އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން އަންނަ ހުކުރު ދުވަހު "ނޭވާ ހޮޅިއަށް" ނަމުގައި ބާއްވާ ބޮޑު ހިނގާލުން ކުރިއަށް ގެންދިޔުމުގެ ފުރުސަތު ނުދޭނެކަމަށް ބުނެ ފުލުހުން މިއަދު އިންޒާރު ދީފި އެވެ.
އިދިކޮޅު ކޯލިޝަނުން މިހާރު ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތުގެ ތެރެއިން އަންނަ ހުކުރު ދުވަހު ބޭއްވުމަށް ތައްރާރުވަމުންދާ "ނޭވާ ހޮޅިއަށް" ހަރަކާތާއި ގުޅިގެން ނެރުނު ބަޔާނެއްގައި ފުލުހުން ބުނެފައިވަނީ އެއްވެ އުޅުމުގެ މިންވަންކަމުގެ ހައްގުގެ ބޭނުންހިފާނެ ހަމަތައް "ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިންވަންކަމުގެ ގާނޫނުގައި ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށެވެ.
އަދި ޕީޕީއެމުން ބާއްވަން ނިންމާފައިވާ ހަރަކާތަކީ ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ހައްގުގެ ގާނޫނާ އެއްގޮތަށް ކުރިއަށްގެންދާ ހަރަކާތެއް ނޫންކަމަށް ބެލެވޭ ތަފާތު ސަބަބުތައް ފެންނަން ހުރުމާއި، އެފަދަ އެއްވުމުގެ ސަބަބުން އާންމު ސަލާމަތާއި ރައްކާތެރިކަމަށް ބުރޫއެރުމުގެ ފުރުސަތު ބޮޑުވުމުގެ ސަބަބުން އެ އެއްވުން ނުބޭއްވޭނެ ކަމަށް ފުލުހުން ޕީޕީއެމަށް އަންގާފައިވާ ކަމަށެވެ.
ފުލުހުން ތުހުމަތުކުރާ ގޮތުގައި މި އެއްވުމުގައި ބައިވެރިވުމަށް، ރަށްރަށުން މީހުން ގެންނަގޮތަށް ވަނީ ހަމަޖެހިފައި ކަމަށާއި، އަދި ގިނަ ޢަދަދެއްގެ ދުއްވާ އެއްޗެހި ބޭނުން ކޮށްގެން މާލޭގެ ބޮޑެތި މަގުތައް ބްލޮކް ކޮށް ރައްޔިތުންނާއި އާންމު ދަތުރު ފަތުރާއި ހިދުމަތްތަކަށް ހުރަސްއެޅޭގޮތަށް ކަންތައްތައް ކުރުމަށް ރޭވުމާއި، މާލޭގައި އުޅޭ ކުށްކުރާ ގްރޫޕްތައް ހޯދައި އެއްވުމުގައި ބައިވެރިކުރުމަށާއި، އެއްވުމުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ދަތިކުރުމުގެ ގޮތުން އެއްވަގުތެއްގައި އެކި ސަރަހައްދުތަކަށް ބައިބަޔަށް މީހުން ނުކުތުމަށް އެއްވުން އިންތިޒާމު ކުރާ ފަރާތުން ދަނީ ރާވަމުނެވެ.
އަދި ފުލުހުންވަނީ އެ އެއްވުމުގައި އެއްވެސް ފަރާތަކުން ބައިވެރިނުވުމަށް އިލްތިމާސްކޮށްފަ އެވެ. އަދި ގާނޫނާ ހިލާފަށް އެއްވުން ބާއްވަން ފުރުސަތު ނުދޭނެ ކަމަށާއި، އެއްވުމުގައި ބައިވެރިވެ ގާނޫނާ ހިލާފު އަމަލުތަކަށް މަގުފަހިކުރުވާކަމަށް ތުހުމަތުކުރެވޭ އެއްގަމު އުޅަނދާއި ކަނޑު އުޅަނދު ބަލައި ފާސްކުރާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އަދި އެއްވުން ބާއްވައިފިނަމަ އެއްވެސް ރޫޅައިލާނެ ކަމަށާއި، ގާނޫނާ ހިލާފުވާ ފަރާތްތަކާމެދު ގާނޫނީ އިމުގެ ތެރެއިން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ވާހަކަވެސް ފުލުހުގެ ބަޔާނުގައި ފާހަގަކުރި އެވެ.
ފުލުހުން މިފަދަ ތުހުމަތުތަކެއް ކޮށްފައިވާއިރު އިދިކޮޅު ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، ގާނޫނު އަސާސީން އެއްވެ އުޅުމާއި ޚިޔާލު ފާޅު ކުރުމުގެ މިނިވަންކަން ކޮންމެ ރައްޔިތަކަށްވެސް ލިބިގެންވާ ކަމަށެވެ. އަދި ފުލުހުން ކުރި ތުހުމަތު ތަކަކީ އެއްވެސް ތާކުންތާކު ނުޖެހޭ ތުހުމަތު ތަކެއްކަމަށް ހީނާ ވިދާޅުވި އެވެ.