މިދިޔަ މަހު މީރާއަށް 1.41 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ އެވެ.
މީރާއިން ބުނީ މިއަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށް ވުރެ 40.1 ޕަސެންޓް އިތުރު އަދަދެއް ކަމަށެވެ. އަދި މިދިޔަ މަހު ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށް ވުރެ 17.6 ޕަސެންޓް ކުރިއެރުމެއް ކަމަށް ވެސް މީރާއިން ބުންޏެވެ.
މީރާއިން ބުނިގޮތުގައި މިދިޔަ އަހަރުގެ ފެބްރުއަރީގައި ލިބުނު އާމްދަނީއާ އަޅާބަލާއިރު މިދިޔަ ފެބްރުއަރީ މަހު ލިބުނު އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ޖީއެސްޓީ އިންކަމް ޓެކްސް، ގްރީން ޓެކްސް، އެއާޕޯޓް ޓެކުހާއި އަދި ޓޫރިޒަމް ލޭންޑް ރެންޓް ފީގެ ގޮތުގައި ދެއްކި ފައިސާ އިތުރުވުމެވެ.
މިގޮތުން، މިދިޔަ އަހަރުގެ ޖެނުއަރީ އަޅައިބާލާއިރު، މިދިޔަ ޖެނުއަރީ މަހު ރާއްޖެއަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު 43.1 ޕަސެންޓަށް އިތުރުވެފައިވާ ކަމަށް މީރާއިން ބުންޏެވެ. މީގެ ސަބަބަކީ 2020 ވަނަ އަހަރު ކޮވިޑް-19 ގެ ސަބަބުން ޓޫރިސްޓުން ޒިޔާރަތް ކޮށްފައިވާ އަދަދު މަދުވުން ކަމަށް މިރާއިން ބުންޏެވެ.
މިދިޔަ ފެބުރުއަރީ މަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީ އެވެ. އެއީ 69.1 ޕަސެންޓް ނުވަތަ 972.10 މިލިއަން ރުފިޔާ އެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އިންކަމް ޓެކްސްއިންނެވެ. އެއީ 9.8 ޕަސެންޓް ނުވަތަ 138.21 މިލިއަން ރުފިޔާ އެވެ. މީގެ އިތުރުން، ގްރީން ޓެކްސްގެ ގޮތުގައި 91.44 މިލިއަން ރުފިޔާ، އެއާޕޯޓް ސާވިސް ޗާޖްގެ ގޮތުގައި 51.99 މިލިއަން ރުފިޔާ، އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 44.85 މިލިއަން ރުފިޔާ، އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 107.98 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މިރާއިން ބުނެ އެވެ.
މިދިޔަ ފެބުރުއަރީގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 63.09 މިލިއަން ޑޮލަރު ވެސް ހިމެނެ އެވެ.