ހުޅުމާލޭގެ ސެންޓްރަލް ޕާކުގެ ކުރިމަތީގައި ހަދަން ފަށާފައިވާ ކޭ ޕާކް ރެސިޑެންސްގެ މަސައްކަތް ނުނިމި ދިގުލައިގެންދާތީ، އަނެއްކާ ވެސް ގިނަ ބަޔަކު ޝަކުވާކުރަން ފަށައިފި އެވެ.
ކޮރެއާ ކުންފުންޏަކާ ދިވެހިންގެ ބަޔަކު ގުޅިގެން 2016 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ވިއްކަން ހުޅުވާލި ލަގްޒަރީ އެޕާޓްމެންޓް ގަތުމަށް ގިނަ ބަޔަކު ފައިސާ ދައްކާފައިވެ އެވެ. މި އެޕާޓްމަންޓް ތަރައްގީކުރުމުގައި މިހާރު އިސްކޮށް ހުރީ ހަސަން މަމްދޫހު (މަންޑޭ) އެވެ.
ކޭ ޕާކް ރެސިޑެންސް އިން އެޕާޓްމަންޓް ގަންނަން ފައިސާ ދެއްކި މީހަކު "ހުރިހާ"އާ ވާހަކަދައްކަމުން ބުނީ އެ ތަނުގެ މަސައްކަތް ނުނިމި ލަސްވުމުން ވަރަށް ބޮޑު ގެއްލުމަކާ ކުރިމަތިވެފައިވާ ކަމަށެވެ.
"ވަކި މުއްދަތެއްގެ ތެރޭގައި ނިންމާފައި ހަވާލުކުރާނަމޭ ބުނީ އަތުގައި ހުރި ހުރިހާ ފައިސާއެއް އެޕާޓްމަންޓް ގަތުމަށް ދެއްކީ. އެކަމަކު ފައިސާ ދެއްކިތާ ދެ އަހަރަށް ވުރެ ގިނަ ދުވަސްވީއިރު ވެސް އެތަން ނިމޭނެ ދުވަހެއް އަދިވެސް ނޭނގެ،" އެ މީހާ ބުންޏެވެ.
އެތަނުން އެޕާޓްމަންޓް ގަތުމަށް 2020 ވަނަ އަހަރު ފައިސާ ދެއްކި މީހަކު ބުނީ އެންމެ ފުރަތަމަ އެތަން ނިމޭނެ ކަމަށް ބުނީ މިދިޔަ އަހަރު އޮކްޓޯބަރަށް ކަމަށެވެ.
"އަޅުގަނޑުމެން ވެސް ގަބޫލުކުރަން ކޮވިޑާ ހެދި އެތައް ކަމެއް ލަސްވާނެކަން. އެހެން ނަމަވެސް ފަހުން އަޅުގަނޑުމެން ކައިރީގައި ބުނީ މަސައްކަތް ކުރިޔަށް އެބަދެޔޭ އަންނަ މާޗް މަހަށް ނިންމާނެ ކަމަށް،" އޭނާ ބުންޏެވެ.
އެ މީހާ ބުނީ އެތަނުގެ މަސައްކަތް ކުރިޔަށްދާ ސްޕީޑަށް ބަލާއިރު މިއަހަރު ވެސް އެތަން ނިމޭނެ ކަމަށް ގަބޫލެއް ނުކުރެވޭ ކަމަށެވެ.
"ބޭރުން އެ ފެންނަނީ ކުލަލައި، ބެލްކަނީތަކުގައި ބިއްލޫރި ހަރުކޮށްފައި ހުރިތަން. ނަމަވެސް އެެތެރޭގެ މަސައްކަތުގެ ބޮޑު ބައެއް އަދި އޮތީ އަތް ވެސް ނުލައި،" އޭނާ ބުންޏެވެ.
އެ މީހާ ބުނީ މަސައްކަތް ލަސްވާތީ ޝަކުވާކުރަން ފެށުމުން މިހާރު ބުނަނީ އަންނަ ޖޫން މަހަށް މަސައްކަތް ނިންމާނެ ކަމަށެވެ.
ކޭ ޕާކު ރެސިޑެންސް ހެދުމުގައި އިސްކޮށް ހަރަކާތްތެރިވާ ހަންބޯ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މަންޑޭ ބުރާސްފަތި ދުވަހު ވިދާޅުވީ އެތަނުގެ މަސައްކަތް އަންނަ ޖޫން މަހުގެ ނިމޭނެ ކަމަށް އަންގާފައިވާނެ ކަމަށެވެ. ނަމަވެސް އެތަނުގެ މަސައްކަތުގެ އިތުރު ތަފުސީލެއް އޭނާ ނުދެއްވަ އެވެ.
ސާދަ ބުރީގެ އިމާރާތުގައި 110 އެޕާޓްމަންޓް ހުރެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ދެ ކޮޓަރި އާއި ތިން ކޮޓަރީގެ އެޕާޓްމެންޓްތަކެވެ.
ކޭޕާކް ރެސިޑެންސް ބިލްޑިން ހިމެނޭ ބިމަކީ 21،000 އަކަފޫޓްގެ ބިމެކެވެ. އެ ބިލްޑިންގުގައި މީހުން ދިރިއުޅޭ އެޕާޓްމެންޓްތައް ހުންނާނީ 11 ބުރިއެއްގަ އެވެ. އިމާރާތުގެ ބޭސްމަންޓް ޕާކިން އަށް ހާއްސަ ކޮށްފައިވާއިރު ފުރަތަމަ ދެ ބުރި ހާއްސަކޮށްފައި އޮންނާނީ ކޮމާޝަލް ބޭނުންތަކަށެވެ.