"ދިވެހި ރާއްޖޭގެ ރަސްރަސްކަލުންނަށް ދާޚިލީ އުނދަގޫ ތަކުން، ހިމާޔަތް ކޮށް ދެއްވުމަށް ވެސް، ސިލޯނުގެ އިނގިރޭސި ސަރުކާރުގެ ފަރާތުން އަޅުގަނޑުމެން އެދެމު އެވެ. އަދި މީގެ އިތުރަށް އަޅުގަނޑުމެންނަކީ، މިރާއްޖޭގެ ރަދުންކަމަށް ކަނޑައަޅުއްވާ ރަސްކަމަށް އިސްކޮށް ދެއްވުމާއި، އަޅުގަނޑުމެންގެ ފަހަތަށް މި ތަޚުތަށް އިސްވާނޭ މީހުންނާ މެދު މިގޮތަށް ކަންތައް ކޮށް ދެއްވުމަށް އެދެމެވެ."
މިއީ ދިވެހިރާއްޖެ އިނގިރޭސިންގެ ހިމާޔަތުގެ ދަށަށް ދިއުމަށް ގާނޫނީގޮތުން މެދުވެރިއެއްގެ ރޯލު އަދާކުރި މަޝްހޫރު "ހިމާޔަތުގެ ސިޓީ"ގެ ފަހަތުން ދެވަނަ ޕެރެގްރާފުގެ ދިވެހި ތަރުޖަމާގެ ގޮތުގައި ފެންނަން އޮތް ގޮތެވެ. އެ ސިޓީގެ މި ޕެރެގްރާފަށް މަތިމަތިން ބަލާލުމުން ފެންނަނީ ރާއްޖޭގެ އޭރުގެ ރަދުން ނުވަތަ ސަރުކާރު އެ ބޭފުޅުންގެ ބާރުގެ ދަށުގައި ދާއިމަށް ބޭއްވުމަށްޓަކައި އިނގިރޭސިންގެ އެހީއަށް އެދޭ ތަނެވެ. ނަމަވެސް މި މައްސަލަ ދިރާސާކުރާ ބޭބޭފުޅުންގެ ނަޒަރުގައި އެކަން އޮތީ އަދި އެހެނެއް ނޫނެވެ.
ރާއްޖޭގެ ރަސްގެފާނު ސޮއިކުރައްވައި ސިލޯނުގެ އިނގިރޭސި ގަވަރުނަރަށް ފޮނުއްވި ސިޓީގެ އަސްލު އޮތީ އަރަބި ބަހުންނެވެ. އަރަބި ބަހަށް އެ ސިޓީ އިނގިރޭސި ބަހުން ތަރުޖަމާ ކުރެވުނީ ސްރީލަންކާގައި، އިނގިރޭސި ސަރުކާރުންނެވެ. ސަބަބަކީ ރާއްޖޭގެ ރަދުން ސޮއިކުރައްވާ ސިޓީއެއް އިނގިރޭސި ބަހުން އޮވެއްޖެނަމަ އެ ސިޓީއަކީ އިނގިރޭސި ސަރުކާރުން ލިޔެ ތައްޔާރުކުރި އެއްޗެއް ކަމަށް ބެލެވިދާނެތީ އެވެ.
ރާއްޖެއިން ސިލޯނަށް ފޮނުވާ ލިޔުންތައް ޒަމާނުއްސުރެ ލިޔެފައި ހުންނަނީ އަރަބި ބަހުން ކަމަށް ވާތީ އެ ސިޓި ވެސް އޮންނަން ޖެހޭނީ އަރަބި ބަހުން ކަމަށް ސިލޯނުގައި ހުރި އިނގިރޭސި ގަވަރުނަރު ސާ އާތާ ހެމިލްޓަން ގޯޑަނަށް ފެނި ވަޑައިގެންނެވި އެވެ.
އާންމު ގޮތެއްގައި އަރަބި ބަހުން ބަދަލުކުރެވޭ ސިޓީގެ ބަދަލުގައި އިނގިރޭސި ބަހުން ސިޓީ ލިޔަން ޖެހުނު ސަބަބެއް ކަމުގައި އެ މުއާމަލާތް ހިންގުމުގައި ގަވަރުނަރު ގޯޑަންގެ ފަރާތްޕުޅުނ އުޅުއްވި ކެޕްޓަން ލޮއިޑް ބަޔާން ކޮށްފައި ވަނީ، އެ ވަގުތު ރަސްގެފާނުގެ ގަނޑުވަރުގައި އަރަބި ބަހުން ސިޓީ ލިޔެދޭ ކާތިބަކު ނެތުމެވެ. ރަސްގެފާނުގެ ރަސްމީ ލިޔުންތައް އަރަބި ބަހުން ލިޔެ ދެއްވާ ބޭފުޅާ ކަމަށްވާ ފަނޑިޔާރު މަނިކުފާނާ ރަދުންގެ މެދުގައި ދެބަސްވުމެއް އުފެދިފައިވުމެވެ.
