ހުޅުމާލެ އެކި ސަރަހައްދުތަކުގައި ހުރި ހުސް ބިންތަކުގައި ގަވާއިދާ ހިލާފަށް ބަހައްޓާފައިވާ ތަކެތި ނެގުމަށް އަންގައިފި އެވެ.

ހުޅުމާލެ ބެލެހެއްޓުމުގެ މަސައްކަތް ކުރަމުން އަންނަ ކުންފުނި ކަމަށްވާ އެޗްޑީސީއިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި އެ ކޯޕަރޭޝަނުން ކުރިޔަށް ގެންދިޔުމަށް ކަނޑައަޅާފައިވާ ހާބަރ 1، ހާބަރ 2 އަދި ޗެނަލް 2 ޕްރޮޖެކްޓް ފެއްޓުމަށްޓަކައި، ބިން ހުސްކޮށް ކޮންޓުރެކްޓަރާއި ހަވާލުކުރުމުގެ މަސައްކަތް އަންނަ މަހު ކުރިޔަށް ގެންދިޔުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން، ހުޅުމާލެ ފުރަތަމަ އަދި ދެވަނަ ފިޔަވަހީގެ ހުސް ބިންތަކުގައި މިކޯޕަރޭޝަނުގެ ހުއްދަނެތި ގަވާއިދާ ޚިލާފަށް ތަކެތި ބަހައްޓައި ބިން ބޭނުންކުރުމަކީ މަނާކަމެއްކަމާއި، އެކޯޕަރޭޝަނުގެ ހުއްދަނެތި ހުސްބިންތަކުގައި ގަވާއިދާ ހިލާފަށް ބަހައްޓާފައިވާ ތަކެތީގެ ވެރިފަރާތްތަކުން، 18 ޖެނަވަރީ 2012 ވާ އަންގާރަ ދުވަހުގެ ކުރިން އެތަކެތި އެބިންތަކުން ނެގުމަށް ކުރިންވެސް އިއުލާން ކުރި ކަމަށް އެޗްޑީސީން ބުނެ އެވެ.

ނަމަވެސް، ބައެއްފަރާތްތަކުން އެ އިއުލާނާއި އެއްގޮތަށް ބިންތަށް ހުސްކޮށްފައި ނެތުމުގެ ސަބަބުން ޕްރޮޖެކްޓްތަށް ފެއްޓުމަށް ކަނޑައެޅިފައިވާ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް އެކޯޕަރޭޝަނުން ކުރިޔަށް ގެންދިޔުމަށް މިމަހުގެ 27ވަނަ ދުވަހު ވަނީ ނިންމާފައި ކަމަށްވެސް އެ ކުންފުނިން ބުނެ އެވެ.

އަދި އެ ބިންތަކުގައި ގަވާއިދާއި ހިލާފަށް ބަހައްޓާފައިވާ ތަކެތީގެ ވެރިފަރާތްތަކުން، މިމުއްދަތުގެ ކުރިން އެތަކެތި ނެގުމަށް އެޗްޑީސީން ވަނީ އެދިފަ އެވެ.

"އަދި މި މަސައްކަތުގައި ތަކެއްޗަށް/ތަކެތީގެ ވެރިފަރާތަށް ލިބޭ ގެއްލުމަށް މި ކޯޕަރޭޝަނުން ޒިންމާ ނުވާނެކަން އާއްމުކޮށް އަންގައި އިއުލާނުކުރީމެވެ." އިއުލާނުގައިވެ އެވެ.

ނުގެންގޮސް ހުންނަ ތަކެއްޗަކީ އެތަކެތީގެ ވެރިފަރާތްތަކުން ބޭނުންނެތިގެން ދޫކޮށްލާފައިވާ ތަކެތިކަމުގައި ބަލައި، އެތަކެއްޗާ މެދު އެކޯޕަރޭޝަނަށް ފެންނަގޮތަކަށް އަމަލުކުރެވޭނެ ކަމަށްވެސް އެޗްޑީސީއިން ކޮށްފައިވާ އިއުލާނުގައި ވަނީ ބުނެފަ އެވެ.