އިދިކޮޅު ޕްރޮގްރެސިވް ކޮންގުރެސް ކޯލިޝަނުގެ ފަރާތުން މި މަހުގެ 25 ވަނަ ދުވަހު މާލޭގައި ބޭއްވުމަށް ނިންމާފައިވާ "އިންޑިއާ އައުޓް" ހަރަކާތް ނުބޭއްވޭނެކަން އެ ކޯލިޝަނަށް އަންގާފައިވާނެ ކަމަށް ހޯމް އެފެއާޒް މިނިސްޓަރު އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، އިދިކޮޅު ކޯލިޝަނުން ހިންގާ "އިންޑިއާ އައުޓް" ހަރާކަތް ހުއްޓުވުމަށް ފުލުހުން ކުރައްވަމުންދާ މަސައްކަތް އޮޅުންފިލުވުމަށް މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން އިމްރާން ވިދާޅުވީ މިމައްސަލާގައި މިހާރު ވެސް މަޖިލީހުގެ 241 ކޮމެޓީއާއެކު މަސައްކަތް ކުރަމުންދާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އެ ބައްދަލުވުންތަކުގައި ފުލުހުން ދަންނަވާފައިވަނީ އެ މައްސަލައާ ގުޅިގެން ފުލުހުންނަށް ގާނޫނުތަކާއި ގަވާއިދުތަކުގެ މައްޗަށް ބިނާކޮށް އެޅެންހުރި ފިޔަވަޅުތައް އެޅުމުގެ މަސައްކަތްކުރާ ކަމަށެވެ. އަދި މި މަހުގެ 25 ވަނަ ދުވަހު މާލޭގައި އިންޑިއާ އައުޓް ކެމްޕޭނުގެ ހަރަކާތެއް އޮތްކަމުގެ މައުލޫމާތު މިހާރު ލިބިވަޑައިގެންފައިވާ ކަމަށާއި، އެކަމާ ގުޅިގެން އެ ހަރަކާތް އިންތިޒާމުކުރައްވާ ބޭފުޅުންނާއި ފުލުހުންނާ މުއާމަލާތް ކުރެވެމުންދާ ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ.
އޭގެ އިތުރުން ގާނޫނާއި ގަވާއިދުތަކާ ހިލާފަށް އެފަދަ ހަރަކާތެއް ކުރިއަށް ނުގެންދެވޭނެކަން މިހާރު އެ ހަރަކާތް އިންތިޒާމުކުރައްވާ ބޭފުޅުންނަށް އަންގަވާފައިވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅަށް އިދިކޮޅު ލީޑަރު ރައީސް ޔާމީން އަބްދުﷲ އިސްވެ ހުންނަވާ އިންޑިއާ އައުޓް ކެމްޕޭން ގެންދަވަނީ ވަރުގަދަ ކުރައްވަމުންނެވެ.
'އިންޑިއާ އައުޓް' 'އިންޑިއާ މިލިޓަރީ އައުޓް' މިދެބަސް ވަރަށް ތަފާތު މިލިޓަރީ އައުޓް ކިއުމަކުން މައްސަލްއެއް ނެތް، އިންޑިއާ އައުޓް ކީމަ އެއޮތީ ގޯސްވެފަ، އެބެހެނީ އިންޑިއާ އާއްމު ރައްޔަތުންނާ، އެހެންވިއްޔާ ދިވެހިން އިންޑިއާޔަތް ދިއައީމަ އެމީހުންނަށްވެސް އައުޓު ކިއޭނެދޯ