރައްކާވާފަދަ ގިނަ ހާދިސާތަކެއް ފަރުވާކުޑަވުމާއި ހިންގުމުގެ ދޯދިޔާކަމުން ހިނގާފައިވާތީ އާއި، ކޮންމެހެން ޑޮކްޓަރުން ތިބެންޖެހޭ މުހިއްމު ބަލިތަކަށް ޑޮކްޓަރުން ނެތުމާއި ޓެސްޓުތައް ހެދެންނެތުމާއި، ވަސީލަތްތަކާއި އިމާރާތް ވެސް މަރާމާތު ނުކުރެވި ހަލާކުވަމުންދާތީ އާއި، ބޯޑުގެ ދަށަށް ބަދަލުކުރެވިފައިވާ މުވައްޒަފުންގެ ކަންކަން ވެސް ނުބެލެހެއްޓި ހޮސްޕިޓަލުން ދެމުންދާ ޚިދުމަތުގެ ފެންވަރު ދުވަހުން ދުވަހަށް ދަނީ ދަށްވަމުން،" ސައީދު ހުށައެޅުއްވި މައްސަލައިގައި ފާހަގަ ކުރެއްވި އެވެ.
އެހެންކަމުން ގަމު ރީޖަނަލް ހޮސްޕިޓަލަށް ކުރިމަތިވެފައިވާ މައްސަލަތައް ދެނެގަނެ، ސިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް ހިންގުން ހަރުދަނާކޮށް މިމައްސަލަތައް ވީހާވެސް އަވަހަށް ޙައްލުކޮށްދިނުމަށް ސަރުކާރަށް ގޮވާލާ ކަމަށް ސައީދު ވިދާޅުވި އެވެ.