މާލެ ސިޓީ ކައުންސިލުން ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލުކުރުމާ ގުޅިގެން އެޗްޑީސީން ސިވިލް ކޯޓަށް ހުށައެޅި މައްސަލާގައި ނެރުނު ވަގުތީ އަމުރު ސިޓީ ކައުންސިލުން ހައި ކޯޓުގައި އިސްތިއުނާފު ކުރަން ނިންމައިފި އެވެ.

އެ ކައުންސިލްގެ މީޑިއާ އޮފިޝަލް މަރިޔަމް ޝިއުނާ ވިދާޅުވެފައި ވަނީ ހުޅުމާލޭ ބިމުގެ މައްސަލައިގައި ސިވިލް ކޯޓުން ނެރުނު ވަގުތީ އަމުރު އިސްތިއުނާފް ކުރަން މި ހަފްތާ ތެރޭގައި ހައި ކޯޓަށް ފޮނުވާނެ ކަމަށެވެ.

ހުޅުމާލޭގެ ބިމުގެ މައްސަލަ ބޮޑުވީ އެޗްޑީސީއަށް ކުރީގެ ހައުސިން މިނިސްޓްރީން ދޫކޮށްފައިވާ އެ ރަށުގެ ބިމުގެ ރަޖިސްޓަރީ އުވައިލުމަށް މާލޭ ސިޓީ ކައުންސިލުން ފާސްކުރުމުންނެވެ. އެ މައްސަލާގައި ލޯކަލް ގަވާމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ވެސް ވަނީ އެ ނިންމުމަށް އަމަލުކުރުން މަޑުޖައްސައިލަން އަންގާފަ އެވެ.

މި މައްސަލައިގައި ސިވިލް ކޯޓުން މިމަހުގެ 16 ވަނަ ދުވަހު ނެރެނު އަމުރުގައި ބުނެފައިވަނީ ސިޓީ ކައުންސިލްގެ ނިންމުމުގެ ސަބަބުން އެޗްޑީސީއަށް އިއާދަނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބިގެން ހިނގައިދާނެތީ އެ ނިންމުމަށް އަމަލުކުރުން ފަސް ކުރަން އަމުރުކުރާ ކަމަށެވެ. އެ އަމުރާ ގުޅޭ މައްސަލަ ނިމެންދެން އަމުރު ދެމި އޮންނާނެ އެވެ.

އެ އަމުރު ނެރުނީ ހުޅުމާލެ ތަރައްގީކުރުމަށް ކުރި ހަރަދާއި އެކަމަށްޓަކައި ނެގި ލޯނުތަކަކީ އެޗްޑީސީގެ ޒިންމާގައި އޮތް އެއްޗަކަށްވާތީ އެކަމަށް ވެސް ބަލާފަ އެވެ.

ސިވިލް ކޯޓުގެ އަމުރުގައި އެޗްޑީސީން ހުޅުމާލޭގެ ތަރައްގީއަށް މިހާރު ކުރަމުންދާ މަސައްކަތްތަކަށް ހުރަހެއް އެޅޭނެ އެއްވެސް ކަމެއް ނުކުރުމަށާއި ސިޓީ ކައުންސިލްގެ ނިންމުން ތަންފީޒުކުރުމުގެ ގޮތުން ވެސް އެއްވެސް ކަމެއް ނުކުރުމަށް އަންގާފައިވެ އެވެ.

އެ ރަޖިސްޓަރީ ބާތިލުކުރީ ގާނޫނާ ޚިލާފަށް ކަމުގައި ބުނެ، އެކަމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ހޯދުމަށް އެޗްޑީސީން ވަނީ ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅާފަ އެވެ. އަދި އެ މައްސަލާގައި ޑިސްޕިއުޓް މަރުހަލާގައި ދެ ފަރާތުގެ މެދުގައި ވާހަކަދައްކައިގެން ހައްލެއް ނުލިބުމުން އެ މައްސަލައިގެ ޝަރީއަތް ފެށުމަށް ވަނީ ނިންމާފަ އެވެ.