ޑްރައިވިންގް ލައިސަންސް ނެގުމަށް ޑްރައިވިންގް ސްކޫލެއްގެ އިންސްޓްރަކްޓަރަކާއެކު ވަކި މިންވަރަކަށް ދުއްވުން ޝަރުތުކޮށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓުން ނެރުނު ގަވާއިދަށް މިވަނީ ގިނަ ބައެއްގެ ފާޑު ކިއުން އަމާޒުވެފަ އެވެ.
މި ގަވާއިދު ބުނާ ގޮތުން އެއްގަމުގަައި ދުއްވާ އިންޖީނު ލީ އުޅަނަދެއްގެ ލައިސްންސް ލިބޭނީ އެ މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްފައިވާ ޑްރައިވިން ސްކޫލެއް ނުވަތަ އިންސްޓިޓިއުޝަނެއްގެ އިންސްޓްރަކަޓަރެއްގެ ބެލުމުގެ ދަށުން ވަކި މިންވަރަކަށް ދުއްވައިގެންނެވެ.
އެ ދުއްވުމާއި ގުޅޭ ރެކޯޑް ބެލެހެއްޓުމަކީ ޑްރައިވިންގް ސްކޫލުގެ ޒިންމާއެކެވެ. ލައިސަންސަށް އެދި ހުށަހަޅާއިރު އެ ދުއްވުން ދުއްވި ކަމުގެ ލިޔެކިޔުން ހުށަހަޅަން ޖެހެ އެވެ.
ސުވާލަކީ އިންސްޓްރަކްޓަރަކާއެކު ވަކި މިންވަރަކަށް ދުއްވުމުން އެމީހަކަށް ދުއްވަން ދަސްވާނެ ކަމުގެ އޮތީ ކޮން ޔަގީން ކަމެއް ހެއްޔެވެ؟
ދުނިޔޭގެ ތަރައްގީވެފައިވާ ގައުމުތަކުގައި މިކަންކަން އޮންނަ ގޮތަށް ބަލާއިރު ލައިސްންސް ނެގުމަށްޓަކައި ޑްރައިވިން ސްކޫލަކަށް ދިއުން މަޖުބޫރެއް ނޫނެވެ. ހަމަ އެފަދައިން ޑްރައިވިން ޓެސްޓު ހެދުމުގައި އެމީހަކު އިންސްޓްރަކްޓަރަކާއެކު ދުއްވާ ދުއްވުމަކަށް ރިއާޔަތެއް ވެސް ނުކުރެ އެވެ.
ޓެސްޓްގައި ބަލަނީ ޓެސްޓް ކުރުމަށް ހަމަޖެހިފައިވާ ހަރުދަނާ އުސޫލުތަކެއްގެ މަތިން ދުއްވޭތޯ އެވެ. ކިތަންމެ ގިނަ ދުވަހަކު ޑްރައިވިންގް ސްކޫލަކުން ތަމްރީނު ލިބިފައި ހުއްޓަސް ޓެސްޓަށް ދުއްވާ ދުވުމުގައި ހެދޭ ކުށްތަކަށް ބަލައި އެ މީހަކު ފާސް ނުވުމުގެ ފުރުސަތު އަބަދު ވެސް އޮވެ އެވެ.
ޓެސްޓްކުރާއިރު ހަމަ އެކަނި ބަލާނީ އެ މީހަކަށް ގަވާއިދުން ހަމަޖެހިފައި އޮންނަ އުސޫލުން ދުއްވަން އެނގޭތޯ އެވެ.
ދުނިޔޭގެ ކުރި އަރާފައިވާ ގައުމުތަކުގެ ތެރެއިން އިނގިރޭސިވިލާތާ އޮސްޓްރޭލިޔާގައި ވެސް އެއްގަމު ދުއްވާ އުޅަނގުގެ ލައިސަންސަށްޓަކައި ހަދާ ޓެސްޓަކީ ވަރަށް އުނދަގޫ ޓެސްޓެކެވެ.
