އައިޖީއެމްއެޗާ ދިމާ ބޭރުން މޫދުގައި މަރުވައި އޮތްވާ ފެނުނު މީހާ، މަރުވީ ގެނބިގެން ކަމަށް ޕޯސްޓްމޯޓަމް އިން ދައްކާ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، މިދިޔަ މަހުގެ 23 ވަނަ ދުވަހު މަރުވެފައި އޮއްވާ ފެނުނު ގދ. ވާދޫ، ސިދުރަތުﷲ އަހުމަދު 31، ގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމްގެ ޕްރިލިމިނަރީ ނަތީޖާ އިން ދައްކައިދިން ގޮތުގައި އޭނާ މަރުވެފައިވަނީ ގެނބިގެން ކަމަށެވެ.
އޭނާ މަރުވެފައި އޮއްވާ ފެނުނު އިރު، ވާތު ލޮލާއި ފައިގެ ކުޑަ އިނގިލިން ބައެއް ނެތެވެ. މުޅި ގައިގެ އެކިތަންތަން ނޫފައިގެންފައި ހުރި އިރު، ނޭފަތް މަތިވެސް ހުރީ ވަރަށް ބޮޑަށް ޒަހަމްވެފަ އެވެ. އެކަމާ ބެހޭ ގޮތުން ފުލުހުން ބުނީ ސިދުރަތުﷲގެ ހަށިގަނޑަށް ލިބިފައިވާ ޒަހަމްތަކަކީ މޫދުގައި ހަށިގަނޑު އޮތް އިރު "އެއްޗެއް ކައިފައިވުމުގެ ސަބަބުން ލިބިފަ ހުރި ޒަހަމެއް" ކަމަށް ޕޯސްޓްމޯޓަމް ހެދި ފަރާތްތަކުން މައުލޫމާތު ދީފައިވާ ކަމަށެވެ.
ފުލުހުން ބުނީ މިހާތަނަށް އެ މައްސަލައާ ގުޅިގެން ކުރެވުނު ތަހުލީލުތަކުން ސިދުރަތުﷲ މަސްތުވަތަކެއްޗަށް ވެސް ޕޮޒިޓިވްވެފައިވާ ކަމަށް ދައްކާ ކަމަށެވެ.
"އަދި މިހިނދު ވެސް ޕޯސްޓްމޯޓަމް އާ ގުޅިގެން ހަދާ އިތުރު ބައެއް ތަހުލީލުތައް ރާއްޖެއިން ބޭރުން ކުރިޔަށް އެބަ ދޭ،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
ސިދުރަތުﷲ ގެ މަރަކީ ގުދުރަތީ މަރެއްކަން ޔަގީން ނުކުރެވޭތީވެ ޕޯސްޓްމޯޓަމް ހެދުމަށް އޭނާގެ ހަށިގަނޑު އިންޑިޔާއަށް ގެންދިޔައީ މިމަހުގެ ދެވަނަ ދުވަހު އެވެ. އޭނާގެ ހަށިގަނޑު ޕޯސްޓްމޯޓް ހެދީ ޓްރެވިންޑްރަމްގައި ހުންނަ މެޑިކަލް ކޮލެޖް ހޮސްޕިޓަލަށެވެ. އަދި މާލެ ގެނެސް އޭނާގެ ހަށިގަނޑުވަނީ މިދިޔަ ބުރާސްފަތި ދުވަހު ވަޅުލައިފަ އެވެ.