އަތް އުކައި ކަރުބުޑުން އަޑުނެރެގެން ހަޅޭލެވުމަކީ ޕާޓީއަށް ލިބިގެންދާ ހުތުރެއް ކަމަށް ވިދާޅުވެ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލާއި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމަށް ރައްދު ދެއްވައިފި އެވެ.
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބާ ދިމާކޮށް އެޕާޓީ ތެރޭގައި ދެ ފެކްޝަނެއް އުފެދި ދެ ފެކްޝަން މެދުގައި އަންނަނީ ބަހުގެ ހަމަލާތަކެއް ދެމުންނެވެ. އެގޮތުން ޗެއާޕާސަންގެ އިންތިހާބު ފަސްކުރުމަށްޓަކައި ބޭއްވި ގައުމީ މަޖިލިސް ތެރޭގައި ވަނީ ހަމަނުޖެހުން ވެސް ހިނގާފަ އެވެ.
ގައުމީ މަޖިލީހުގައި ހިނގައިދިޔަ ހަމަނުޖެހުންތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާ ކުރީގެ ރައީސް ނަޝީދު އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުންގެ ވަޓްސްއެޕް ގުރޫޕަށް ނަޝީދު ފޮނުއްވި މެސެޖުގައި ވިދާޅުވީ ފައްޔާޒާއި ރޮޒައިނާއަކީ ދެ ކެންޑިޑޭޓުން ކަމަށެވެ.
ނަޝީދު ވަނީ އިންތިހާބުގައި ވާދަކުރައްވާ ކެނޑިޑޭތުން ރީތިކޮށް އުޅުމަށް ނަސޭހަތްތެރިވެވަޑައިގެންފަ އެވެ. އަދި އެމްޑީޕީ ގައުމީ މަޖިލީހު މެންބަރުން ވެސް އަހްލާގީ މިންގަނޑު ދޫކޮށްނުލުމަށް ވެސް ނަޝިދު އެދިވަޑައިގެންފައި އެވެ.
"...އެހާ ބޮޑަށް އަތް އުކައި ކަނޑިކި ނަގައި ކަރުބުޑުން ނެރޭ އަޑުފައްގަނޑު ނެރި ހަޅޭލެވުން އެއީ މި ޕާޓީ އަށް ލިބޭ ވަރަށް ބޮޑު ހުތުރެއް،" ރައީސް ނަޝީދު ވިދާޅުވި އެވެ.
އެމްޑީޕީން އެންމެ ފަހުން ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި މެންބަރުން މެދުގައި ވަނީ ވަރަށް ހުތުރުކޮށް ޒުވާބު ކުރައްވާފަ އެވެ. އެ ބައްދަލުވުމުގައި ރައީސް ނަޝީދު ފެކްޝަނަށް ނިސްބަތްވާ ބައެއް މެންބަރުން ވަނީ ޗެއާޕާސަންކަމަށް ވާދަކުރައްވާ ފައްޔާޒަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވާފަ އެވެ.
ނަޝީދު ވަނީ މީގެ ކުރިން ފައްޔާޒަކީ އެމްޑީޕީ ތެރޭގައި "ބްރޯ" ހެދިގެން އުޅުއްވާ ބޭފުޅެއް ކަމަށް ވިދާޅުވެ ބަހުގެ ހޫނު ހަމަލާތަކެއް ވެސް ދެއްވާފަ އެވެ.
އެވާހަކަތަކަށް ރައްދު ދެއްވާ ފައްޔާޒު ވިދާޅުވެފައިވަނީ "އަސްލު ބްރޯ" އަކީ ކާކުކަން މިހާރު ރައްޔިތުންނަށް އެނގޭނެ ކަމަށެވެ.