އެމެރިކާގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާފައިވާ ޖޯ ބައިޑަންގެ ކެބިނެޓަކީ އެމެރިކާގެ ތާރީޚުގައި އެންމެ ތަފާތު ކެބިނެޓަށް ވާނެ ކަމުގެ ވައުދު އިންތިޚާބުގެ ކެމްޕެއިން ތެރޭގައި ބައިޑަން ވަނީ ވެފަ އެވެ. ފޯރިގަދަ އަދި ވާދަވެރި އިންތިޚާބަކަށް ފަހު ރައީސް ޑޮނަލްޓް ޓްރަމްޕް ބަލި ގަބޫލުފުޅު ކުރައްވަން ދެކޮޅު ހެއްދެވިޔަސް، ބައިޑަންގެ ކެބިނެޓަށް އައްޔަން ކުރާނެ ބޭފުޅުންގެ މަޝްވަރާތައް މިހާރު ދަނީ ކުރިއަށެވެ.
ބައިޑަންގެ ކެބިނެޓްގައި އޭނާއާ ވާދަވެރި ބާނީ ސޭންޑާސް ހިމެނުމުގެ ފުރުސަތު އެބައޮތެވެ. ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ބައިޑަންއާ އެންމެ ބޮޑަށް ވާދަ ކުރެއްވި ބާނީ ސޭންޑާސްއަށް ސެކްރެޓަރީ އޮފް ލޭބާގެ މަގާމު ދެއްވުމާ މެދު ބައިޑަން އާއި އޭނާގެ ޓީމުން ވިސްނަމުންދާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އަދި ބާނީ ވެސް އެ މަގާމަށް ފުރުސަތު ހޯއްދަވަން ޕާޓީގެ އިސް ބޭފުޅުންނާ އެކު މަސައްކަތް ކުރައްވަމުންދާ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.
އެކަމާ ގުޅޭގޮތުން ބާނީއާ ސުވާލު ކުރެއްވުމުން އޭނާ ވިދާޅުވީ ބައިޑަން އެ މަގާމު ހުށަޅުއްވައިފި ނަމަ ގަބޫލު ކުރައްވާނެ ކަމަށެވެ. އެ މަގާމު ހޯއްދަވަން ބާނީ މަސައްކަތް ކުރައްވަންތޯ ސުވާލު ކުރުމުން އޭނާ ސީދާ ޖަވާބެއް ނުދެއްވަ އެވެ.
ރިޔާސީ ޕްރައިމަރީއެއްގައި ރައީސާ ވާދަކުރި ކެންޑިޑޭޓަކަށް އެމެރިކާގެ ކެބިނެޓުން މަގާމެއް އެންމެ ދެއްވީ ކުރީގެ ރައީސް ބަރަކް އޮބާމާ އެވެ. އޭނާއާ އެކު 2008 ވަނަ އަހަރުގެ ޑިމޮކްރަޓިކް ޕާޓީގެ ޕްރައިމަރީގައި ވާދަ ކުރެއްވި ހިލަރީ ކްލިންޓަނަށް އޮބާމާގެ ވެރިކަމުގައި އެމެރިކާގެ އެންމެ އިސް ވަޒީރު ކަމަށްވާ ސެކްރެޓަރީ އޮފް ސްޓޭޓްގެ މަގާމު ދެއްވި އެވެ. އެ މަގާމު ގަބޫލުކުރަން ހިލަރީ ފުރަތަމަ ދެކޮޅު ހެއްދެވިޔަސް، އޮބާމާގެ އެދިވަޑައިގަތުމާ އެކު މަގާމު ގަބޫލު ކުރެއްވި އެވެ. އެއީ އެމެރިކާގެ ކުރީގެ ރައީސްގެ އަނބިކަނބަލުން ކެބިނެޓްގެ މަގާމަށް ވަޑައިގަތް ފުރަތަމަ ފަހަރެވެ. އަދި ފަހުން 2016 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޑިމޮކްރަޓިކް ޕާޓީގެ ފަރާތުން ހިލަރީ އިންތިޚާބަށް ނިކުމެވަޑައިގަތަސް، ޓްރަމްޕްއާ ވާދަ ކުރައްވައި އޭނާ ބަލިވީ އެވެ.