ސްޓެލްކޯގެ ޗެއާމަން މުހައްމަދު ރަޝީދު އަވަހާރަވެއްޖެ އެވެ.
ރަޝީދު 70، އަވަހާރަވެފައިވަނީ އާލާސްކަންފުޅާ ގިނަ ދުވަސްތަކެއް ވަންދެން އުޅުއްވުމަށްފަހު މިއަދު މެންދުރު އޭޑީކޭ ހޮސްޕިޓަލުގަ އެވެ.
"ޗެއާމަން މުޙައްމަދު ރަޝީދު ވަނީ އެކި މަގާމުތަކުގައި މިކުންފުންޏަށް 50 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައި. މި ހިތާމަވެރި ވަގުތުގައި މިކުންފުނީގެ ބޯޑް މެމްބަރުންނާއި، އިސްވެރިން އަދި އެންމެހާ މުވައްޒަފުންގެ ނަމުގައި މަރުޙޫމްގެ އާއިލާއަށް ނުހަނު އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ދަންނަވަން. މާތް ﷲ މަރުޙޫމްގެ ފާފަ ފުއްސަވައި ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރައްވާށި." ސްޓެލްކޯ އިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
ރަޝީދު އެ ކުންފުންޏާ އެންމެ ފުރަތަމަ ގުޅިވަޑައިގެންނެވީ 1971 ވަނަ އަހަރު އެޕްރެންޓިސްޝިޕްގަ އެވެ. އޭގެ ފަހުން އިންޖީނިއަރުކަމާއި، ޑެޕިއުޓީ ޑިރެކްޓަ މެނޭޖީރިއަލްގެ އިތުރުން އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމާއި، އެސިސްޓެންޓް މެނޭޖިން ޑިރެކްޓަރުގެ މަގާމާއި، ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމާއި، މިކުންފުނީގެ ސީއީއޯގެ މަގާމު ވެސް ފުރުއްވާފައިވެ އެވެ.
ސްޓެލްކޯގެ ޗެއާމަން ކަމުގެ މަގާމަށް ރަޝީދު އައްޔަން ކުރައްވާފައިވަނީ ފެބްރުއަރީ 12، 2019 ގަ އެވެ.