ދުނިޔޭގައި ފުރަތަމަ ފަހަރަށް އިންސާނެއްގެ ހަށިގަނޑަށް އޫރުު ހިތެއް ލައްވައި ކުރި އީޖާދީ ސާޖަރީއަށްފަހު ދެ މަސްފަހުން އެ މީހާ މަރުވެއްޖެ ކަމަށް ސާޖަރީކުރި ހޮސްޕިޓަލުން ބުނެފި އެވެ.
އެމެރިކާގެ މެރީލޭންޑުގެ އެ ހޮސްޕިޓަލުން ބަލިމީހާ މަރުވިކަން ޔަގީން ކޮށްދީފައިވާއިރު އޭނާ މަރުވި ސީދާ ސަބަބު ބުނެދީފައެއް ނުވެ އެވެ.
އެމެރިކާއަށް ނިސްބަތްވާ އުމުރުން 57 ޑޭވިޑް ބެނެޓްގެ ހަށިގަނޑަށް އޫރު ހިތެއް ލައްވަން ޖެހުނީ އޭނާގެ ހާލަތު ހުރި ގޮތުން އިންސާނެއްގެ ހިތް ލައްވާނެ ބާރު ނެތުމާއެކު ވަގުތުން ޓްރާންސްޕްލާންޓެއް ނުހަދައިފިނަމަ މަރުވުމުގެ ފުރުސަތު ބޮޑުވީމަ އެވެ.
ޑޭވިޑްގެ ދަރިފުޅު ބުނިގޮތުގައި މި ޓެސްޓު ސާޖަރީއާއެކު އޭނާގެ ބައްޕަގެ އުމުރަށް ދެ މަސް އިތުރުވީތީ އުފާކުރާ ކަމަށެވެ. އަދި މި ސާޖަރީއާއެކު ސިއްހީ ދާއިރާއަށް ކުރިއެރުން ހޯދަން އެހީ ވެވުނު ކަމަށްޓަކައި ވެސް އޭނާ ހުރީ ހިތްހަމަ ޖެހިފަ އެވެ.
ހޮސްޕިޓަލުން ބުނި ގޮތުގައި ޓްރާންސްޕްލާންޓް ސާޖަރީއަށްފަހު އޫރުގެ ހިތް ޑޭވިޑްގެ ހަށިގަނޑުގައި ރަނގަޅަށް މަސައްކަތް ކުރަމުން ދިޔަ ކަމަށާއި އޭނާގެ ހާލު ދެރަވީ މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ކަމަށެވެ.
މި ޓްރާންސްޕްލާންޓް ހެދި ޑޮކްޓަރުން ވަނީ އޫރުގެ ހަށިގަނޑުގެ ތެރެއަށް އިންސާނީ ޖީން އެއްކޮށް އެ އެތީގެ ހިތް އިންސާނެއްގެ ހަށިގަނޑަށް ލެއްވުމަށް ޖީން ޓެސްޓިން ހަދާފަ އެވެ.
ގުނަވަން ޓްރާންސްޕްލާންޓް ކުރާ މީހުން މަރުވާ މައިގަނޑު އެއް ސަބަބަކީ އެމީހުންގެ ދިފާއީ ނިޒާމް އާ ގުނަވަނަށް ނުހޭނި ގުނަވަންތައް އެކުގައި ކުރަން ޖެހޭ މަސައްކަތްތައް އެންމެ ފުރިހަމަ ގޮތުގައި ނުކުރެވުމެވެ.
ޑޭވިޑްއަށް ފަރުވާ ދިން ޑޮކްޓަރުން ބުނާ ގޮތުގައި އޭނާގެ ސާޖަރީއަކީ ކުރިއަށް އޮތް ތަނުގައި ގުނަވަން ޓްރާންސްޕްލާންޓް ސާޖަރީތަކަށް ލިބުނު ކުރިއެރުމެއް ކަމަށާއި މި ހާދިސާއާއެކު ފަހަތަށް ނުޖެހޭނެ ކަމަށެވެ.
މިއާއެކު ގުނަވަން ޓްރާންސްޕްލާންޓް ކުރަން ޖެހޭ މީހުންނަށް ގުނަވަނެއް ނުލިބި މަޑުކުރަން ޖެހޭ ޖެހުމަށް ނިމުމެއް އަންނާނެ ކަމަށް ޑޮކްޓަރުން ގަބޫލު ކުރެ އެވެ.