ކެޕްޓަން ލޮއިޑްގެ ބަހުން ނަމަ ދިވެހިރާއްޖޭގައި ވާހަކަ ދައްކައި އުޅޭ ބަހަކީ ދިވެހި ބަސްކަމުގައި ވިޔަސް އެ ބަހުން ލިޔެކިޔެ ހަދަން ރަސްގެފާނަށް ވެސް ނުވަތަ ގަނޑުވަރު ތެރޭގެ އެއްވެސް މީހަކަށް ނޭނގެ އެވެ. އެހެންކަމުން އިނގިރޭސި ބަހުން ލިޔެފައި އޮތް ސިޓީގައި ރަދުން ސޮއި ކުރެއްވުން ފިޔަވައި އެހެން ގޮތެއް އޭނާއަކަށް ނުފެނުނެވެ.
ކެޕްޓަން ލޮއިޑް ރާއްޖޭގެ ރަދުންގެ ސޮޔާއެކު ސިލޯނަށް ގެންދިޔަ ސިޓީ، ގަވަރުނަރަށް ކަމުނުދިޔުމުގެ ސަބަބުން އެ ސިޓީގެ އަރަބި ތަރުޖަމާ ލަންކާގައި ލިޔުއްވައި އިނގިރޭސި މަނަވަރެއްގައި މާލެއަށް ފޮނުވައި ރަދުން ލައްވައި ސޮއިކުރުވި ކަމަށްވެ އެވެ. އެ ވަގުތު އިނގިރޭސި މަނަވަރު އޮތީ ރަދުންގެ ގަނޑުވަރަށް ފެންނަ ގޮތަށް އޭގެ ބަޑިތައް ގަނޑުވަރާ އަމާޒު ކޮށްފައި ކަމަށް ބުނެވެ އެވެ.
ސިލޯނުން ގެނައި ސިޓީގައި ސޮއި ކުރެއްވުމަށް އޭރުގެ ރަދުން ރުހިވަޑައިނުގެންނެވި ކަމަށް ވިޔަސް އެމަނިކުފާނަށް އެނޫން ގޮތެއް އޮތް ކަމަކަށް ނުވި އެވެ. އެ ސިޓީގައި ސޮއިކުރި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިނުގެން އޭރުގެ ފަނޑިޔާރު މަނިކުފާނު، ނައިބު ތުއްތު، އެ ކޮޓަރިކޮޅުން ނިކުމެ ވަޑައިގެންނެވީ "ކާފަރުންގެ އަތްދަށަށް ދިއުމަށް ވުރެ އެ މީހުންގެ ބަޑީގެ އުންޑައިން މަރުވުން ވެސް މާ ހެޔޮކަން ބޮޑު" ކަމަށް ވިދާޅުވަމުންނެވެ.
ރާއްޖޭގެ ރަދުންގެ ފަރާތްޕުޅުން އިނގިރޭސި ސަރުކާރުގެ ހިމާޔަތް ބޭނުންފުޅުވެވަޑައިގެން ލިޔުއްވާ ސިޓީފުޅެއްގެ ގޮތުގައި ފެންނަން އޮތް ހިމާޔަތުގެ ސިޓީ ލިޔުމުގެ ޕްރޮސެސް ހިނގައި ދިޔަ ގޮތަށް ބަލާއިރު އެ ސިޓީއަކީ ރާއްޖޭގެ ރަސްގެފާނު ވެސް، ދައުލަތުގެ ބޮޑުން ވެސް، އެކަމަށް ބޭނުން ވެގެން ހިނގާފައި އޮތް ކަމެއް ކަމަށް ބެލެވޭކަށް ނެތެވެ.
