ނަގުދު ފައިސާ ބޭނުންނުކޮށް ޓެކްސީ އަށް ފައިސާ ދެއްކޭނެ ކޭޝް ލެސް ޕޭމަންޓް ޚިދުމަތެއް ބީއެމްއެލް އިން މިއަދު ތައާރަފްކޮށްފި އެވެ.
ރާއްޖޭގެ އެންމެ ބޮޑު ބޭންކުން ބުނީ މިއީ ބޭންކުގެ ޚިދުމަތްތައް ޑިޖިޓަލްކުރުމަށާއި ނަގުދު ފައިސާ ނުގެންގުޅޭ މުޖްތަމައަކަށް ވާސިލުވުމަށް ބޭންކުން ކުރަމުންދާ މަސައްކަތުގެ ދަށުން ތައާރަފް ކުރި ޚިދުމަތެއް ކަމަށެވެ. އަދި މި ޚިދުމަތާއެކު ޓެކްސީ ޑްރައިވަރުންނަށް މިހާރު ބީއެމްއެލް މޮބައިލްޕޭ މެދުވެރިކޮށް ކޮންޓެކްޓްލެސް ޕޭމަންޓް ބަލައިގަނެވޭނެ ކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ.
އެ ބޭންކުން ބުނީ މި ޚިދުމަތުގެ އެހީގައި ކަސްޓަމަރުންނަށް ބީއެމްއެލް މޮބައިލްޕޭ މެދުވެރިކޮށް ޑްރައިވަރުގެ މޯބައިލް ފޯނުގައިވާ ނުވަތަ ޓެކްސީގައި ބަހައްޓާފައިވާ ކިޔުއާރު ކޯޑު ސްކޭން ކޮށްގެން ފަސޭހަކަމާއެކު ފައިސާ ދެއްކޭނެ ކަމަށެވެ. އަދި ޓެކްސީ ޑްރައިވަރުންނަށް ކޭޝް ލެސް ޕޭމަންޓްގެ ޚިދުމަތް ދިނީ ރައްކާތެރިކަމާއެކު ކޮންޓެކްޓް ލެސް ޕޭމަންޓް ޚިދުމަތް ދިނުމަށް ބޭންކުން ބޭނުންކުރަމުންދާ އެމްޕޮސް ޚިދުމަތްތަކުގެ ތެރެއިން ކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ.
ކޭޝްލެސް ޕޭމަންޓުގެ ޚިދުމަތް މިއަދު ތައާރަފްކޮށްދެއްވީ މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އެވެ.
އެ ޚިދުމަތް ތައާރަފްކޮށްދެއްވުމަށްފަހު މިނިސްޓަރު ނަހުލާ އާއި ބީއެމްއެލްގެ ސީއީއޯ ޓިމް ސޯޔާ ވަނީ ކޮވިޑުން ރައްކާތެރިވުމަށް ބޭނުންކުރެވޭ ހޭންޑް ސެނިޓައިޒާ އާއި ފޭސް މާސްކް ޓެކްސީ ޑްރައިވަރުންނަށް ހަދިޔާ ކުރައްވާފަ އެވެ. ކޭޝްލެސް ޕޭމަންޓުގެ ޚިދުމަތްދޭ ކޮންމެ ޓެކްސީއަކަށް މި ތަކެތި ހިމެނޭ ޕެކެއް ބޭންކުން ހަދިޔާ ކުރުމަށްވަނީ ހަމަޖެހިފަ އެވެ.
ބޭންކުގެ ސީއީއޯ ޓިމް ފައިސާ ދެއްކުމަށް އެންމެ ފަހުގެ ޓެކްނޮލޮޖީ ރާއްޖެއަށް ފޯރުކޮށްދިނުމުގައި އިސް ދައުރެއް އަދާކުރުމަކީ ލިބޭ އުފަލެއް ކަމަށެވެ. އަދި މި ވަސީލަތުގެ އެހީގައި ކަސްޓަމަރުންނަށް ރައްކާތެރިކަމާ ފަސޭހަކަމާއެކު އަވަހަށް ފައިސާ ދެއްކުމުގެ މުއާމަލާތްތައް ފުރިހަމަ ކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ނަގުދު ފައިސާ ބޭނުންނުކޮށް ފައިސާގެ މުއާމަލާތްތައް ހިންގުން އާދައަކަށް ވެފައިވާ ދަނޑިވަޅެއްގައި، ފައިސާ ދެއްކުމުގެ ޒަމާނީ މި ޚިދުމަތް ކަސްޓަމަރުންނާއި ޑްރައިވަރުންގެ މެދުގައި މަގްބޫލު ޚިދުމަތަކަށް ވެގެންދާނެކަމަށް އުއްމީދުކުރަން. އެކުގައި މި ދަތި ދުވަސްތަކާ ކުރިމަތިލުމުގައި ބޭންކުން މުޖަތަމައަށް އެހީތެރިވުމުގައި ދެމިއޮންނާނެ،" ޓިމް ވިދާޅުވި އެވެ.
ބީއެމްއެލް މޮބައިލްޕޭ އަކީ ކޮންމެތަނަކުން ވެސް ތަކެތި ގަތުމަށް ފައިސާ ދެއްކުމަށް ބޭނުންކުރެވޭ ބޭންކުގެ ޑިޖިޓަލް ވޮލެޓް އެޕްލިކޭޝަނެވެ. މި އެޕް އެޕަލް ސްޓޯރުންނާއި ގޫގަލް ޕްލޭ ސްޓޯރުން ޑައުންލޯޑް ކުރެވޭނެ އެވެ. ބޭންކުން ދޫކޮށްފައިވާ ކާޑުތަކުގެ ތެރެއިން ކަސްޓަމަރުން މިހާރު ބޭނުންކުރަމުންދާ ކާޑުތަކާއި ޑިޖިޓަލް ވޮލެޓް މި އެޕުން ގުޅުވާލަދެ އެވެ.
"އެހެންކަމުން ކަސްޓަމަރުންނަށް ކާޑުގެ މައުލޫމާތު ހިއްސާ ކުރަން ނުޖެހި ފައިސާ ދެއްކޭނެ މަގުފަހިވެގެން ދިޔުމާއެކު މިއީ ރައްކާތެރިކަމާއެކު ފައިސާގެ މުއާމަލާތް ކުރެވޭނެ ގޮތެކެވެ." ބީއެމްއެލް އިން ބުންޏެވެ.