މޫސުމަށް އަންނަ ބަދަލުތަކުގެ ގެއްލުން އެންމެ ބޮޑަށް ކުރިމަތިވެފައިވާ ގައުމުތަކުގެ ދަރަނިތައް ރީސްޓްރަކްޗާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފި އެވެ.
ކޮމަންވެލްތް ފައުންޑޭޝަނުން އިއްޔެ ހަވީރު ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވަނީ އެންމެ ބޮޑަށް ދަރަނިވެރިވެފައިވާ ގައުމުތަކުގެ ދަރަނި ރީސްޓްރަކްޗާ ކުރާނެ ގޮތުގެ ޚުލާސާއެއް ވެސް ހުށަހަޅުއްވާފަ އެވެ.
ކުދި ޖަޒީރާ ގައުމުތަކަށް ދިމާވެފައިވާ ގޮންޖެހުންތަކާ ގުޅޭގޮތުން، ކޮމަންވެލްތް ފައުންޑޭޝަނުން ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ދަރަނިވެރިވެފައިވާ ގައުމުތަކުގެ ހާލަތު ދެނެގަތުމަށްފަހު، އެންމެ މަދުވެގެން 18 މަސްދުވަހުގެ މުއްދަތަކާއެކު ވޯލްޑް ބޭންކުން އިތުރު ބޮންޑުތައް ދޫކޮށްފިނަމަ ދަރަނިވެރިވެފައިވާ ގައުމުތަކަށް މޫސުމާ ދެކޮޅަށް މަސައްކަތް ކުރުމަށް ބޭނުންވާ ފައިސާ ހޯދުމުގެ ފުރުޞަތު އޮންނާނެ ކަމަށެވެ. އަދި، ދަރަނި ރީސްޓްރަކްޗާ ކޮށްފިނަމަ ތަރައްގީގެ މަޝްރޫއުތަކާއި ސިއްހީ ޚިދުމަތާއި ތައުލީމު އަދި ދެމެހެއްޓެނިވި ހަކަތައާއި މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް ބޭނުންވާ ވަސީލަތްތައް ގާއިމްކުރުމަށް ޚަރަދުކުރުމުގެ ފުރުސަތު މި ގައުމުތަކަށް ލިބޭނީ ގައުމުތަކުގެ ދަރަނި ރީސްޓްރަކްޗާކޮށް، ފުރުސަތު ފަހިކޮށްދީގެން ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
އެގޮތުން މޫސުމަށް އަންނަ ބަދަލުތަކުގެ ގެއްލުން އެންމެ ބޮޑަށް ކުރިމަތިވެފައިވާ ގައުމުތަކުގެ ތެރޭގައި ހިމެނޭ ދަރަނިވެރިވެފައިވާ ގައުމުތަކުން މޫސުމީ ގެއްލުންތަކާ ދެކޮޅަށް އަޅާނެ ފިޔަވަޅުތައް ކަނޑައެޅުމަށްޓަކައި ކްލައިމެޓް ޕްރޮސްޕެރިޓީ ޕްލޭނެއް އެކުލަވާލަންޖެހޭ ކަމަށް މަޖިލީހުގެ ރައީސް ވިދާޅުވި އެވެ.
މޫސުމަށް އަންނަ ބަދަލުތަކުގެ ގެއްލުން އެންމެ ބޮޑަށް ކުރިމަތިވެފައިވާ 55 ގައުމު ހިމެނޭ ކްލައިމެޓް ވަލްނަރަބަލް ފޯރަމްގެ ތީމެޓިކް އެމްބެސެޑަރުކަންވެސް ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުން ކުޑަކުރުމަށް ދުނިޔޭގެ ޖަންގަލިތަކާއި ކަނޑޫފާތަކާއި މުރަކައިގެ ފަރުތައް ހިމާޔަތް ކުރަންޖެހޭކަން ފާހަގަކުރައްވާފަ އެވެ. އަދި، ތިމާވެއްޓާ ރައްޓެހި ހަކަތައާއި ކްލީން ހައިޑްރެޖަން އަދި އެޑްވާންސް ނިއުކްލިއާ ފިޝަން ބޭނުންކޮށް، މޫސުމަށް ގެއްލުންދޭ ބާވަތްތަކުން ސަލާމަތް ވެވިދާނެކަން އެމަނިކުފާނު ފަހަގަކުރެއްވި އެވެ.
ނަމަވެސް މި ހުރިހާ ކަމަކަށްވެސް ފައިސާ ބޭނުންވާ ކަމަށާއި އެ ބޭނުންވާ ފައިސާ ހޯދާ މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް އިންވެސްޓް ކުރެވޭނީ ދަރާފައިވާ ގައުމުތަކުގެ ދަރަނި ރީސްޓްރަކްޗާކޮށް އެ ގައުމުތަކަށް އެ ފުރުސަތު ފަހިކޮށްދީގެން ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ. އެހެންކަމުން ވަކިވަކި ގައުމުތަކުން އެކަމަށް ޖެހިލުންވިޔަސް، މޫސުމީ ގެއްލުންތަކާ ދެކޮޅަށް ކުރާ މަސައްކަތް ކާމިޔާބުކުރުމަށް މުހިއްމު ކަމެއްކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.