ސްޓޭޓް ފޯ ފޮރިން އެފެއާޒް އަހުމަދު ޚަލީލް ހިމެނިވަޑައިގަންނަވާ ގޮތަށް އެ މިނިސްޓްރީގެ ބޮޑު ވަފުދެއް އެމެރިކާއަށް ވަޑައިގެން ސްޓޭޓް ޑިޕާޓްމަންޓާ ބައްދަލުކޮށްފި އެވެ.

ފޮރިން މިނިސްޓްރީން ބުނިގޮތުގައި އެ ވަފުދު އެމެރިކާއަށް މިހާރު ކުރަމުންދާ ދަތުރުގައި ސްޓޭޓް މިނިސްޓަރު ޚަލީލް ވަނީ އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ ދެކުނު އަދި މެދުތެރޭ އޭޝިއާއާއި ބެހޭ އެންމެ އިސްވެރިޔާ، އެސިސްޓަންޓް ސެކްރެޓަރީ އޮފް ސްޓޭޓް ޑޮނަލްޑް ލޫއާ ބައްދަލުކުރައްވާފަ އެވެ.

މީގެ އިތުރުން ޔޫއެސް އޭޖެންސީ ފޮ އިންޓަނޭޝަނަލް އެއިޑް (ޔޫއެސް އޭއައިޑީ)ގެ ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގެ ކަންތަކާ ހަވާލުވެ ހުންނެވި އެކްޓިން ޑެޕިއުޓީ އެސިސްޓަންޓް އެޑްމިނިސްޓްރޭޓަރު ތިއޮޑޯރާ ޑެލްއާއެކު ވެސް ސްޓޭޓް މިނިސްޓަރު ޚަލީލު ބައްދަލުކުރެއްވި ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

އެމެރިކާ ސަރުކާރުގެ އިސް ބައެއް ފަރާތްތަކާއި ސްޓޭޓް ފޮ ފޮރިން އެފެއާޒް އަހުމަދު ޚަލީލް ބައްދަލުކުރެއްވުމަށްފަހު ފޮޓޯއަކަށް ހުއްޓިގެން. ފޮޓޯ: ފޮރިން މިނިސްޓްރީ

ފޮރިން މިނިސްޓްރީން ބުނިގޮތުގައި އެމެރިކާގެ އެސިސްޓަންޓް ސެކްރެޓަރީ އޮފް ސްޓޭޓް ޑޮނަލްޑް ލޫއާއެކު ބޭއްވެވި މަޝްވަރާތަކުގައި ދެ ބޭފުޅުން ވަނީ އެމެރިކާއާއި ރާއްޖެއާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުމާ ބެހޭ ގޮތުން މަޝްވަރާކުރައްވާފަ އެވެ. އަދި ރާއްޖޭގައި އެމެރިކާގެ އެމްބަސީއެއް ގާއިމުކުރުމަށް ކުރެވޭ މަސައްކަތްތަކާ ބެހޭ ގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވި އެވެ. އަދި ތައުލީމާއި، ތިމާވެށި އަދި މޫސުމީ ބަދަލުތަކާ ގުޅޭ ގޮތުން އިތުރަށް ގުޅުން ބަދަހިކުރުމާއި، ބައިނަލްއަގުވާމީ މަސްރަހުގައި ހިނގާ ދެ ގައުމާ ގުޅުންހުރި ކަންތައްތަކާ ބެހޭ ގޮތުން ސްޓޭޓް މިނިސްޓަރު ޚަލީލު އާއި އެސިސްޓަންޓް ސެކްރެޓަރީ ލޫ މަޝްވަރާކުރެއްވި އެވެ.

ޔޫއެސްއޭއައިޑީއާއެކު ސްޓޭޓް މިނިސްޓަރު ޚަލީލް ކުރެއްވި މަޝްވަރާތަކުގައި އެ އޭޖެންސީގެ އެހީތެރިކަމާއެކު ރާއްޖޭގައި މިހާރު ހިންގަމުންދާ އެކިއެކި ޕްރޮޖެކްޓްތަކާ ބެހޭ ގޮތުން މަޝްވަރާކުރެއްވި އެވެ.

ސްޓޭޓް މިނިސްޓަރު ޚަލީލްގެ އަރިހުގައި ރާއްޖެއިން އެމެރިކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ތިލްމީޒާ ހުސެންއާއި، އެމްބަސީގެ މިނިސްޓަރު-ކައުންސެލަރު ހަސަން އާދަމްގެ އިތުރުން މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޖޮއިންޓް ސެކްރެޓަރީ ޝިއުނީން ރަޝީދު އާއި ކޮމިއުނިކޭޝަން ޑިރެކްޓަރު މިއުވާން މުހައްމަދު ބައިވެރިވެވަޑައިގަންނަވަ އެވެ.