އިސްތަށިގަނޑަކީ ވަރަށް ގިނަ މީހުން ހާއްސަ ސަމާލުކަމެއް ދީގެން ބަލަހައްޓަމުން އަންނަ އެއްޗެކެވެ. އަދި އިސްތަށިގަނޑުގެ ޒީނަތްތެރިކަމަށް ބޮޑެތި ހަރަދުތަށް ކުރާ މީހުން ވެސް އުޅެ އެވެ. އިސްތަށިގަނޑު ދިގުކުރުމަށް ލޯބިކުރާ މީހުން އޭގެ ތެރޭގައި ގިނަ އެވެ.
އިސްތަށިގަނޑު ކޮށުމުން އަވަހަށް ދިގުވާނެ އޭ ބުނާ ވާހަކައަކީ ވަރަށް ގިނައިން އިވޭ ވާހަކައެކެވެ. ނަމަވެސް މިކަމުގެ ހަގީގަތް ހޯދާލުމުން އެނގެނީ މުޅިން ތަފާތު ކަމެކެވެ. އެއީ އެއްވެސް ހަގީގަތެއް ނެތް ވާހަކައެއް ކަމަށް ސައިންސްވެރިން ވެސް އެއްބަސްވެ އެވެ.
އިސްތަށިގަނޑު ދިގު ވަނީ އިސްތަށިގަނޑުގެ ބުޑުންނެވެ. އިސްތަށިގަނޑުގެ ކޮޅު ކިތަންމެ ވަރަކަށް ކޮށިއަސް އިސްތަށިގަނޑު ދިގުވާ މިންވަރަށް ބަދަލެއް ނާންނާނެ އެވެ.
ނަމަވެސް އިސްތަށިގަނޑުގެ ކޮޅުތައް ކޮށުމަކީ ދިގުވާ އިސްތަށިތައް ބުރި ނުވެ ދިގުކަންމަތީ ބަހައްޓަން އެހީވެދޭ ކަމެކެވެ. އެއީ އިސްތަށިގަނޑަށް ގިނަ ދުވަސްވުމުން އިސްތަށިތައް ކަފިވެ ފަސޭހައިން ބުރިވާގޮތް ވާތީ އެވެ. ވުމާއެކު އެކަމަށް އޮތް ހައްލަކީ އިސްތަށިގަނޑުގެ ކޮޅުތައް ކޮށުމެވެ.
އިސްތަށިގަނޑު އަވަހަށް ދިގުކުރަން ބޭނުންނަމަ އިސްތަށިގަނޑަށް ފައިދާހުރި ކާނާ ކެއުމަށް އިސްކަން ދިނުން މުހިއްމެވެ. އަދި އިސްތަށިގަނޑު މަސާޖުކޮށް އިސްތަށިގަނޑުގެ ބުޑަށް ފަރުވާދިނުމަށް ތަފާތު ފަތްޕިލާވެލިން ތައްޔާރުކޮށްފައި ހުންނަ ތަކެތި ބޭނުން ކުރުމަކީވެސް ކުރެވިދާނެ ކަމެކެވެ. އަދި ނިދާއިރު އިސްތަށިގަނޑު ދޫކޮށް ބޭއްވުމަކީ ވެސް ކުރެވިދާނެ ކަމެކެވެ.