މަނީ ލޯންޑްރިންގެ ކުށް ސާބިތުވެގެން ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަދަބު ލުއިކޮށްދެވޭނީ ސުޕްރީމް ކޯޓުން ނިމިގެން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖެ ޓީވީން ފޮނުވި "ފަށާއިރު" ޕްރޮގްރާމްގައި ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ސޯލިހު ވިދާޅުވީ ހުކުމް ތަންފީޒުކުރާ މީހަކަށް މައާފްދިނުމަކީ ރައީސަކަށް ހުންނަ މީހަކަށް ކުރެވޭ ކަމެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި ކޮށްދެވޭނީ އަދަބު ލުއިކޮށްދިނުން ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
"ހުކުމް ތަންފީޒުކުރާ މީހަކަށް ރައީސަށް މައާފެއް ނުދެވޭ. [އަދަބު] ލުއިކޮށްދެވެނީ. އަޅުގަނޑަށް އެ ހިސާބަށް ދެވޭނީ ހުރިހާ މަރުހަލާއެއް ނިމިގެން. ރައީސް ޔާމީންގެ އެއް މައްސަލަ އެ އުޅެނީ ހައިކޯޓުގައި. އަނެއް މައްސަލަ ދަށު ކޯޓުގައި،" އެއްވެސް ޑީލެއްގެ ދަށުން ރައީސް ޔާމީން ދޫކޮށްލައްވާނެތޯ ދެންނެވުމުން ރައީސް ވިދާޅުވި އެވެ.
ރައީސް ސޯލިހު ވިދާޅުވީ ސުޕްރީމް ކޯޓުން ނިމުމުގެ ކުރިން "އޭގެ ބޭރުން ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ" ކަމަށެވެ.
"އެއްވެސް ޑީލެއްގެ ދަށުން ބަންދެއްގައި ހުރި މީހަކު ދޫކޮށްލުމަކީ އަޅުގަނޑު ކުރާނެ ކަމެއް ނޫން،" އެ މަނިކުފާނު ވިދާޅުވި އެވެ.