ރަދުންނާއި ބޮޑުންގެ ތެރެއިން ގިނަ ބަޔަކު މިކަމަށް ނުރުހުނުކަމަށް ވިޔަސް ތާރީޚުން ފެންނަން އޮތް ހަގީގަތަކީ އިނގިރޭސިން ދިވެހި ރާއްޖެއަށް އައިސް ރާއްޖެ އިނގިރޭސިންގެ ހިމާޔަތުގެ ދަށަށް ގެންދިއުމަށް ބޭނުންވި ބަޔަކު ނުވަތަ މީހަކު ރާއްޖޭގައި އުޅުނު ކަމެވެ. އެބައެއްގެ ނުފޫޒު ވެރިކަމުގެ މައްޗަށް ނިހާޔަތަށް ގަދަ ކަމެވެ. ހަމަ އެފަދައިން އެބައެއްގެ ބަސް އިނގިރޭސިން އަހައި އެކަމަށް އިޖާބަ ވެސް ދިންކަމެވެ.
"ސަތޭކަ އަހަރުގެ ހަނދާންތަކާ އެކު ޙިމާޔަތުގެ އަޅުވެތިކަން" މި ސުރުޚީގައި ފަތްތޫރައިގެ ސަތޭކަ ވަނަ އަދަދުގައި މަންދު މުހަންމަދު ވަހީދު ލިޔުއްވާފައި ވާގޮތުގައި ރާއްޖެ އިނގިރޭސިންގެ ހިމާޔަތުގެ ދަށަށް ދިޔުމުގެ ކުރިން އެކަމަށް މަގު ފަހިކޮށްދިން ހާދިސާތަކެއް ހިނގައިފައިވެ އެވެ.
އެގޮތުން ރާއްޖޭގެ ވެރިކަން އެ ދުވަސްވަރު ކުރަމުންގެންދިޔަ ހުރާގޭ ދަރިކޮޅުގެ ދެގޮފި ކަމުގައިވާ އަތިރީގޭ ދަރިކޮޅާއި ކަކާގޭ ދަރިކޮޅުގެ މެދުގައި ވެރިކަމުގެ ބާރު ހޯދުމުގެ ކޯޅުންތައް ގަދަވެ، މާލޭގެ އިމާރާތްތަކުގައި ހުޅުޖެހުމުގެ ހާދިސާތަކެއް ހިނގަން ފެށި އެވެ. އެ ހާދިސާތަކުގެ ތެރޭގައި އޭރު ރާއްޖޭގައި ތިބި ވޯރާ ވިޔަފާރިވެރިންގެ ފިހާރަތައް ވެސް އަނދައި ހުލިވާ ހިސާބަށް ދިޔަ އެވެ.
ހުޅުޖެހުމުގެ ކަންތައް ނިމި އެކަމުގައި ބައިވެރިވި މީހުން ފަޅާއެރިއިރު އަތިރީގޭ އާއިލާއަށް ނިސްބަތްވާ ބޮޑުންގެ ގިނަ ބަޔަކު އޭގައި ހިމެނުނެވެ. އިސް މީހެއް ކަމަށް ފާހަގަވީ އޭރު ބޮޑު ވަޒީރުކަމުން ދުރުކޮށްފައި ހުރި އަތިރީގޭ އިބްރާހިމް ދޮށިމޭނާ ކިލެގެފާނެވެ.
ހުޅުޖެހުމުގެ ހަރަކާތްތަކުގައި ބައިވެރިވި މީހުނަށް އަދަބުދީ އެކިރަށް ރަށަށް އަރުވާލެވުނުއިރު އިބްރާހިމް ދޮށިމޭނާ ކިލެގެފާނު އަރުވާލެވުނީ އައްޑު އަތޮޅު ހުޅުދުއަށެވެ. ހަތަރެސަފައިގައި ހިލިހިލާ ޖަހައި، އެމަނިކުފާނު ދިރި ހުރިހާ ހިނދަކު ދައުލަތުގެ އެންގުމަކާ ނުލައި ހިލިހިލާ ނުނައްޓާ ގޮތަށެވެ.
ތާރީޚީ ގިނަ އިލްމުވެރިން ބުރަވާ ގޮތުގައި އެ ވަގުތު ސިލޯނުގައި ހުންނެވި އިބްރާހިމް ދޮށިމޭނާ ކިލެގެފާނުގެ ދަރިކަލުން އަހުމަދު ދޮށިމޭނާ ކިލެގެފާނު، ބައްޕާފުޅު ސަލާމަތްކުރެއްވުމަށް އިނގިރޭސިންގެ އެހީއަށް އެދުނެވެ. ހަމަ އެއާއެކު ވޯރާ ވިޔަފާރިވެރިން ވެސް އެ މީހުނަށް ލިބެމުންދިޔަ ގެއްލުމުގެ ޝަކުވާ އިނގިރޭސިންނާ ހަމަޔަށް ގެނދިޔަ އެވެ.
