އަހަރުމެންގެ މުޖުތަމައުގައި ވެސް ނަފްސާނީ ބަލިތަކަކީ މިހާރު އާއްމުކޮށް ފެންނަ ބަލިތަކެކެވެ. މިއީ ބައެއްފަހަރު ދިރިއުޅުމުގެ އާދަކާދަ ގެންގުޅެވޭ ގޮތަކުން ވެސް ވެދާނެ ކަމެކެވެ. އެގޮތުން މި ލިޔުމުގައި މި ބަލާލަނީ ނަފްސާނީ ބަލިތަކަށް މަގުފަހި ކުރުވާ ބައެއް އާދަ ތަކަށެވެ.
އަމިއްލަ ނަފްސަށް ފަރުވާކުޑަ ކުރުން
އެންމެ ކުޑަކުޑަ ކަންތައްތަކަކީވެސް މީހާގެ ނަފްސާނީ ދުޅަހެޔޮކަމަށް އަސަރު ކުރުވާ ކަންތައް ތަކެވެ. ކަސްރަތު ކުރުން ހުއްޓާލުމާއި, ސިއްހަތަށް ސަމާލުކަން ނުދިނުން އަދި ނުނިދައި ގިނައިރު ހޭލާހުރުމުން ދެން އިހްސާސް ކުރެވެނީ ވަރުބަލި ކަމެވެ. މި ކަންތައްތަކަކީ ސީދާ ނަފްސާނީ ބައްޔަކަށް މަގުފަހި ކުރުވާ ކަންތައްތަކަށް ނުވިޔަސް އެއީ ނަފްސާނީ ބަލިތަކަށް މެދުވެރި ކުރުވާ ކަންކަމަށް ފުރުސަތު ހުޅުވައިދޭ ކަންކަމެވެ.
މާ ގިނައިން ލުއިކާނާ ކެއުން
އާދައަކަށް ހަދައިގެން ކޮންމެ ދުވަހަކު ނުވަތަ އަބަދުވެސް ކޫސަނި ކެއުންތައް ކެއުމަކީ މީހާގެ ހަށިގަނޑަށް ލިބޭ ހަކަތަ މަދުވެ ކައްނެތް ކުރުވާ ކަމެކެވެ. ދިރާސާތަކުން ދައްކާގޮތުގައި މީހާގެ ސިއްހަތު ދުޅަހެޔޮ ވީވަރަކަށް ނަފްސާނީ ބަލިތަކަށް އޮތް ފުރުސަތު ދަށްވެ އެވެ. ގިނައިން ތައްޔާރީ ކާނާ ބޭނުން ކުރާނަމަ ނަފްސާނީ ބަލީގެ ޝިކާރައަކަށްވުން ގާތެވެ.
ގިނަ ވަގުތު އެކަނި ހޭދަކުރުން
ނަފްސާނީ ތަޖުރިބާކާރުން ދެކޭގޮތުގައި ދިރިއުޅުމުގައި ދިމާވާ ގޮންޖެހުންތަކާއި ހަލަބޮލިކަމުން ސަލާމަތްވުމަށްޓަކައި އެކަނި ވަގުތުކޮޅެއް ހޭދަކުރުމަކީ މުހިންމު ކަމެކެވެ. ނަމަވެސް ގިނަ ވަގުތު އެކަނި ހޭދަކުރުމަކީވެސް އެހާ އެދެވިގެންވާ ކަމެއް ނޫނެވެ. މިގޮތުން ނަފްސާނީ ބަލިތަކުން ރައްކާތެރި ވުމަށްޓަކައި އެޅިދާނެ އެންމެ ރަނގަޅު އެއް ފިޔަވަޅަކީ އިޖުތިމާއި ގުޅުން ބަދަހިކޮށް ވަރުގަދަ ކުރުމެވެ.
ސޯޝަލް މީޑިއާއާ ދޯޅުވުން
އަދުގެ ހާލަތަކީ ދިރިއުޅުމުގެ ކޮންމެ ކަމެއްގައި ވެސް ސޯޝަލް މީޑިއާ ބޭނުން ކުރަން ޖެހިފައިވުމެވެ. ނަތީޖާއަކަށްވަނީ ސޯޝަލް މީޑިއާގެ ޒަރިއްޔާއިން ލިބޭ ގިނަ މައުލޫމާތު ސިކުނޑިއަށް ނަގައިގަތުމުން ސިކުނޑިއަށް ބުރަވެ ގެއްލުން ވުމެވެ. ދިރާސާތަކުން ދައްކާ ގޮތުގައި އެއްފަހަރާ ގިނަ ވަސީލަތްތައް ބޭނުންކުރާ މީހުން ނަފްސާނީ ބަލިތަކުގެ އަލާމާތްތައް ތަޖުރިބާކުރުމުގެ ފުރުސަތު އިތުރެވެ.