އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް ތުހުމަތުކޮށް ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގެ ޝަރީއަތާއި ގުޅިގެން ކޯޓުންނާއި ސަރުކާރުން ކަންކުރަމުންދާ ގޮތާ ގުޅިގެން ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

މިނިސްޓަރު މަހުލޫފުގެ ޝަރީއަތާއި ގުޅިގެން ކްރިމިނަލް ކޯޓުން ބުނެފައި ވަނީ މަހުލޫފުގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ހޯދުމާއި ގަބޫލުކުރުމުގެ ކުށުގެ ދައުވާގެ އަޑުއެހުންތައް ފަށާނީ ކޮވިޑްގެ ހާލަތު ރަނގަޅުވުމުން ކަމަށާއި، ސަބަބަކީ އެ މައްސަލައަކީ ކޯޓަށް ހާޒިރުކޮށްގެން ހިންގަން ނިންމާފައިވާ މައްސަލައަކަށް ވާތީ ކަމަށެވެ.

ކްރިމިނަލް ކޯޓުގެ އެނިންމުމާއި ގުޅިގެން ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ބުނެފައި ވަނީ އެ މައްސަލަ ކޮވިޑުގެ ހާލަތު ރަނގަޅު ވަންދެން ފަސްކުރަން ނިންމިކަން ކޯޓުން ހާމަކުރިއިރު، މިފަދައިން ނިންމި ގައިޑްލައިންތައް ހާމަކޮށްފައިނުވުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. ހާއްސަކޮށް މަހުލޫފުގެ މައްޗަށް ކޮށްފައިވާ ދައުވާގައި ތުހުމަތުކުރާ ކުށަކީ ގާނޫނުލް އުގޫބާތުގައި ބޮޑެތި ކުށްތަކުގެ ތެރޭގައި ހިމެނޭ ކުށަކަށްވާތީ ކަންބޮޑުވުން އިތުރުވާ ކަމަށްވެސް ޓްރާންސްޕޭރެންސީން ބުނެ އެވެ.

އޭގެ އިތުރަށް ކޮވިޑުގެ ހާލަތު ރަނގަޅުވަންދެން މަހުލޫފުގެ ޝަރީޢަތް ފަސްކުރިކަން ކޯޓުން ހާމަކުރިއިރު 2020 ވަނަ އަހަރުގެ އޯގަސްޓު 6 ވަނަ ދުވަހުގައި ކޯޓުން އޯޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީޢަތްތައް ބޭއްވުމާ ގުޅޭ އިޖުރާއާތެއް އާންމުކޮށްފައިވާކަން އެ ޖަމްއިއްޔާއިން ފާހަގަކުރި އެވެ.

މި މައްސަލަ ޕީޖީން ކޯޓަށް ފޮނުވީ 25 ނޮވެންބަރު 2021 ވަނަ ދުވަހުގައި ކަން ފާހަގަކުރަމުން އެ ޖަމްޢިއްޔާއިން ބުނެފައިވަނީ ކޮރަޕްޝަނުގެ ތުހުމަތުގައި ދައުލަތުގެ އެއްވެސް މަސްއޫލުވެރިއެއްގެ މައްޗަށް ދައުވާ އުފުލިއްޖެނަމަ އެ ފަރާތަކާމެދު ފިޔަވަޅުއަޅާނެ ކަމަށް، އޮކްޓޯބަރު މަސް ތެރޭގައި ރައީސް އޮފީހުގެ ތަރުޖަމާޏް މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވެފައިވާ ކަމަށެވެ.

އަދި ސަރުކާރުގެ އެއްވެސް މަސްއޫލުވެރިޔަކާމެދު އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައެއްގައި ތުހުމަތުވެ ދައުވާކޮށްފިނަމަ އެ ފަރާތެއް ހުރި މަގާމުން ވަކިކުރައްވާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވި ކަމަށް ވެސް އެޖަމިއްޔާއިން ވަނީ ފާހަގަ ކުރައްވާފަ އެވެ.

މި ފިޔަވަޅުތައް އެޅުމަށް އެކުލަވައިލާފައިވާ އުސޫލު ސަރުކާރުން އާންމުކޮށް ޝާއިއުކޮށްފައިނުވާކަން ފާހަގަކުރަމުން އެ ޖަމްއިއްޔާއިން ބުނީ އެ އުސޫލު ޔޫތު މިނިސްޓަރު މަހުލޫފުގެ މައްޗަށް ސަރުކާރުން ހިންގާފައިނުވާ ކަމަށެވެ.

އަދި މި ގައިޑްލައިންތައް އާންމުކޮށްފައި ނެތުމުން ކޮރަޕްޝަނުގެ ތުހުމަތުވާ ފަރާތްތަކަށް އެ ފަރާތްތަކުގެ ބާރު ބޭނުންކޮށްގެން، ހެކި ފޮރުވުމާއި، އިތުރު ކޮރަޕްޝަނުގެ އަމަލު ހިންގުމަށް ފުރުސަތު ފަހިވާތީ ހުރި ކަންބޮޑުވުންތައް ފާޅުކުރާ ކަމަށްވެސް ޓްރާންސްޕޭރެންސީން ބުނެފައިވެ އެވެ.

ދައުލަތުގެ މަގާމުތަކުގައި ތިބޭ މީހުންނާމެދު ކުރެވެ ކޮރަޕްޝަނުގެ ތުހުމަތުތަކާ ގުޅިގެން އަމަލުކުރާ ނިޒާމަކީ ދެފުށްފެންނަ ސާފު ނިޒާމެއް ކަމަށް ހެދުމަށް އެ ޖަމްއިއްޔާއިން ގޮވައިލި އެވެ.

ކޮވިޑާ ގުޅިގެން މިނިސްޓަރު މަހްލޫފްގެ ޝަރީއަތްތައް ފަސްކުރި ނަމަވެސް އެކޯޓުގައި ކުރިއަށްދާ އެހެން ޝަރީއަތްތައް ބާއްވަމުން އަންނަކަން ފާހަގަ ކޮށްލެވެ އެވެ. އަދި މިހާރު ގިނަ ޝަރީއަތްތައް ކްރިމިނަލް ކޯޓުގައި ވެސް ކުރިއަށް ގެންދަނީ އޮންލައިންކޮށެވެ.

ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފްގެ މައްޗަށް ކޮރަޕްޝަންގެ ދައުވާ ދައުލަތުން އުފުލާފައިވާއިރު އަދިވެސް އޭނާއާއި މެދު ސަރުކާރުން އެއްވެސް ފިޔަވަޅެއް ނާޅާތީ ގިނަ ބަޔެއްގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ.

ކޮވިޑް ހާލަތު ގޯސްވެގެން މިނިސްޓަރު މަހުލޫފުގެ ޝަރީއަތް ކްރިމިނަލް ކޯޓުން ފަސްކޮށްފައިވާއިރު އަންނަ މަހު ފަސް ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން ކެމްޕެއިންނަށް މަހުލޫފު ވަނީ އެ ދާއިރާގެ ގިނަ ރަށްތަކަކަށް ވަޑައިގެންފަ އެވެ.