މި މައްސަލަ ބަލަން ލަންކާގައި ހުންނެވި އިނގިރޭސި ގަވަރުނަރު ރާއްޖެއަށް ފޮނުވީ ކެޕްޓަން ލޮއިޑް އޭނާގެ ރިޕޯޓުގައި ރާއްޖެ އިނގިރޭސިންގެ ހިމާޔަތުގެ ދަށަށް ގެންދިއުމަށް އަތިރީގޭ އާއިލާއިން ބޭނުންވާކަން ސާފުކޮށް ބަޔާން ކޮށްފައިވެ އެވެ. ޚާއްސަކޮށް އިބްރާހިމް ދޮށިމޭނާ ކިލެގެފާނު އެ ކަމަށް އެދި ވަޑައިގަންނަވާ މިންވަރު ފާހަގަ ކުރައްވައިފައިވެ އެވެ.
"އިބްރާހިމް ދީދީ އާމެދު ފެންނަނީ އޭނާއަކީ އިނގިރޭސި ރައްޔިތެއް ކަމުގަ އެވެ." ކެޕްޓަން ލޮއިޑްގެ ބަޔާނުގައިވެ އެވެ.
އޭގެ އިތުރުން ރާއްޖެ އިނގިރޭސިންގެ ހިމާޔަތުގެ ދަށަށް ގެންދަން އެދޭ ވާހަކަ ލިޔުއްވަމުން އެގޮތަށް އެކަންކުރެވިއްޖެނަމަ އިބްރާހިމް ދީދީ "އަބަދުވެސް އިނގިރޭސި ދައުލަތަށް ވަފާތެރި ވާނެ" ކަމުގައި ވެސް ލޮއިޑްގެ ބަޔާނުގައިވެ އެވެ.
މީގެ އިތުރުން ވެސް "އިންގްލެންޑް ދިވެހި ރާއްޖޭގެ ދާޚިލިއަޔަތާ މިހާރަށް ވުރެ ގަދަބާރާއެކު ބެހި މަސައްކަތް ކުރިއްޔާ އެއީ ވަރަށް ހެޔޮފުޅު ކަމަކަށް ވާނެ" ކަމަށް ވެސް އިބްރާހިމް ދީދީ ވިދާޅުވި ކަމުގައި ލޮއިޑްގެ ބަޔާނުގައިވެ އެވެ.
އިނގިރޭސިންގެ ހިމާޔަތުގެ ދަށަށް ދިވެހިން ގެންދަން ލިޔުނު ސިޓީ ސިލޯނުގައި، ލިޔެ ރާއްޖޭގެ ރަދުން ލައްވައި އިނގިރޭސިން ސޮއި ކުރުވަން ޖެހުނީ ލޮއިޑުގެ އެ ދިރާސާތަކުގެ މައްޗަށް ބުރަވެ އެވެ.
ސޮއިކުރެވުނު ސިޓީގައި ދިވެހިން ލޮލުން ބޮލުން އެދިގެން އިނގިރޭސިންގެ ހިމާޔަތަށް ދިޔަ ކަމަށް ކަނޑައަޅާފައި އޮތަސް އެއީ އޭރުގެ ރަދުން ވެސް ނުވަތަ ރައްޔިތުން ވެސް ބޭނުންވި ގޮތެއް ނޫނެވެ. އޭގެ ބަދަލުގައި ވެރިކަން ހޯދުމުގެ ނިޔަތުގައި އެކަމަށް ބޭނުންވީ ވަކި ބައެކެވެ. އޭގެ އެންމެ ކުރީގައި ހުންނެވީ އަތިރީގޭ އިބްރާހިމް ދޮށިމޭނާ ކިލެގެފާނެވެ. ބޭނުމަކީ އެބޭފުޅުންގެ އާއިލާ އަށް ރާއްޖޭގެ ވެރިކަމުގެ ބާރުވެރިކަން މިލްކު ވުމެވެ.
މިއަދު "ލޮލުން ބޮލުން އެދިގެން" އެދިގެން އިންޑިޔާ ގެ ހިމާތުގެ ދަށަށް!!!! އެމްޑީޕީ ދާއިމަށް ވެރިކަމުގަ އޮންނަން