އިނގިރޭސިވިލާތުގެ މުހިންމު ބިނާތަކުގެ ތެރެއިން ބަކިންގްހަމް ޕެލަސްއަކީ ދުނިޔޭގެ އެންމެ ސެކިއުރިޓީ ވަރުގަދަ އެއްތަނުގެ ގޮތުގައި ފާހަގަކުރެވިފައިވާ ތަނެކެވެ. އިނގިރޭސި ޝާހީ އާއިލާގެ ކުރީގެ ރަސްމީ ގެކޮޅުގެ ގޮތުގައި ފާހަގަވެފައިވާ މި ގަނޑުވަރަކީ ޝާހީ ދަރިކޮޅުގެ ބިންގަލެވެ.
ބަކިންގްހަމް ޕެލަސްއަކީ އެ ގަނޑުވަރެއްގައި މުޅިއެކު 775 ކޮޓަރި ހުންނަ ބޮޑު ގަނޑުވަރެކެވެ. މިތަނުގައި ޝާހީ އާއިލާގެ މެމްބަރުންނަށާއި މެހެމާނުންނަށް ހާއްސަކުރެވިގެން 52 ކޮޓަރި ހުންނައިރު ގަނޑުވަރުގެ މުވައްޒަފުންނަށް ހާއްސަކުރެވިގެން 188 ކޮޓަރި ހުރެ އެވެ. މި ގަނޑުވަރުގައި މީގެ އިތުރުންވެސް 92 އޮފީހާއި 78 ފާޚާނާ ހުންނަ ކަމަށްވެ އެވެ.
ބަކިންގްހަމް ޕެލަސް ބިނާކުރެވިފައިވަނީ 1705 ވަނަ އަހަރު އެވެ. އޭގެ ފަހުން މިތަނަށް އެކި ކަހަލަ ބަދަލުތައް ގެނެވިފައިވާއިރު މިތަނަކީ ދުނިޔޭގެ އެންމެ ރީތި ތަންތަނުގެ ލިސްޓެއް ހަދާނަމަ އެ ލިސްޓުގެ އެންމެ ކުރީގައި ހިމެނޭނެ އެއް ތަނެވެ.
ބަކިންގްހަމް ޕެލަސްއަށް އާންމުންނަށް ވަދެ ނޫޅެވުނު ނަމަވެސް މިއީ އިނގިރޭސި ވިލާތުގެ ފަތުރުވެރިކަމުގައި ވަރަށް މުހިއްމު ބިނާއަކަށް ވަނީ ވެފަ އެވެ.
ރާނީ އެލިޒަބަތު ގަނޑުވަރު ދޫކުރައްވައި ވިންޑްސޯ ކާސަލްގައި ދާދި ފަހުން ދިރިއުޅުއްވަން ފެއްޓެވި ނަމަވެސް ޕްރިންސް ވިލިއަމް އާއި ޕްރިންސް ހެރީ ވަނީ އޭގެ މާ ކުރިން ބަކިންހަމް ޕެލެސް ދޫކުރައްވާފަ އެވެ.
އެގޮތުން ޕްރިންސް ހެރީ އާއިލާއާއެކު އެމެރިކާއަށް ދިރިއުޅުން ބަދަލު ކުރެއްވި އިރު ޕްރިންސް ވިލިއަމް ވަނީ އަމިއްލަ ގެކޮޅަކަށް ބަދަލުވެ ވަޑައިގެންފަ އެވެ.
ޝާހީ އާއިލާގެ ބޭފުޅުން ބަކިންހަމް ޕެލެސް ދޫކޮށްފައި ދިޔަ ނަމަވެސް އެ ގަނޑުވަރު ވެފައިވަނީ ރަސްމަތިފުށުގެ ނިޝާނަކަށެވެ.