އެމްޑީޕީގެ އޮޑީގެ ދުވެލި ދަށްވެ މަރާމާތު ކުރަން މިހާރު ޖެހިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.
ޗެއާޕާސަންގެ އިންތިހާބުގެ ކެމްޕޭން ލޯންޗުކުރުމަށް ށ. މިލަންދޫގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އިކޮނޮމިކް މިނިސްޓަރު ވިދާޅުވީ އެމްޑީޕީގެ އޮޑި ނުފެތޭނެ ކަމަށާއި އެހެން ނަމަވެސް އެ ޕާޓީ މިހާރު ހިނގަމުންދަނީ އެންމެ ރަނގަޅަށް ނޫން ކަމަށެވެ.
"މި އޮޑީގެ ރިޔާ ސާފުކޮށްލަން ވެއްޖެ. ކުރިމަތިން ނަގަމުންދާ ކަޅު ވިލާތަކާމެދު އަޅުގަނޑުމެންގެ ވިސްނުން ގެއްލިއްޖެ،" ފައްޔާޒު ވިދާޅުވި އެވެ. "އަޅުގަނޑުމެންނަށް އެ އިހުސާސްނުކުރެވޭހެން ހީވާން ފަށައިފި. އެހެން ނަމަވެސް އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި އެ ވިލާ ގަނޑު އަންނަނީ ނަގަމުން. އަޅުގަނޑުމެން އަޅުގަނޑުމެންގެ ކަންކަން ރަނގަޅަށް ރާވާލާ މަސައްކަތުގެ ސްޕީޑް ބާރުކޮށް ޕާޓީގެ އަސާސްތައް ނަގަހައްޓަން އިތުރަށް މަސައްކަތް ނުކޮށްފިނަމަ އަޅުގަނޑަށް ފެންނަނީ އަޅުގަނޑުމެންނަށް މި ލިބުނު ކާމީޔާބީތައް ފަހަތަށް ޖެހި ގެއްލިގެން ދާތަން."
އޭނާ ވިދާޅުވީ، އެމްޑީޕީގެ ގިނަ ބޭފުޅުން ތިއްބެވީ ސަރުކާރާއި ރައްޔިތުންގެ މަޖިލީހާއި ސަރުކާރުގެ އެކިއެކި ކުންފުނިތަކުގައި ކަމަށް ވާތީ، އެ ޕާޓީ ހިންގުމުގައި ހީނަރުކަމެއް އައިސްފައިވާ ކަމަށެވެ. އެކަމަކު، ރާވާލައިގެން ކަންކަން ކުރާ ނަމަ އެމްޑީޕީ އަށް ލިބިފައި އޮތް ފުރުސަތުގެ ބޭނުން ވަރަށް ރަނގަޅަށް ހިފައި ކާމިޔާބު ވާނެ ކަމަށް ވިދާޅުވި އެވެ.
"ހިތާމައަކީ މި ވިސްނުން ޕާޓީގެ ތެރޭގައި މި ވަގުތު ނެތުން. ޕާޓީ ހިންގަން ތިއްބެވި ބޭފުޅުންގެ މި ވިސްނުން އޮތް ނަމަ މި ވޭތުވެދިޔަ ތިން އަހަރު ކޮންމެ ދުވަހަކު، ކޮންމެ މަހަކު މިއަދު މިލަންދޫން ފެނުނު ކަހަލަ މަންޒަރުތައް އަޅުގަނޑުމެންނަށް ހުއްޓުމެއް ނެތި ފެނުނީސް،" ފައްޔާޒު ވިދާޅުވި އެވެ. "އަޅުގަނޑު މި ހުރީ ތިޔަބޭފުޅުންގެ ރަށްތަކުގެ ޖަގަހަތައް ފިސާރި ރަނގަޅަށް ހިންގާލަން ނުކުމެ. އަޅުގަނޑު މި ހުރީ ތިޔަބޭފުޅުންގެ އޮފީސްތައް ހިންގައިލައި، އަންހެނުންގެ ރޫހު ފިސާރި ރަނގަޅަށް ގުގުމައިލަން އަޅުގަނޑުގެ އެހީތެރިކަން ދޭން، ފުރިހަމަ އަށް އެއްބާރުލުން ދޭން ތައްޔާރަށް."
އޭނާ ވިދާޅުވީ ޗެއާ ޕާސަންކަމުގައި އަންހެނުން ސިޔާސީ މަގާމުތަކަށް ނެރުމަށް ކުރަން ޖެހޭ މަސައްކަތް އެންމެ މުހިންމު މަސައްްކަތަކަށް ހައްދަވާނެ ކަމަށެވެ.
"އަޅުގަނޑު މި ހުށަހަޅަނީ އަޅުގަނޑުމެންގެ މި އޮޑި މަރާމާތުކޮށްލާ އަޅުގަނޑުމެންގެ ފަޅުވެރިންގެ ތެރޭގައި އޮތް ނުތަނަވަސްކަން ނައްތާލައި ފުރިހަމައަށް ރަނގަޅަށް އޮޑިއަށް ކޮއްތު އަރުވާލައިގެން އަޅުގަނޑުމެންގެ މި ކައްޕިތާނުންނަށް މި އޮޑިއާގެން ކުރިއަށް ދިއުމަށް. އަޅުގަނޑަށް އެކަން ކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތީމަ މިތާ އައިސް މި ހުރީ،" ފައްޔާޒް ވިދާޅުވި އެވެ.
ފައްޔާޒު ވިދާޅުވީ މިހާރު އެމްޑީޕީގެ މިސްރާބު ހުރި ގޮތުން ޒުވާނުންނާއި އަންހެނުންގެ އަޑު ޕާޓީގެ ތެރޭގައި ރަނގަޅަށް ނީއްވޭ ކަމަށާއި އަދި ސިޔާސަތުތައް ބައްޓަންކުރުމުގައި ވެސް މި ދެ ފަރާތް އެންމެ ފުރިހަމައަށް ޝާމިލުނުވާ ކަމަށެވެ. އެގޮތުން ޕާޓީއަށް 16 އަހަރު ވެގެން ދިޔައިރުވެސް އިތުރު އަންހެން ސިޔާސީ ލީޑަރުން ނޫފެއްދުނީ ކީއްވެގެންތޯ ސުވާލު އުފެއްދެވި އެވެ.
"އެކަން އަޅުގަނޑުމެންނަށް އެބަ އިނގޭ މި ޖަލްސާގެ ކުރީ ސަފަށް ބަލައިލުމުން، އަންހެން ބޭފުޅުން ތިއްބެވި އަދަދުން. މި ޕާޓީ އަށް 15،16 އަހަރު ވެގެން ދިޔައިރުގައި ކީއްވެތޯ އަޅުގަނޑުމެންނަށް އިތުރު، ވަރުގަދަ އަންހެން ސިޔާސީ ލީޑަރުންތަކެއް ނުއުފެއްދުނީ؟،" އެމްޑީޕީގެ އިސް ސަފުގައި އަންހެނުން މަދުކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވި އެވެ.
ދުވެލި ބާރުވާނީ ނަޝީދު ، ޙަސަން ލަތީފް ، އިންތި . އަސްލަމް ، ހަސަން އަފީފު ، ކެެރަފާ ނަސީމު ، ބޮންޑޭމެން ޕާޓީއިން ބޭރުކޮށްގެން. ޢެއީ ކަންކަން ގޯސް ކުރާމީހުން.