ޓެސްޓު އުނދަގޫ ވަނީ ދުއްވުމުގައި ޑްރައިވަރުން ބަލަން ޖެހޭ ބެލުން ތަކާއި އަމަލު ކުރަންޖެހޭ ގޮތްތަކުގެ މައްޗަށް ހެދިފައި ހުންނަ ގަވާއިދުތަކަށް ރަނަގަޅަށް ފެތޭ ގޮތަށް ދުއްވަން އެނގޭތޯ ބަލާތީ އެވެ.
މިކަމަށް ތައްޔާރު ކޮށްފައި އޮންނަ، ބަލަން ޖެހޭ ހަމަ ތަކެއް އޮތުމުގެ ސަބަބުން ޓެސްޓު ކުރާ އިންސްޓްރަކްޓަރު ނުވަތަ އެގްޒްމިނަރަށް ވެސް އޭނާގެ އަމިއްލަ ގޮތަކަށް ގޮތް ނިންމުމުގެ ބާރެއް ނޯވެ އެވެ. އެހެންކަމުން މިގަވާއިދުތަކަށް ފެތޭ ގޮތަށް ދުއްވުމުގެ ތަމްރީނު ހޯދުމަށް އެކަމާ ބެހޭ ޚާއްސަ ސްކޫލްތަކަށް ގޮސް ތަމްރީނު ހޯދުމަކީ އެގައުމުތަކުގައި ވެސް އާންމު ކޮށް ކަންތައް ހިނގާ ގޮތެވެ. އެހެނަސް އެކަން މަޖުބޫރެއް ނުވެއެވެ. ޑްރައިވިންގް ސްކޫލަކަށް ދުވަހަކު ނުދިޔައަސް ލައިސްންސް ހޯދުމުގައި އެ ގައުމު ތަކުގައި ހުރަހެއް ވެސް ނޯވެއެވެ.
ރާއްޖޭގައިބވެސް މިވީހާ ތަނަށް ޑްރައިވިން ސްކޫލު ތަކަށް ދިޔުމަކީ ލައިސަންސް ލިބުމަށް އޮންނަ ޝަރުތެއް ކަމުގައި ނޯވެ އެވެ. ނަމަވެސް ޓްރާންސްޕޯޓުން ކުއްލިއަކަށް މިގެނައި ބަދަލުން ފެންނަނީ ޓްރާންސްޕޯޓް މިނިސްޓްރީން ޑްރައިވިންގް ސްކޫލްތަކަށް ޚާއްސަ ފައިދާތަކެއް ހޯދައިދޭން އުޅޭ މަންޒަރެވެ. މިގަވާއިދާ ގުޅިގެން ޑްރައިވިން ސްކޫލުގެ ޑިމާންޑް ވަރަށް ބޮޑުވާނެ ކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ.
އެއާއެކު ޓްރާންސްޕޯޓް މިނިސްޓްރީގެ ވެރިންނާއި ބާރު ގަދަ ބޭފުޅުންނާ ޑްރައިވިން ސްކޫލްތަކާ އޮންނަ ގުޅުން ބޮޑުވެގެންދާ މަންޒަރު ކުރިޔަށް އޮތް ތަނުގައި ފެނިގެން ދިއުމަކީ ރާއްޖޭގައި ކަން ހިނގާ މަގަށް ބަލާ އިރު ނުވުމަށް ވުރެ ވުން ގާތް ކަމެކެވެ.
އެހެން ކަމުން ޓްރާންސްޕޯޓުން އަލަށް މި ނެރުނު ގަވާއިދަކީ އެއިގެ ފައިދާ އަށް ވުރެ ބޮޑަށް އާންމުނަނަށް އުނދަގުލަކަށް ވާނެ ގަވައިދަކަށް ވުމުގެ އިތުރުން އެއީ ކޮރަޕްޝަނަށް ކޮށާލެވޭ ފުޅާ މަގެކެވެ.
ހުރިހާ ދިމާލެއްގައިވެސް ތިބީ ރައްޔިތުންގެ މުދާފޭރޭ ސިޔާސީ ވަފާތެރި ކެހިވެރި ޗޯރުން !